މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ޑިލިޓް: އޭނާ ބުނީ އަންނަ ސީޒަނުގެ އެޑްވާންޓޭޖް ޔުނައިޓެޑަށް ނެގޭނެ ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް
28 ޖުލައި 2025 - 11:11
މެންޗެސްޓާ ޔުނައިޓެޑް އަލުން ބިނާކުރުމުގައި، މި ސީޒަން ވާނީ ބޮޑު އެޑްވާންޓޭޖަކަށް ކަމަށް އެ ކްލަބްގެ ޑިފެންޑަރު މެތިއަސް ޑިލިޓް ބުނެފި އެވެ.
މިދިޔަ ސީޒަނަކީ 50 އަހަރުތެރޭ ޔުނައިޓެޑްގެ އެންމެ ދށް ސީޒަނެވެ. ލީގުގައި އެ ޓީމު ނިންމާލީ 17 ވަނައިގަ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރު ކުރި އެވެ. އަންނަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން ޔުނައިޓެޑަށް ފުރުސަތެއް ނުލިބުނެވެ.
ނެދަލެންޑްސްގެ މިޑްފީލްޑަރު ޑިލިޓް ބުނީ ޔޫރަޕްގެ މުބާރާތުން ފުރުސަތު ނުލިބުމަކީ ދެރައެއް ކަމަށެވެ. އެކަމަކު ޔުނައިޓެޑް އަލުން ބިނާކުރުމުގައި އެ އެޑްވާންޓޭޖް އެ ކްލަބަށް ނެގޭނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދަށް ސީޒަނެއް ކުރިމަތިވުމުން ދެން އަންނަ ސީޒަނުގައި ކުޅުން ރަނގަޅު ކުރުމަށް އިސްކަންދޭނެ ކަމަށެވެ.
"އަހަރެމެންގެ އަމިއްލަ ނުފުސަށް މިހާރު ޗެލެންޖް އެބައޮތް މިދިޔަ ސީޒަންގެ ހާލަތު ބަދަލު ކުރަން. ސަޕޯޓަރުންނަށް ހިތްހަމަޖެހުން ހޯދައި ދޭން އަހަރެމެން މާ ބޮޑަށް ވެސް ބޭނުންވޭ،" ޑިލިޓް ބުންޏެވެ.
އެމެރިކާގައި މިހާރު، ޕްރީ ސީޒަން ޓްއާ ކުރިއަށްގެންދާ ކްލަބުން ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑިލިޓް ވަނީ ކުޅެފަ އެވެ. އެ މެޗު ޔުނައިޓެޑުން ކާމިޔާބު ކުރި އެވެ. ޑިލިޓް ބުނީ މިދިޔަ ސީޒަނުގެ ހިތްދަތިކަމުން އަރައިގަންނަން އެ މެޗުން މޮޅުވުމުން އިތުބާރު ބޮޑު ވެއްޖެ ކަމަށެވެ.
"މިދިޔަ ސީޒަނަކީ މިދިޔަ ސީޒަން. މިހާރު އަހަރެމެން ކުރިމަތި މި ލަނީ އެހެން ސީޒަނަކަށް. މިހާރު އަހަރެމެންނަށް މާ ގިނަ ވަގުތު އެބައޮތް ޕްރެކްޓިސް ކުރަން. އެއީ ވަރަށް ޕޮޒިޓިވް ކަމެއް،" ޔޫރަޕްގެ މުބާރާތެއް މި ސީޒަނުގައި ނުކުޅޭތީ އޮތް އެޑްވާންޓޭޖަށް އިޝާރާތްކޮށް ޑިލިޓް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy