ބާސްކެޓްބޯޅަ ކުރިއަރުވަން ބީއެމްއެލް އިން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ބާސްކެޓްބޯޅަ އެސޯސިއޭޝަނާ އެކު ސޮއިކުރުމަށް ފަހު، ބޭންކުގެ އެމްޑީ ޝަރީފު (ކ) އާއި އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ބީއެމްއެލް
30 ޖުލައި 2025 - 15:15
ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލް އިން ބާސްކެޓްބޯޅަ އެސޯސިއޭޝަނާ އެކު ފަސް އަހަރު ދުވަހުގެ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ހަދަން ބީއެމްއެލް އިން އެހީތެރިވާނެ ކަމަށް އެ ބޭންކުން މިއަދު ބުންޏެވެ. އެއީ ބާސްކެޓްބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތަމްރީނުތަކަށް ވަރަށް ހާއްސަ ތަނަކަށް ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އެމްބީއޭއާ އެކު، ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމަށްވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ކުޅުންތެރިންގެ ހުނަރު ކުރިއަރުވަން މަގުފަހިކޮށްދީ، މުޅި ރާއްޖޭގައި އެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ އެއްބަސްވުމުން ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، އެފަދަ ކުޅިވަރުތައް ކުރިއެރުވުމުގައި ބޭންކުން ދޭ އަހައްމިއްޔަތު ހާމަވާ ކަމަށާއި އެފަދަ މަސައްކަތެއްގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
ބާސްކެޓްބޯޅަ ކުރިއަރުވަން ބީއެމްއެލް އިން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ބާސްކެޓްބޯޅަ އެސޯސިއޭޝަނާ އެކު ސޮއިކުރުމަށް ފަހު، ބޭންކުގެ އެމްޑީ ޝަރީފާއި އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް އަދި އެސޯސިއޭޝަންގެ އެހެން ބައެއް އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ބީއެމްއެލް
"ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ބޭންކެއްގެ ހައިސިއްޔަތުން، ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއާ އެކު އެއްބަސްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ޝަރީފް ވިދާޅުވި އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ، ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ އެ އެސޯސިއޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބީއެމްއެލްއަކީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ބާސްކެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްއިން މި ފަދަ ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި ދެމެހެއްޓެނިވި މަޝްރޫއުތަކާ އެކު، ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކަމަށް އެ ބެންކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy