ތޫނު އެއްޗަކުން ރޭ މީހަކަށް ހަމަލާދިން ސަރަހައްްދުގައި ފުލުހުން ހަރަކާތްތެރިވަނީ: މިއަދު ހަވީރު ވެސް މާލޭގައި ވަނީ މީހަކަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލާފައި.
14 ޖޫން 2016 - 16:24
މާލޭގައި މިއަދުވެސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:00 ހާއިރު ޖަނަވަރީމަގުގައި ހިންގި މާރާމާރިއެއްގައި، ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މީހަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ސީރިއަސްކަމެއް އަދި ނޭނގެ އެވެ.
ރޭ ވެސް މާލޭގެ ނޫރު މިސްކިތް ކައިރީގައި ވަނީ ވަޅިން ހަމަލަދީ މީހަކު ޒަހަމްކޮށްލައިފަ އެވެ. އުމުރުން 21 އަހަރުގެ އެމީހާގެ ބޮލުން ދެ ތަނަކަށާާއި އަތަށް ދިން ސީރިއަސް ހަމަލައަށް މިހާރު ވެސް އޭޑީކޭގައި އަންނަނީ ފަރުވާ ހޯދަމުންނެވެ. އެ މައްސަލާގައި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މާލޭގައި ވަޅި ހެރުން މިދުވަސްވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ހިންގި ގުރޫޕް މާރާމާރިއެއްގައި އުމުރުން 14 އަހަރުގެ ދެ ކުދިން ވަނީ މަރާލައިފަ އެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖަކު މަރާލި މައްސަލާގައި ކުޑަކުއްޖަކާއި މީހަކު ހޯދަން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
ފާތިރުގެ މަރުގެ މައްސަލާގައި ހޯދަމުން އަންނަ އިބާދަތު (ކ) އާއި އިރުފާން. --ފޮޓޯ: ޕޮލިސް
ފާތިރު މުހައްމަދު މަރާލި މައްސަލާގައި ހޯދަން މިއަދު ފުލުހުން އިއުލާންކުރީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު 15، އާއި މާލެ، މ. ކުރިރުއް، އިރުފާން ރުޝްދީ، 21، އެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.
ފާތިރު މަރާލީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީގައި ކ. ކާށިދޫ، އަހްމަދު އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ. ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. މާރާމާރީއާ ގުޅިގެން ކުޑަކުދިންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްރަމް
15 June 2016
ޕޮލިސް ބިޒީވެފައި ޕާކިންގް ސްޓިކަރ ޖެހުމުގައި. މި ޤައުމުގައި ކުރެވޭ އެންމެ ބޮޑު ކުށަކީ އެއީޔޭ ހީވާކަހަލަ. ލޮލް
ޢަބްދުﷲނާފިޒު
14 June 2016
ތިހުރިހާކަމެއްވެސް ދެން ހައްލުވާނި ބުރިޖުގެ މަސައްކަތް ނިމި އާއްމުކޮށް ހުޅުވުނީމަ، ހުރިހާ މައްސަލައެއްގެވެސް ހައްލަކީ ބުރިޖު ކަމަށް ބުރޯވަނީ ބުނެފަ.
ޖަމީލް
14 June 2016
މި ސަރުކާރު ޖަވާބް ދާރީކުރަން ޖެހޭ އިދިކޮޅު ޕާރޓީ ކޮބާހޭ؟
މިނިވަން ޚިޔާލް
15 June 2016
އިދިކޮޅު ކިޔައިފި އެންމެނަށް އެއަންނަނީ 10، 11، 13، 17 އިން ހުކުމްކުރަމުންނޫންތޯ!
އިއްސެ
14 June 2016
ނެތް ހަމަ ބުނާނެ އެއްޗެއް. ޢެނގޭ މިކަން ތަހުގީގު ނުވާނެކަން. ފުލުހުންނާ މެދު ކުރެވޭ އިތުބާރު މިހާޜު ވަރަށް ކުޑަ
ކީއްވެތަ
14 June 2016
މާލޭގައި މިއަދުވެސް ވަޅި ހަރައި މީހަކު ޒަހަމް ކޮށްފައިވާ އިރު ޕޮލިހުން ކޮންކަމެއްތޯ ކުރަނީ. ޕޮލިސް ކަމިޝަނަރު ކީއްތޯ ކުރަނީ. ޕޮލިސް ކަމިޝަނަރަށް އިނގެންވާނެ ނޫންތޯ މާލޭގެ ނުރައްކާތެރި ސަރަހައްދު ތައް 24 ގަޑިއިރު ފޯރިމެރޭނެ ގޮތެއް ހަދަން. މިގޮތް ނުވެގެން އުޅެނީ އެއީ ކީއްވެގެން ތޯއެވެ. ޕޮލިސް ކަމިޝަނަރަށް މާލެ ތެރެ ރަނގަޅަށް ބެލެހެއްޓޭ ވަރަށް މާލެ ތެރެއަށް ޕޮލިހުން ނެރެގެން މާލެ ތެރެ 24 ގަޑިިއިރު ފޯރި ނުމަރަނީ އެއީ ކީއްވެގެންތޯއެވެ.
މިގައުމް
14 June 2016
މިގައުމު ދެކެފޫހިވެއްޖެ
ވާގޮތް
14 June 2016
މާލޭގައި ވަޅިން ހަމަލާ މިދެނީ މީ ކަމާއި ނުވެސް ބެހޭ މީހުންނަށް ވުމަކީ ވެސް ވަރަށް ކައިރީގައިވާ ކަމެކެވެ. ވަޅިން ހަމަލާ ދޭ ދަރަޖަ އަށް ކަންކަން އެދަނީ އެއީ ދެން މިހާރުގެ ޒުވާނުން ގެ ވައިލްޑް ކަމާއި އަދި އިންސާނިއްޔަތަށާއި އަދި ދީނަށް ލޯބި ނުކުރާ ކަން އަންގައިދޭ އަލި ގަދަ ދަލީލު ތަކެވެ. މިހާރުވެސް މަރާލާފައިވާ ކުއްޖަކު ހޯދަން އިއުލާން ކުރި އިރު އެތަނުން އެކެއްގެ އައިޑެންޓިޓީން މީހުންނަށް ހީވާނީ އެއީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އެކަމަކު އެންމެ ފަހުން ހަގީގަތް އިނގޭއިރު އެއީ މީހުން މަރާ މީހެކެވެ. މިފަދަ މީސް މީހުން މާލޭން މަދުނުކުރެވިގެން އުޅެނީ އެއީ ކީއްވެގެން ތޯއެވެ. ކޮބާތޯ ހައިކޯޓަށް ހޯމް މިނިސްޓަރު ފޮނުވާފައިވާ ލިސްޓް ފައިގައި ޓެގް އަޅުވަން މޮނިކޮމް އަމުުރު ނެރުމަށް ޓަކައި. ހައިކޯޓް އޮތީ ނިދާފައި ތޯއެވެ. ރާއްޖޭގެ ކޯޓް ތަކުން ކަންކަން ކުރާ ގޮތުން ކުށްވެރިން މިހާ ގިނަ އަދަދަކަށް އިތުރު ވެެގެން މިއުޅެނީ.
މޫޑީ
14 June 2016
ހަމަ ހީވީ އެއްހަބަރެއް ކިޔޭ ހެން އަބަދު
ޔައުޤޫބު
14 June 2016
އަޅެ ބައިތުލްމާލުން މުސާރަ ނަގާއިގެންތިބޭ ވަޒީރުން ލަދުގަނެ އިސްތިއުފާދޭނީ ކިހާވރެއްވީމާތަ. ބައިސާ ކަނޑަކަނޑާ ފިނިކޮޓރިއާ މޮޅުކާރު ބައިތުލްމާލުން ގަނެގެން ލަދުނުގަނޭތަ އުޅޭކަށް.
ރުޝްދީ
14 June 2016
މިކަމެއް ނުހުއްޓުވޭނެ މަރުގެ އަދަބު ނުދީއެއް. މިއަދު ކޮބާ ރިޟްވާން / ރިޟްވާން ކާރައްލައިގެން ދުއްވިމީހުން އެތިބީ ދޫކޮށްލާފައި. ކޮބާއިންސާފް.