ތައިލެންޑު ސިފައިން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަނީ: ހަމަލާތައް ވަރުގަދަވެ ގިނަ ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
27 ޖުލައި 2025 - 05:43
ތައިލެންޑާއި ކެމްބޯޑިއާއިން ބޯޑަރު ސަރަހައްދުގައި އެއްގައުމުން އަނެއް ގައުމަށް ދެމުން ގެންދާ ހަމަލާތައް ތިން ވަނަ ދުވަހަކަށް ދެމިގެން ގޮސްފައި ވާއިރު މިހާތަނަށް ހަމަލާތަކުގައި 33 މީހުން މަރުވެއްޖެ އެވެ.
ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ 150،000 މީހަކު ވަނީ މި ހަމަނުޖެހުންތަކުން ސަލާމަތްވާން އެހެން ހިސާބުތަކަށް ގޮސްފަ އެވެ.
މައި ފްރޮންޓްލައިންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު (160 މޭލު) ދުރުގައި އޮންނަ ގަލްފް އޮފް ތައިލެންޑްގައި ދެ ގައުމު ބައްދަލުވާ ގޮނޑުދޮށުގެ ސަރަހައްދުތަކުގައި ފަހުގެ ތާރީހެއްގައި ހިނގި ފުރަތަމަ ކުރިމަތިލުންތަކަށް ފަހު އިއްޔެ ވެސް ވަނީ ބައެއް ގޮވުންތައް ގޮވައިފަ އެވެ.
މަތިންދާބޯޓާއި ހަތިޔާރު އެޅި އުޅަނދުތަކާއި އެއްގަމު މަގުން ސިފައިން ވެސް ހަމަލާ ދެމުން ދާއިރު ދެ ގައުމުން ވެސް ބުނަމުން އަންނަނީ ހަމަލާތައް ހުއްޓާލަން ބޭނުންވާ ކަމަށެވެ. އެކަމަކު ސުލްހަ ނުވެވިގެން އުޅޭ ސަބަބުގެ ގޮތުގައި ކޮންމެ ގައުމަކުން ވެސް ދައްކަނީ އަނެއް ގައުމުގެ މައްސަލަތަކެވެ.
އެންމެ ފުރަތަމަ މައްސަލަ ހޫނުވީ ޒަމާންވީ ފައްޅިތަކާއި އާސާރުތައް ހުންނަ ސަރަހައްދަކާ މެދު އޮންނަ ޒަމާންވީ ދެބަސްވުމާ އެކުގަ އެވެ. އޭގެ ފަހުން އެކި ހިސާބުތަކަށް ވަނީ ހަމަނުޖެހުން ފެތުރިފަ އެވެ. މިއީ ޖަންގަލިތަކާއި ހަނޑޫ ފަދަ ދަނޑުބިންތަކުން ފޮރުވިފައިވާ ފަރުބަދަމަތީ ހިސާބެކެވެ.
ކެމްބޯޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އާންމުންގެ އަށް މީހަކާއި ފަސް ސިފައިން ހިމެނޭ ކަމަށެވެ. އަދި 71 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
ތައިލެންޑްގެ އިދާރާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުން އާންމުންގެ 13 މީހުންނާއި ހަތް ސިފައިން މަރުވެފައިވެ އެވެ.
މިއީ 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު ހިނގި އެންމެ ބޮޑު ހަމަނުޖެހުންތަކުގައި މީހުން މަރުވި އަދަދަށް ވުރެ ވެސް މަތީ އަދަދެކެވެ.
ގައުމުތަކުން އަންނަނީ ތައިލެންޑާއި ކެމްބޯޑިއާ ސުލްހަވުމަށް ގޮވާލަމުންނެވެ. އަދި މިކަމުގައި މެލޭޝިއާއިން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy