ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އިނގިރޭސި ވިލާތުގައި މުޒާހަރާކުރަނީ: އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ސަރުކާރު ތެރެއިން އަންނަނީ ގޮވާލަމުން. -- ފޮޓޯ: އޭއެފްޕީ
25 ޖުލައި 2025 - 17:22
އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުންނާއި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންގެ ފަރާތުން ބޮޑުވަޒީރު ކިއާ ސްޓާމާ އަށް ބާރުއެޅުން އިތުރުވެއްޖެ އެވެ.
ޣައްޒާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި އަދި އެ ހާލަތަށް ކަންތައް ގެންދިއުން ކުށްވެރިކުރައްވައި، ބޮޑުވަޒީރު ސްޓާމާ ބަޔާނެއް ނެރުއްވާފައި ވާއިރު އޭގައި އޭނާ ވިދާޅުވެފައިވަނީ "ދައުލަތެއްގެ ދަރަޖައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް" ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމެއް ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރައްވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫކޭގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން އާއި ޖަސްޓިސް ސެކްރެޓަރީ ޝަބާނާ މަހްމޫދާއި ނޮދަން އަޔަލެންޑް ސެކްރެޓަރީ ހިލަރީ ބެން އަދި ކަލްޗާ ސެކްރެޓަރީ ލީސާ ނަންދީ ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ މަސައްކަތް ހަލުވިކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
އިޒްރޭލުން ސިއްހީ ހިދުމަތްތެރިންނާއި އާންމުންނަށް ދޭ ހަމަލާތައް ކުށްވެރިކުރައްވައި، ހައުސް އޮފް ކޮމަންސްގައި މިދިޔަ އަންގާރަ ދުވަހު ސްޓްރީޓިން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ލޭބާ ޕާޓީގެ 60 މެމްބަރަކު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން މިއަދު ފްރާންސްގެ ރައީސް މެކްރޮން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފްރާންސުން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަ އެނަލިސްޓް
25 July 2025
ފްރާންސް ޔޫކޭގެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތް ވުޖޫދުވުމުގެ ކޮޅުމަތި ފެންނަން ފެށީއޭ ބުނެވިދާނެ. އެކަމަކު އެމެރިކާ އަދި އޮތީކީ މިކަން ގަބޫލުކުރާ ގޮތަކަށްނޫން. އދ ގެ ނިޒާމް ރޭވިފަ އޮންނަގޮތުން ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެންބަރުންގެ ރުހުން މިކަމަށް ބޭނުންވޭ. ފަލަސްތީނު ބިމުގަ އިޒްރޭލު ދެމިއޮތުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ވަރަށްބޮޑަށް ގުޅިފަ އޮތްކަމެއް ކަމުން ކައިރި މުސްތަގްބަލެއްގަ އަދި މިނިވަން ފަލަސްތީނު އުފެދުން ދުރު.