ބާޒާރު މަތީގައި ބަޔަކު މުދާ ގަނެގެން ބޯޓަކަށް އަރުވަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު
29 ޖުލައި 2025 - 11:25
އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑަށް ބޭންކްތަކުން މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ އަދަދުތަކަކީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މެއި މަހުގައި ކްރެޑިޓް ކާޑާއި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ހުރީ 6.2 ބިލިއަން ރުފިޔާގަ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ކްރެޑިޓް ކާޑާއި ފާސަނަލް ލޯނުގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފަ އެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން 2021 ވަނަ އަހަރު އެ އަދަދު ހުރީ 3.6 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، އެއީ 120 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަދަދުތަކުން އެނގެނީ އާންމުން އެކި ބޭނުންތަކަށް ބޭންކްތަކުން ނަގާ ދަރަނި އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމެވެ.
- 2021 : 3.6 ބިލިއަން ރުފިޔާ
- 2022: 4.5 ބިލިއަން ރުފިޔާ
- 2023: 5.6 ބިލިއަން ރުފިޔާ
- 2024: 7.2 ބިލިއަން ރުފިޔާ
- 2025 (މެއި މަހުގެ ނިޔަލަށް): 7.7 ބިލިއަން ރުފިޔާ
އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުން 2023 އިން 2024 ވަނަ އަހަރަށް ކްރެޑިޓް ކާޑާއި ލުއި ލޯނުތަކުގެ ޑިމާންޑް ވަނީ އިތުރަށް އުފުލިފަ އެވެ. އެ އަހަރު ގާތްގަނޑަކަށް 40 ޕަސެންޓުގެ އިތުރުވުމެއް ނުވަތަ 2.1 ބިލިއަން ރުފިޔާގެ އިތުރުވުމެއް އުޅެ އެވެ.
މިފަދަ ލޯނާއި ކްރެޑިޓް ކާޑުގެ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކް ބީއެމްއެލް އިން ދޫކުރާ އެފަދަ ފެސިލިޓީތަކެވެ.
މި އަހަރުގެ މިހާތަނަށް ބޭންކްތަކުން އާންމުންނަށް އެކި ދާއިރާތަކުން ދޫކޮށްފައިވާ ދަރަނީގެ އަދަދު 34.5 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާ ލޯނެވެ. އެ ދާއިރާއަށް ދޫކުރި ލޯނުތަކުގެ އަދަދު 12 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ކްރެޑިޓް ކާޑުތަކާއި އާންމުންނަށް ދޫކުރާ ލޯނުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައްކޫބޭ
29 July 2025
މަސްވެރިކަމަށް ލެންޑިންގ ކެޕޭސިޓީގެ ކިތައް ޕަސަންޓް ތަ ދޫކުރީ؟
ވޮޗްމޭން
29 July 2025
ލިބޭ މިންވަރު ނިކަންދަނެގެން ތިބޭނަމަހީ ޝުކުރުކޮށްގެން މި ބޭޒާރެއް ނުވެސް ވީހޭ... ލޯނުނަގައި ކްރެޑިޓް ކާޑް ބޭނުންކޮށް ނުދެއްކި އިންޓްރެސްޓް އެރީމައި ކުށްވެރި ވަނީ ބޭންކް. ލުއި ލޯނު ނަގައިގެން ވަގުތީ ކައިވެނި ހަނީމޫން، ފަހުގެ އައިފޯނު.. ފައިނޭޝިއަލް ލިޓެރެސީ އިތުރުކުރަންވީ.
ުހުސެން ސައިޑު
29 July 2025
ކޯއްޗެއް ބޭޒާރު ވެގެން ތިއުޅެނީ؟ ދަރަނި ނަގައިގެން ދަރަނި އަދާ ކުރަންޔާ ކޮބާ މައްސަލައަކީ؟ ދަރަނި ނެގިދާނެ ފައިދާ ހުރި ކަންކަމަށް ވެސް. ކަލެއަށް ދަރަނި ނަގަން ނުކެރިގެން އުޅެންޔާ އުޅެބަލަ ނުނަގާ، އެހެން މީހުންނަށް އިނގިލި ދިއްކުރަނީ ކީއްކުރަން؟
ސޮމަދު
29 July 2025
ދުވާލަކު އެނަގާ އިންޓްރެސްޓް ވާހަކަލިޔެލިނަމަ ސަޅިވީސްދޯ. ބީއެމްއެލްއިން ނަގާކޮންމެވލޯނަކަށް ކޮންމެދުވަހަކު އިންޓްރެސްޓް އަރާ ގިނަދިވެހިން މަރުވެދާއިރު ސަންދޯކުއެއްކޮޅަށް ލޯނެއްއޮވޭ ދިވެހިންގެ ހާލު