އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފަސްޓްލޭޑީ ސާޖިދާ އަހުމަދު ވަނީ އޭނާގެ މައްޗަށް އަބުރުގެ ދައުވާ އުފުލާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
16 އެޕްރީލް 2025 - 13:29
އިދިކޮޅު އެމްޑީޕީން ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ދައުވާކޮށްފި އެވެ.
ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަ، އަދި ފަސްޓްލޭޑީ ސާޖިދާ ފަރާތުން މަންދީގެ މައްޗަށް ދައުވާކޮށް ކުރިން ސިވިލް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އޭގެއިތުރުން މަންދީގެ މައްސަލަ މިހާރު ވަނީ ފެމެލީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
އާޒިމާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް އަބުރުގެ ދައުވާކޮށް، އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ދަރިކަލުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ފެމެލީ ކޯޓުގައި ވެސް ދައުވާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން ރައީސްގެ އާއިލާގެ ވަކީލުން ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތްކޮށްފައި ނުވާތީ އެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވި ކަަމަށް ބުނެ އެވެ.
މަންދީގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެމްޑީޕީން ވަނީ ކުއްޖާގެ ނަން ހާމަކޮށް ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލް ކަމަށް ބުނެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދްނާންް
17 April 2025
އެހެންމީހުން ދަރިންނާ ބެހިގެން ދައުވާ ނުކުރިޔަސް އޭގެ މާނައެއްނޫން ފަސްޓް ލޭޑީއަށް އެކަން ނުވާނެޔޭ.
ސަނާާ
17 April 2025
މަންމައެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު ގުރުބާނީއެއް އެމަންމަޔަކުވާނީ ކޮންމެ ދަރިޔަކަށްވެސް. މިއީ އެއްވެސް މައްސަލައެއްނޫން
އިޒްމީީ
17 April 2025
ބަރާބަރު. އެހެން ބޭނުންހާގޮތަކަށް ފައްޔާޒް މެންނަށް އެއްޗެހި ނުބުނެވޭނެ. އެމީހުންގެ އަމިއްލަ ދަރިން އިސްލާހުކުރަން އުޅުނިއްޔާ މާތާހިރުވާނެ.
ނިމްޝާާ
17 April 2025
ސިޔާސީ ކަންކަމުގައި ދަރިން ބޭނުންކޮށްގެން މޮޅެތި ވާހަކަދައްކާ ރައްޔިތުންތެރޭ އެ ދަރިންނަށް ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން، އެއީ ވަރަށް ނަޖިސް އަމަލެއް.
މުފްލިހްް
17 April 2025
ކުޑަކުދިންނާ ބެހޭ މީހުންނަށް ދައުވާކުރުން އެއީ އަދި ކުޑަވަރެއް. އަދަބެއް ދޭންޖެހޭ މިފަދަ މީހުންނަށް. އޭރަށްތާ އެހެން މީހުންނަށްވެސް އިބްރަތަކަށް ވާނީ.
ތޫބާ ނާޒިމް
17 April 2025
ސިޔާސީ ވިޔަސް އަބި ދަރިން މިކަމުގައި ބޭނުން ކޮށްގެން ނުވާނެ. ފައްޔާޒްމެން ލަދު ގަންނަންވާނެ މިކަހަލަ ކަންކަން ކޮށްފަ ވެރިކަމަށް ލާން
އައިޝަތް މާހާ
17 April 2025
ވެރިކަމަށް ބޫތި ކައިފި ތިބި ވަރުން އެއްވެސް އަސްލެއް ނެތް ވާހަކަ ދައްކައިގެން މީހުންގެ ދަރިން ބޭނުން ކުރާނީ. މިކަން ބަލައި ނުގަނެވޭނެ.
ސިހާމް ހަސަން
17 April 2025
ބަރާބަރު. މީ ހުރިހާ ޕޭރެންޓުންގެ ހައްގުގައި ކުރާ ކަމެއް.
ރިޝްވާންް
17 April 2025
މިކަން ސިޔާސީ ކުރިޔަސް ވަރިހަމަ މީގެ ސަބަބުން ފައިދާ ވާނީކީ ވަކި ޕާޓީ އެއްގެ މީހަކަށް ނޫން، މީ އެންމެގެ މަސްލަހަތައް ކުރަންޖެހޭ ކަމެއް
ނުއުމާން
17 April 2025
ކޮންފަދަ ނާތަހުޒީބު އަމަލެއް މީހުންގެ ޅަ ދަރިންނާ ބެހުން. އެއްވެސް ބަޔަކަށް އެކަމެއް ހަޖަމެއް ނުވާނެ