ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލައި އިޒްރޭލުގައި މުޒާހަރާކުރަނީ: އިޒްރޭލުގެ ކުރީގެ އޮފިޝަލުން ވެސް ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެދިފައި. -- ފޮޓޯ: އޭއެފްޕީ
04 އޯގަސްޓް 2025 - 19:36
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށް އިޒްރޭލަށް ޕްރެޝަރު ކުރުމަށް އެދި އިޒްރޭލުގެ ކުރީގެ 600 އޮފިޝަލަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޓީއެއް ފޮނުވައިފި އެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާތަކުގެ ވެރިކަން ވެސް ކޮށްފައިވާ މީހުން ހިމެނޭ ގޮތުން، ރިޓަޔާކޮށްފައިވާ އެތައް ސަތޭކަ ބަޔަކު ޓްރަމްޕަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހަމާސް އަކީ މިހާރު "ސްޓްރެޓީޖިކް ގޮތުން އިޒްރޭލަށް ނުރައްކަލެއް ނޫން" ކަމަށެވެ.
"މިކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު [ބެންޖަމިން] ނަތަންޔާހޫ އާއި ސަރުކާރު ރަނގަޅު މަގަށް އެޅުވުމުގެ ގާބިލްކަން މަނިކުފާނަށް ލިބިގެންވާނެ ކަމަށް އިޒްރޭލުގެ ގިނަ ބަޔަކު ގަބޫލުކޮށް އިތުބާރު ކުރެ އެވެ؛ ހަނގުރާމަ ހުއްޓުވައި ރަހީނުން މިނިވަންކަން ވޭންދެނިވި ހާލަތު ނިމުމަކަށް ގެނެސްދެއްވާށެވެ." ސިޓީގައިވެ އެވެ.
މި އިލްތިމާސް ކޮށްފައި މިވަނީ ހަމަލާތައް ހުއްޓުމަކަށް ގެންނަން ހަމާސް ޖަމާއަތާ އެކު ނުސީދާކޮށް ކުރި މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި ވަނިކޮށް ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމަށް ނަތަންޔާހޫ ވިސްނަމުންދާ ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެފައި ވަނިކޮށެވެ. އަދި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން ދެ މީހެއްގެ ވީޑިއޯ އާންމުކުރި އިރު ހިކި އަނަރޫފަވެފައި ތިބުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އިޒްރޭލުން މިފަހަރު ޣައްޒާގައި ހަމަލާތައް ދޭން ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ އެވެ. އެ ދުވަހުން ފެށިގެން އިޒްރޭލުން ހަމަލާތައް ދެމުން ދާއިރު މިއީ ހަމާސް ނައްތާލުމުގެ ހަނގުރާމަ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އެކަމަކު ހަމަލާތަކުގައި މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ގިނައީ އާންމުންނެވެ. އޭގެ ތެރޭގައި ވެސް އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ އެވެ.
އިޒްރޭލުން ޣައްޒާ ހިސާރުކޮށް ބަނޑަށް ޖައްސާފައި ބާއްވައިގެން ދެމުންދާ ހަމަލާތަކުގައި އިއްޔެ އެކަނި ވެސް 94 މީހަކު ޝަހީދުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގދފތނ
04 August 2025
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އ.ދ ގެ ބައްދަލުވުމުގައި ފަލަސްތީނަކީ ދައުލަތެއް ކަމުގައި ބަލައިގަންނަން ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާއިން ނިންމާފައިވަނީ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޝަރުތެއް ކަނޑައަޅާފައިވަނީ، އެއީ ހަނގުރާމަ ހުއްޓާލުން. އެހެންވީމަ މިހާރު އިޒްރޭލު މީހުން އެއުޅެނީ ޑްރާމާކުޅެފަ މީހަކު ބުނީތީ ހުއްޓާލީ ކަމަށް ހެދެން. ދެރަ ނުވާންވެގެން. މިއީ އެއްވެސް ގޮތަކަށް އެމީހުންގެ އިންސާނިއްޔަތުކަމެއް ހުރެގެން ކުރާކަމެއް ނޫން.
ވިނަ
05 August 2025
ކޮންމެވެސް ފިތުނައެއް އިތުކޮށްލެވޭތޯ ބަލާތި!