"ކަން ހިނގި ގޮތް ބެލިއިރު، މިއީ ފްލެޓް ހޯދަން ހުށަހަޅާފައިވާ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ބަޔަކަށް މަންފާ ހޯދައިދޭން ނުވަތަ ގެއްލުމެއް ދޭން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ."
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓްތަކެއް.
06 އޯގަސްޓް 2025 - 13:31
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކެއްގެ ގުރުއަތު ނުނަގައި، 75 އަށް ވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގައި 315 ފްލެޓެއް ހަމަޖައްސައިދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.
ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި މި މައްސަލަ އޭސީސީއަށް ހުށަހެޅީ ހައުސިން މިނިސްޓްރީންނެވެ. އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް 2023 ނޮވެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތުގައި 76 އަށް ވުރެ މަތިން މާކްސް ލިބި އެ ފަރާތްތަކަށް ލިބެން ޖެހޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރި ކަމަށް މި މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފަ އެވެ،" މިނިސްޓްރީން ހުށަހެޅި މައްސަލާގައި ވެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިކަން ހިނގާފައިވާ ގޮތް ބެލިއިރު، މިއީ ފްލެޓް ހޯދަން ހުށަހަޅާފައިވާ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ވަކި ބަޔަކަށް މަންފާ ހޯދައިދޭން ނުވަތަ ގެއްލުމެއް ދޭން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި، 75 ޕޮއިންޓް ލިބުނު މީހުން ސޮއިކުރުން މިހާރު ވަނީ ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ. އެ ފަރާތްތަކަށް ފްލެޓް ހަމަޖައްސައިދޭނީ، އާއްމުކޮށްފައި އުސޫލުގައިވާ ގޮތަށް ފުރަތަމަ 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު އެންމެންނަށް ފްލެޓް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ.
އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. މި މައްސަަލަތައް ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތްތަކެއް ކުރުމަށް ފަހު، އެންމެ ފަހުން ނިންމީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ހައުސިން މިނިސްޓްރީން ލިސްޓުގައިވާ ނަންތައް އެފްޑީސީއަށް ފޮނުވުމުން، އެ ކުންފުނިން އަންނަނީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ. މިނިސްޓްރީން ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
07 August 2025
ތިޔަ އޭސީސީއަށް މިހާރު ދިވެހިން އިތުބާރު ގެއްލިފައިވާތަނެކޭ! ތިތަން ޖެހޭނީ އޯވަރ ހޯލް ކުރަން! ތީ ފީކުދާނެއް!
ބެއްަޔާގެ ދަރި
07 August 2025
ދޮޅު އަހަރުވަންދެން ތިޔަ ލިސްޓްތައް އަތަށް ލައިގެން ކީއްބާ ތިޔަކުރީ. 75 ޕޮއިންޓް ލިބުނު މީހުންނާ އެކު ސޮއިކުރަން ފެށީމަކާ ނޫން ތިޔަކަން ފާހަގަކުރެވެންޖެހޭނީ. ސޮއިކުރަން ފެށި އިރު ވެސް އަދި އޭގެ ކުރިން ވެސް އެތައް ބަޔަކު ތިޔަ ވާހަކަ ދައްކަމުން އައީ. އަޅައި ނުލައި އިރު އިރުކޮޅާ ނިންމުންތައް ބަދަލުކުރަމުން ތިޔަދަނީ
ރުއި މުހައްމާ
07 August 2025
އޭސީސީ އިން ސައްހަ ކުރި ލިސްޓަށް އެޕާރޓްމަންޓުތައް ދިން ނަމަ މި މައްސަލަ ދިމާ ނުވީސް.. އަދި ބާކީ ހުރި އެޕާޓްމަންޓުތައް އަލުން އިއުލަނު ކުރި ނަމަ ނޫނީ ބާކީ ހުރި ތަންތަނަށް، އެ ފަހަރު އިއުލާނު ކުރި މީހުންގެ ތެރެއިން އިތުރު މީހުން ނެގި ނަމަ ރަނގަޅު ވީސް.. އޭސީސީން ލިސްޓު ސައްހަ ނޫންކަމަށް ބުނީމަވެސް، އެއަށް އަމަލުނުކޮށްފައި، ދެން އަލުން އޭސީސީއަށް ދާންވީ ސަބަބެއް ނެތް..
އެނަލިސްޓު
07 August 2025
ތިކަމުގައި ގަސްތުގައި ގޯހެއް ހަދާފައެއް ނުވޭ.. ގުރުއަތު ނެގި ސްޓާފުންނަށް އެރި އޮޅުމަކުން ހެދުނު ގޯހެއް އޮތީ.. 3 ކޮޓަރީގެ އެޕާރޓްމަންޓުގެ ލިސްޓުގައި 3800 މީހުން ތިބި އިރު، ޢިމާރާތްކުރެވެމުން ދަނީ 2800 އެޕާރޓްމަންޓު.. ލިސްޓުގައި ފުރަތަމަ އޮތް 2800 މީހުންނަށް، ގުރުއަތު ނެގިފައިވަނީ، ލިސްޓު ތަރުތީބު ކުރެވިފައި އޮތީ ޕޮއިންޓު ތަރުތީބުން ކަމަށް ބަލާފައި.. ނަތީޖާއަކީ، ލިސްޓުގައި ފުރަތަމަ އޮތް 2800 މީހުންގެ ތެރޭގައި 75 ލިބުނު 300 އެއްހާ މީހުން އޮތުން..
ސޯޅަ
07 August 2025
އޭސީސީ އިން ތަޙްޤީޤު ކޮށްފަ ޝަރުތުހަމަވާ މީހުން ކަނޑައެޅީމަ އެއަށް އަމަލުނުކޮށް ދެންކޮންކަމަކާ ތިދަނީ އެތަނަށް؟ މިއީ ބޮޑު ޖޯކެއް!!
ގުނބޯ
06 August 2025
ގުނބޯ ހައްދާފަ އަދުން އަޅުވަނީ
ޓިނި
06 August 2025
ކޮބާ ކުރިން އޭސީސީން ތި ފުލެޓްތަކުގެ މައްސަލަ ބެލުމަށްފަހު ނިންމިގޮތް. މިހާރުވެސް ތިކަންކުރާގޮތަށްކޮށް ނިންމީމަ އެވީނު
ދެރަވަރު މީހާ
06 August 2025
ޕޮއިންޓް ވެސް ލިބިފަހުރީ އެމީހަކު ފޯމު ފުރިގޮތަކަށް ، އެ ވެރިފައިކުރާނެ ބަޔަކުނެތް ، ދޮގާ މަކަރާ ހިީލަތް ހެދި މީހުންނަށް ގިނަޕޮއިންޓް، ވާނުވާ އެނގޭބާ ، ހިޔާފްލެޓަށް އަހަރެން ލިން 84 ލިބުނު ކަޓުވާލީ ލިޔުން ނުލިބޭތި މިފަހަރު ނުލެވޭ 65 ވީމަ ދެން ދަރިންނަށް ހޯދަދޭނެގޮތެއްވެސް ނެތް ، ގައިމު މިމާލޭގަ ކުއްޔަށް އުޅޭތާ 28 އަހަރު ، 3 އެޕާރޓްމަންޓް ގަންނަހާ ލާރި ކުއްޔަށް ހަރަދު ކުރެވިއްޖެ، ބައެއްގެ ފްލެޓް މިލްކުކޮށްދޭން
ހަސަނު
06 August 2025
ދެންވެސް އަވަހަށް ގުރު ލާންވީ
ކޭލަ
06 August 2025
ދެމަފިރިންގެ ނަން ލިސްޓުގަ އޮތަސް ގުރުއަތުގައި ބައިވެރި ކޮށްފައި ވަނީ އޭގެ ތެރެއިން އެކަކު..ދެން ޖެހޭނީ ދެމަފިރިންތެރޭން އެކަކު ފްލެޓް ދޫކޮށްލުމުގެ އިގުރާރުގަ ސޮއިކުރަން..ދެން ދެމަފިރިންގެ ނަން ލިސްޓުގަ އޮތް ޙާލަތުގައި ނެތް ފަރާތްތަކެއް އެބުނާ 300 އެއްހާ މީހުންގެ ތެރޭގައި ވާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ