އިންޑިއާ އާއި ޕާކިސްތާނުން ހަމަލާ ބަދަލުކުރި އިރު ކަޝްމީރުގައި އިންޑިއާ ސިފައިން ފޯރިމަރަނީ: އިންޑިއާއިން ވަނީ ކަޝްމީރުގައި ޓޫރިސްޓުން މަރަން ހަމަލާދިން މީހުން މަރާލާފައިވާ ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
29 ޖުލައި 2025 - 19:51
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ހިންދޫ ޓޫރިސްޓުންނަށް މިދިޔަ އޭޕްރީލް މަހު ދިން ހަމަލާގައި ބައިވެރިވި ޕާކިސްތާނުގެ ތިން ހަނގުރާމަވެރިން އިންޑިއާގެ ސަލާމަތީ ބާރުތަކުން ހަމަލާދީ މަރާލާފައިވާ ކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިއިން ދުވަހަކު ނުހިނގާ ވަރުގެ ބޮޑު ކުރިމަތިލުމެއް ހިނގައި ހަނގުރާމައިގެ ހާލަތަކަށް ދިޔަ ހަމަލާގައި ބައިވެރިވި މީހުން މަރާލީ މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް އިންޑިއާ އިން ބުންޏެވެ.
އިންޑިއާގެ ކަޝްމީރުގެ މަޝްހޫރު ރިސޯޓް ޓައުނެއްގައި މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާގައި 26 މީހަކު މަރާލި އެވެ.
"އަޅުގަނޑު މަޖިލީހަށް ދަންނަވާލަން ބޭނުން. ބައިސާރަންގައި ދިން ހަމަލާގައި ބައިވެރިވީ ތިން ޓެރަރިސްޓުން. އެ ތިން މީހުން ވެސް ވަނީ ނައްތާލެވިފައި،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އެ ތިން މީހުންނަކީ ވެސް ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނުގައި ހަރަކާތްތެރިވާ، އދ. އިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ލަޝްކަރޭ ތައިބާގެ މެންބަރުން ކަމަށެވެ.
"އިންޑިއާގެ ސަލާމަތީ އިދާރާތަކުގައި، މި ހަމަލާގައި އެ މީހުން ބައިވެރިވި ކަމުގެ ފުރިހަމަ، ތަފްސީލީ ހެކި އެބަހުރި،" ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވި އެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހޯމަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ މިލްކުވެރިކަމާ މެދު މައްސަލަ އުފެދިފައި އޮންނަ ކަޝްމީރުގެ މައި ސިޓީ ސްރީނަގަރާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ޑަޗީގަމް ފަރުބަދަތަކުގެ ތެރޭގައި ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި، ޕަހަލްގަމް ކައިރީގައި އޮންނަ ޖަންގަލިތަކުގެ ތެރެއިން ކުއްލިއަކަށް ނުކުމެ އޮޓޮމެޓިކް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މަރާލި ޓޫރިސްޓުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެންނަކީ އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ނޭޕާލް މީހެކެވެ.
މި ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ބޮން އަޅައި ހަމަލާދޭން ފެށީ މިއީ ޕާކިސްތާނުގެ މަދަދާއި ތާއީދާ އެކު ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. މި ތުހުމަތަށް އިންކާރުކޮށް ޕާކިސްތާނުން ވެސް އިންޑިއާއަށް ވަރުގަދަ ހަމަލާތަކެއް ދީ، ދެ ގައުމުން ވެސް އެތައް ބަޔަކު މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮސާޑް
30 July 2025
ތިހާ އަވަހަށް މަރާލައިފީމޭ ، ނިމިއްޖެއޭ ބުނީމަ އެބަ އިނގޭ މީ ޕާކިސްތާނާއެކު ހަނގުރާމަ ފަށަށް އަމިއްލައަށް ކުރި ކަމެއްކަން.
އަފްރާސިޔާބު
30 July 2025
އާ މަރާލައިފިން. އަދިވެސް ހޯދަނީ. ޓެރަރިސްޓުން ފެނޭތޯ؟
އަހައްމު
29 July 2025
ޓެރެރިސްޓުން އެހެންމީހުންނަށް ޓެރެރިސްޓުންނޭ ކިޔާ މި ގޮވަނީވެސް...