މަރިޔަމް ޒުބައިރު: އޭނާ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރާ ބެހުނުކަން ސާބިތުވާ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/އެމްޑީޕީ
20 ޖުލައި 2025 - 14:18
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ ސަބަބުން އެ ކުއްޖާގެ އަބުރު ގެއްލުނުކަން ސާބިތުވާ ކަމަށާއި ނަމަވެސް އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކަމަށް ޒިންމާވާން ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ ވާހަކަ ދެއްކި މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާކަން ސާބިތުވާ ކަމަށެވެ. އަދި އެކަމުން ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް އެކަމަކީ ފައްޔާޒާއި އެމްޑީޕީން ސީދާ ގޮތެއްގައި ކުރި ކަމަކަށް ނުވާތީ އާއި ވައިކޭރިއަސް ލައިބިލިޓީގެ ދަށުން އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން އެ އަމަލަށް ޒިންމާވާން ޖެހޭ ކަމެއް އެ މައްސަލާގައި ފާހަގަނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ފައްޔާޒާއި އެމްޑީޕީގެ ފަރާތުން ދިފާއުއެއް ހުށަހަޅާފައި ނުވާތީ، އެ ފަރާތްތަކުގެ ޣައިރު ހާޒިރުގައި ހުކުމްކުރަން ފަސްޓްލޭޑީގެ ފަރާތުން އެދިފައިވިޔަސް، ޣައިރު ހާޒިރުގައި ކުރާ ހުކުމެއްގައި ފައްޔާޒާއި އެމްޑީޕީ އެކަމަށް ޒިންމާ ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ފަސްޓްލޭޑީގެ ފަރާތުން އެދިވަޑައިގެންފައި އޮތީ މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން މާފަށް އެދުމަށް މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ. ނަމަވެސް ކޯޓުގެ ހުކުމުގައިވަނީ މަޖުބޫރު ކޮށްގެން މާފަށް އެދެން އެންގުން، މާފުކުރަން އެދުމުގެ ތަބީއަތާ ހިލާފް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވެސް މައާފަށް އެދެން އެންގުމަކީ، އާންމުކޮށް ގާނޫނުތަކުގެ ދަށުން ކުރެވޭ ކަމަކަށް ވާއިރު، ރާއްޖޭގައި އެފަދަ ގާނޫނެއް ނެތުމުން މާފަށް އެދެން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރިއިރު، މަންދީ ދެއްކި ވާހަކަތަކުގެ މައްސަލަ ފުލުހުން ވެސް ކުރިން ބެލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަންދީ
22 July 2025
އެހެން މީހުންގެ ދަރިންގެ ދިރިއުޅުން ބޭނުންކޮށްގެން ސިޔާސީކުޅި ކުޅުން އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް. މަންދީއަށް އެނގުނީހީ މަންދީގެ ދަރިއެއް ނުވަތަ މާމަ ދަރިއެއް ލަދުގަނެ އަގުވެއްޓޭ ކަހަލަ ކަމެއް އެހެން ބަޔަކު ފާޅުކޮށްގެން މުޅި ގައުމުގަ މަންދީގެ އާއިލާ ފަޟީހަތްވިނަމަ. ކުދިންނާ ނުބެހި ސިޔާސީ ކަންކަން ކުރަން ނޭނގޭނަމަ އެމީހަކު ސިޔާސީ ކަންކަމާ ދުރުވާންޖެހޭ.
އައްޔާޭ
21 July 2025
ތިއޭ މައްސަލައަކީ. މާފްކުރަން އެންގުމާބެހޭ ގާނޫނެއް ނެތޭ ކިޔައި ކޯޓަކަށް ތިކަމުން ނުރެކެވޭނެ. ގާޟީއަށް ރައްޔިތުން އޮތީ އެފަދަ ހެޔޮ އަމަލުތަކަށް ބާރު ދީފަ. އިސްލާމީ ޝަރީއަތް އޮންނާނެ ތިކަމުގަ އެހެން ގާނޫނެއް ނެތިއްޔާ. އެއިގެ ދަށުންވެސް އެންގޭނެ މާފަށް އެދެން. ބޯހަލާކު. މާފަށްވެސް އެދެން އެންގޭނެ ނުބައި ޖަރީމާ ހިންގީމަ. މިތިބަ ބަޔަކު ގައުމު ހަލާކު ނުކޮށްބަލަ. ހަމަ ހިތު ހުރި ވާހަކައެއް މީހުންނާމެދު ނުދެއްކޭނެ. އެ ހުންނަނީ ބޮޑެތި މާސިންގާ ޖަރީމާ.
އައިޝަތް މާހާ
21 July 2025
އަލްހަމްދުﷲ. ދަރިން ބޭނުން ނުކޮށް މީގެ ފަހުން އެމްޑީޕީއިންވެސް ސިޔާސީ ކަންކަން ކުރިޔަށް ގެންދޭ
އަޒުމް މުހައްމަދު
21 July 2025
މީ ވަރަށް އުފާވެރި ހަބަރެއް. މައިންބަފައިންނަށް ލިބުނު ބޮޑު ކާމިޔާބެއް
ރަގަޅު----
21 July 2025
މަންދީ ސިސް މަމެންނަކީވެސް މުއިއްޒަށް ސަޕޯޓް ކުރާ ބައެއްނޫން. މިވީހާތަނަށް ކިސަޑު އުކިއިރުވެސް ބައެއްގެ އުމުރު ހަމަނުވާ ދަރިންނާ ނުބެހޭ އަދި އަންހެން ކުއްޖާގެ ފޮޓޯ ޖަހައިގެން. ތިޔަ ޑީމޮކްރަސީއެއް އައިތ ާ20 އަހަރު ވަނީ ތޯއްޗެ. އަންހެން ކުދިނަށް ފުރައްސާރަ ކުރީމާ ދިވެހިން އެހެން ގޮތެއްވާނެ. އަމުދުން ކިޔަވާ ކުދިން. އެއެޅެނީ އެކުދިންގެ ކިޔެވުމަށް ހުރަސް. އެންމެ ދަށު ދަރަޖައިގެ ކަންކަންތައް. ޒުވާން ކުދިންގެ ފޮޓޯ ޖަހައިގެން ކަޑަ. ވ. ކަޑަ.
އެހެން
21 July 2025
އަޅުގަނޑަށް ފެނުނުތަނުގަ، މެޑަމް ކަނޑައެޅުއްވި ވަކީލް، ލައިވްއަށް އަރައި އިންނަވާ، ރައީސްގެ ބޭފުޅެއްގެ ނަން ހާމަ ކުރުމުން އަބުރު ގެއްލުނީ... އޭގެ ކުރިން ގިނަ މީހުނަކަށް ނޭނގެ ކޮންނަމެއް ކިޔާ ބޭފުޅެއްގެ ވާހަކަ ކަމެއް ވެސް ބައެއް މީހުން އެދައްކަނީ...... ރަޢީސްގެ ހުންނަނީ އެންމެ ބޭފުޅެއް ނޫން ދެއްތޮ؟
ނިރު
20 July 2025
ތި ކަންތައް ކުރި މީހުންނަށް( މ.ފ ) އެކަންތައް އަރާހަމަކުރާނެ.... އިންސާނާގެ އަބުރު ވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ ހުރުމަތްތެރި ކުރައްވާފަ. މިއީ ތޯތޯ ކަންތަކެއް ނޫން. ތިމާ ކިތަންމެ މޮޅުނަސަބަކުން އަޔަކަސް!
އައިމިނާ
20 July 2025
ތިޔަމީހުން ކިތަންމެ ނާޗަރަންގީއެއް ޗަރުކޭހެއް ކުޅުނަސް ކުދިންނާ ނުބެހޭށޭ. ތިޔަ މީސްމީހުން ބެހެން ޖެހޭ މީހުންނާ ބެހޭށޭ. ކުދިން ސިޔާސީކަންކަމުގަ ނޫޅޭ ނޫންހޭ. އުޅޭނަމަ ބެހެވޭނެ. މަޢުސޫމް ކުދިންނާ ނުބެހޭށޭ.
އ
20 July 2025
ސިވިލް ކޯޓުން ތި ނިންމީ ވަރައް ބޮޑު މަސައްކަތެއް.. ދެން ޕާޓީ ކުދިން އަތްޖަހާ... ބާރައް އަތްޖަހާ....
އަހުމަދުބޭ
20 July 2025
މިފަދަ ގާނޫނުތަށް ހަދައިގެން މާމޮޅު ގަނޫނު އަސާސީއަކާ އަދި ޑިމޮކްރަސީއެއް ގެނެވިގެން މުޅި ގައުމުގެ އަބުރާއިއްޒަތް ހަލާކުވެ، އަދަބެއް ސަދަބެއް ނެތި މުޅިގައުމު ވެއްޔާ ބޮޑަލައިފިއެވެ، ދެން މިޖެހުނީ މާފަށް އެދޭ ގާނޫނު ހަދަން މިއޮތީވާ ޑިމޮކޮރަސީއެއް، މީގެން މިންޖުވެގެން ނޫންގޮތަކަށް ގައުމު ހަމަޔަކަށް ދެން ނޭޅުވޭނެ. ދެން ބަލާތި އެއްވުން ތަކުގައި ލޯދިލުވާލަން ނުކެރޭނެ