ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން.-- ފޮޓޯ: މަޖިލިސް
22 ޖުލައި 2025 - 14:23
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު އާންމުންގެ ފެންނަ/ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ހެނދުނު ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނުދާ ކަމަށް ބުނެފި އެވެ.
ކޮމިޓީގެ ބައްދަލުވުމަށް ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުވަތު ދިންއިރު، އެމްޑީޕީ އާއި ޕީއެންއެފްގެ ބޭފުޅުން ވަޑައނުގަންނަވަ އެވެ. އެ ބައްދަލުވުމަށް އެ ދެ ޕާޓީއަށް ވެސް ދައުވަތު ދީފައިވެ އެވެ.
އެ ބައްދަލުވުމަށް ދިޔައީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީ އަދި އަދާލަތު ޕާޓީންނެވެ.
"ޕީއެންއެފާއި އެމްޑީޕީ އަށް ވެސް އަޅުގަނޑުމެން ދައުވަތު ދިިނިން. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދު އަދި އެ ބޭފުޅުންނަށް ކަން ދިމާކުރި ގޮތުން ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ މި ބިލު ދިރާސާކުރުމުގައި މި ދާ ދުވަސްތަކުގައި ކޮންމެވެސް ދުވަހެއްގައި ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް،" ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން.-- ފޮޓޯ: މަޖިލިސް
ކޮމިޓީއަށް ވަޑައިގެންނެވި ޕާޓީތަކުގެ ބޭފުޅުން ހުށަހެޅުއްވި ހިޔާލުތައް ކޮމިޓީގެ މެމްބަރުން ވަނީ އަޑުއައްސަވައިފަ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައި އާންމުން ފެންނަ ނުފެންނަ ގޮތެއް ހޯދަން އެހުމަށެވެ.
އެ ބިލުގައި ބުނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށެވެ.
އެ ބިލަށް މަޝްވަރާ ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބޭފުޅުން ވެސް އިއްޔެގެ ކޮމިޓީގެ ބައްދަލުވުމަށް ދައުވަތު ދީގެން ގެންދެވި އެވެ.
އެކަމާ ގުޅޭގޮތުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރެފަރެންޑް ނުވަތަ ފެންނަ/ނުފެންނަ ވޯޓެއް ކުރިއަށް ގެންދެވޭނީ އާންމުން ހޭލުންތެރިކުރުމަށް ފަހުގައި ކަމަށެވެ. އެހެންވެ، އިންތިހާބު ބާއްވަން މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެހެން އިންތިހާބުތައް ބާއްވަން ދީފައިވާ މުއްދަތުތަކެކޭ އެއްގޮތަށް 45-120 ދުވަހުގެ މުއްދަތެއް ދީފި ނަމަ ފަސޭހަވާނެ ކަމަށެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ފެންނަ/ނުފެންނަ ވޯޓަކަށް އަހަން ނިންމާފައިވާ އިއުލާންކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެންނާނީ ރައްޔިތުންގެ ވޯޓަކަށް ގޮސް ރައްޔިތުންގެ ހިޔާލާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާސިލް
22 July 2025
މަޝްވަރާއެއް އެމްޑީޕީއަކަށް ބޭނުމެއް ނުވާނެއެވެ. އެމީހުން ބޭނުންވާނީ ހަމަ އެކަނި ވެރިކަމެވެ. ދައުލަތުގެ ތިޖޫރީ ނޫން އެއްޗެއް އެމްޑީޕީއަކަށް މުހިއްމެއް ނުވާނެއެވެ. މިހާރު އަމުދުން އެމްޑީޕީގެ އެތެރޭގައި ވެރިކަމުގެ ދަހިވެތި ކަމުގެ އޮއިވަރު ބާރުވެ އެންމެން ރިޔާސީ ޓިކެޓަށް ފައިނަގައިގެން ތިބީމާ އެހެން ވާނެއެވެ. ރާއްޖޭގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގައި ތިޔަ އެމްޑީޕީގެ މަޝްވަރާއެއް އަދި ލަފައެއް ހޯދުން ކޮންމެހެން މުހިއްމެއް ނުވާނެއެވެ.
އަސްލު ގެންނަން ބޭނުމެއްވެސް ނުވޭ!
22 July 2025
ވަޒީފާގަ ބާކީކޮށްލާފަ ހުންނަ ސޮރު މީޓިންގް އަށް ނައި ކަހަލަ ވާހަކައެއް ދެއްތޮ؟
ވެލްސް
22 July 2025
ރައްޔިތުންނަށް ބުނެލަން ގިނަ އިންތިހާބު އޮތްވަރަކަށް ގިނަކަންކަން ވާނީ. ޙަރަދު ކުޑަކުރަން 2 އިންތިހާބު އެެއްކޮށްލީމަ ސަލާމަތްވި ލާރިކޮޅު ވަންނާނީ ސަރުކާރުގެ ބޮޑުންނާއި ސިޔާސީ މީހުންގެ ޖީބަށް. އެހެންވީމަ ރައްޔިތަކަށް ތިކަމުގަ ފައިދާއެއް ނެތް އިރު އެންމެ އިންތިހާބެއް އައީމަ އިންތިހާބާ ދިމާކޮށްފަ ރަނގަޅު ކޭމެއް ދީފަ ދެން ރައްޔިތުން ބަހައްޓާނީ ކުދިކުދި އެތިކޮޅު ދީގެން ބަނޑަށް
އ އަހްމަދު
22 July 2025
މިހާރު ހުރިހާކަމަކަށްވެސް މަސްވަރާ ދޭންހުރީ ޕީއެންސީ ޕީޖީ ލީޑަރު ފަލާހް އޭނަގެމަސްވަރާމަތިން ހުރިހާކަމެއްވެސް ހިނގަނީ ދެންކީއްކުރަން އިދިކޮޅުންދާންވީ އިދިކޮޅުމީހަކު ކިތަންމެރަނގަޅުމަސްވަރާއެއްދިނަސް އެބަލައިގަތުމުގެ ގާބިލްކަންނެތްބަޔަކަށް މަސްވަރާދިނުމަކީ ބޭކާރުކަމެއް
ހަސީނާާ
22 July 2025
މިހާރުވެސް އިންތިހާބުތައް މިހެން އޮންނާތީ ވައުދުނާމާ ހިފައިގެން ރައްޔިތުން ކައިރިއަށް އާދެވެނީ. ހުރިހާ އެއްޗެއް އެކައްޗަކަށް ހެދީމާ މުތުލަގު ބާރު އެ ދެވެނީ، ދައުރު އެއްކޮށް ހަދާނެ އެއްޗެއް ހަދަން
ހައްޖަ.
22 July 2025
ކިއްކުރަން ދާންވީ ހަދާ އެއްޗެއް ހަދާބަލަ.ކޮންމަސްވަރާ އެއް ތަ ކުރަން ވީ.
ޙައްގުބަސް.
22 July 2025
އެމްޑީޕީ އަކީ ރާއްޖެ ފަސާދަކުރަން ނިކުމެ އުޅޭ ޕާޓީއެއް
ކުޑަ ކާފު
22 July 2025
ރާއްޖޭގެ ރަސްކަން ރިޔާސީވެރިކަމަކަށް ބަދަލްކޮށްލި ޕާޓީ.
އަސްލު.......
22 July 2025
މަޝްވަރާދެއްވިއަސް މަޝްވަރާ އަށް އިހުތިރާމް ނުކުރައްވާ ބަޔަކަށް އިތުރު މަޝްވަރާ ދިނުމަށް ދިއުމަކީ ބޮޑުމޮޔަކަމެއް..
މަޝްވަރާ
22 July 2025
މަޝްވަރާ ކުރުމުގެ ހިތްވަރު ނެތުމަކީ ފިިނޑިކަމާއި، ނޭއްގާނީކަމާއި، ބޮޑާކަން ފަދަ ނޭއްގާނީ ސިފަތަކުގެ ރަމްޒެއް. އަދި އެމްޑީޕީ އަކީ އެމީހުންގެ ފުރަތަމަ ވެރިކަމުގައި "ޗާޓުން ބޭރުން" ކަންކަން ކުރާނެކަމަަށް ބުނެ، އެގޮތަށް ކަންކަން ކުރި ބައެެއް. މިފަދަ ބަޔަކަށް ކުރެވޭނެ މަޝްވަރާއެއް، އަދި ރީތި ސުލްހަވެރި ގޮތުގައި ކުރެވޭނެ ކަމެއްވެސް ނޯންނާނެ.