ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ.-- ފޮޓޯ: މިހާރު
19 ޖުލައި 2025 - 12:20
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދު ހުދު އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް ހެނދުނު 9:45 އިން 3:30 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
އޭގެ ތެރެއިން، އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ. އެއާއެކު، ކަނޑުތައް ގަދަވެ، އުދައަރާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ހަފުތާ ބަންދު ފެށުމާއެކު، ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފަ އެވެ. އެހެންވެ، ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އެދިފަ އެވެ.
އެ އިދާރާއިން ބުނީ މާދަމާގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވެ، ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެފަހު މައުލޫމާތު ހޯދަން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy