ފަލަސްތީނުގެ ހައްގުތައް ދިނުމަށް ގޮވާލައި މިދިޔަ އޯގަސްޓް މަހު މާލޭގައި ބޭއްވި އެއްވުމެއްގައި ފަލަސްތީނުގެ ދިދަ ވިހުރަނީ: ހުޅަނގުގެ ގައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު ރާއްޖޭން ވަނީ އެކަމަށް މަރުހަބާ ކިޔާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
22 ސެޕްޓެމްބަރ 2025 - 12:43
ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން ނިންމުމުން ރާއްޖޭން އެކަމަށް މަރުހަބާކިޔައިފި އެވެ.
ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންނަށް ދައުލަތެއް ހަދައިދިނުމުގައި އެންމެ އިސްކޮށް މަސަައްކަތްކުރި އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތްކަން އިއުލާނުކުރީ އިއްޔެ އެވެ. ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ވަނީ ފަލަސްތީނު ބަލައިގަތްކަން އިއްޔެ އިއުލާނުކޮށްފަ އެވެ.
އެ ތިން ގައުމުން އެކަން އިއުލާނުކުރުމުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ސަރަހައްދީ ސުލްހައަ އާއި ހަމަޖެހުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"... އެކަމުން ދޭހަކޮށްދެނީ ފަލަސްތީނު މީހުންނަށް އަމާންކަމާއި އިއްޒަތާއި އިންސާނީ ކަރާމާތް ހޯދައިދިނުމަކީ ވަރަށް އަވަހަށް ކުރަންޖެހޭ ކަމެއްކަން ގައުމުތަކުން އެއްބަސްވާ އެއްބަސްވުން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ކުރާ މަސައްކަތަށް އެހެން ގައުމުތަކުން ވެސް ތާއީދުކުރަން އެ ބަޔާނުގައި ރާއްޖޭން ގޮވައިލި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާތަކަށް އިނާމު ދިނުން ކަމަށް ބުނެ ރުޅިވެރިކަމާ އެކު ރައްދު ދީފަ އެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން އިތުރުކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަން އިއުލާނުކުރާ ހުޅަނގުގެ ގައުމުތަކުން ބުނަމުން އަންނަނީ ހަމާސްގެ ބައިވެރިވުން އޮންނަ ދައުލަތެއް ގަބޫލު ނުކުރާނެ ކަމަށެވެ.
މިކަން އިއުލާނުކޮށްފައި މި ވަނީ މި މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި ވަނިކޮށެވެ. އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިތުރުން ފްރާންސާއި ޕޯޗުގަލް ވެސް ހިމެނެ އެވެ.
އަންނަ ހަފުތާގައި ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް ދެކެވޭނެ ކަމަށް ބެލެވިފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް "ދެ ދައުލަތުގެ ހައްލު" ހޯދުމާ ބެހޭ ވާހަކަ އެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނީސް
22 September 2025
ރާއްޖެއިން ފަލަސްޠީން ބަލައިގެންފިތަ؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
22 September 2025
ހަމާސްއިން އިޒްރޭލަށް ހަމަލާ ދިނުމުން އެއީ ޓެރަރިޒަމް ކަމަށްވޭ އެކަމަކު އިޒްރޭލުން ގަތަރަށް ހަމަލާ ދިނުމަކީ ޓެރަރިޒަމްއަކަށް ނުވޭ. މިއީ ކިހިނެތް ގަބޫލު ކުރެވޭނެ ކަމެއް؟؟؟ އިޒްރޭލުން އެކަނިތަ ޓެރަރިސްޓުން ކަނޑައަޅަނީ؟؟؟ އެމީހުންނަކީ މަތިން ބާއްވާލެއްވި ބައެއްތަ؟؟؟
ދޮޅި ހުސޭނު
22 September 2025
ހަމާސްއަކީވެސް ހަމަ ފަލަސްތީނު މީހުން އެއްވެގެން ހަދާފައިވާ ޖަމާއަތެއް. ހަމާސްއާ ނުލާ ފަލަސްތީނެއް ނޯންނާނެ. އެއީ ފަލަސްތީނު ރައްޔިތުންގެ އެއްބައި. އެހެންވީމަ ހުޅަނގުގެ ގައުމުތަކުން މިކިޔަނީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ހަމާސް ގަބޫލު ނުކުރާނަމަ އިޒްރޭލުވެސް ގަބޫލުކޮށްގެން ނުވާނެ. ދެބައި މީހުންވެސް އެއީ 'ޓެރަރިސްޓުން'. މިކަމުގައި އޮތް އިންސާފްވެރި ގޮތަކީ މިއީ