ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް
08 އޯގަސްޓް 2025 - 16:26
ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް އިޒްރޭލުގެ އިދާރާތަކުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެކަމުގެ ސަބަބުން އެއްކޮށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިޒްރޭލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޣައްޒާ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ.
ރައީސް ވަނީ އިޒުރޭލުގެ މި އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، އެކަން ވަގުތުން ވަގުތަށް ހުއްޓުވައިދޭން ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި މުޖުތަމައުއަށް ގޮވާލައްވައިފަ އެވެ. އަދި އިޒުރޭލުގެ މި ލާއިންސާނީ އަމަލުތަކަށް އެމީހުން ޖަވާބުދާރީކުރުވުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
"ޣައްޒާގެ ހަނގުރާމަ ނިންމުމަށް" ގެނައުމަށް ކަމަށް ބުނެ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހުށަހެޅުމަކަށް ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް އެތަނުގައި ފަލަސްތީނުގެ މައި ދެ ޖަމާއަތުގެ ބައިވެރިވުމެއް ނެތް ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ބޮޑުވަރީޒުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެއީ ހަމާސް ނައްތާލުން ފުރިހަމަކުރުން ކަމަށާއި އެކަން ކުރިއަށް ދާއިރު އަސްކަރީ ހަރަކާތްތައް ނުހިނގާ ހިސާބުތަކުގައި އާންމުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
އިޒްރޭލުން އެގޮތަށް ނިންމާފައި ވަނީ ޣައްޒާގައި ހަމަލާ ދޭތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެތަނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގައި މަރުވަމުން ދިއުން ނިމުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންވާނެ އެއްބަސްވުމަކަށް އަވަހަށް ދިއުމަށް އެތެރެއިންނާއި ބޭރުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފިއްތުން އިތުރުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަދީއު އަމީން
09 August 2025
މިސަރުކާރުން ދަނީ ފަލަސްތީނުގެ ދިފާއުގައި އެތައް ކަމެއް ކުރަމުން
ބުރުގާ
08 August 2025
މިހާރުން މިހާރައް މުއިއްޒު މެދުއިރުމައްޗައް ގޮސް، ތި މައްސަލަ ހައްލުކުރުމައް ގޮވާލަން.
މީހާދު
08 August 2025
ކީއްވެ، ދިވެހި ސަރުކާރުން، މިސްރު، ޖޯޑަން އަށް ދަނތުރުކޮށް މިކަންތަކާއި މަސައްކަތް ނުކުރަންވީ، ގާޒާ ގުޅޭގޮތުން އެމީހުން އަޅާ ނުލާތީ އެކަމާއި ވާހަކަ ދައްކަންވެސް ދާންވީނުން.
ނެތީމޭނެތީމޭ
08 August 2025
ބަޔާން ގަނޑެއް ދޯ ނެރެން އެގެނީ އެކަމަކު އިނގިރޭސި ވިލާތަށް ގޮސް އެގައުމުގެ ބޮޑުންނާއި ބައްދަލު ކުރުން އެއީ ފަލަސްތީނު ރައްޔިތުން ކަންފަތް މަތީގައި އަތުން ޖެހުން ނޫންތޭ ތިޔާ ބަޔާން ގައި އެއްވެސް ތެދުވެރިކަމެއް ނެތޭ ތިޔާއީ ކެނެރީގެ ނަޝީދު ނެރޭ ވައްތަރު ކައްޕަޅި މަކަރާއި ހީލަތުން ފުރިގެންވާ ބަޔާން ތަކޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...
ސަލީމު އިދުރީސް
08 August 2025
ރައީސައް ކެރޭނެތޯ ތިކަމުގެ ފަހަތުގަ ތިބި ސައުދީއާ ގަތަރާ ސިއާސީ ގުޅުން ކަނޑާލަން އަރަބިން ކެއްޔާ ދިވެހިން ތިބޭނީ ކައިގެނޭ މިސަރުކާރުގެ މިނިސްޓަރުން އެބުނަނީ ދޮގެއްކަން މިހާރު ރައްޔިތުންނައް އެނގެނަޖެހޭނެ
ރާވެރިބެ
08 August 2025
މީ ވަރަށް ނިކަމެތި ކުޑަ ގައުމެއްކަން ދަނެ ބައެއް ފަހަރު މާއަވަހަށް އަގަ ނުހުޅުވުން ބުއްދިވެރި. ދުނިޔޭގެ ހެޑްލައިނަށް މިކަހަލަ ޙަބަރު އަބަދު އަރާނަމަ އިޒްރޭލުގެ މޮސަޑްގެ ޓާރގެޓަކަށް ރާއްޖެވުން އެކަށީގެންވޭ. އެފަދަ ނުރައްކަލުން ރެކި ތިބުން އެއީ ގޯސްކަމެއް ނޫން.