އޭސީސީން އެފްއައިޔޫގެ އާ ވެރިޔާ އިސްމާއިލް ސާޖިދުއާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: އޭސީސީ
14 އޯގަސްޓް 2025 - 11:17
މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމަށް އަލަށް އައްޔަންކުރި އިސްމާއިލް ސާޖިދުއާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބައްދަލުކޮށްފި އެވެ.
އޭސީސީން މިހާރު ޑިލިޓްކޮށްފައިވާ ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ބުނި ގޮތުގައި، އެފްއައިޔޫގެ ވެރިޔާއާ އެކު ބޭއްވި އެ ބައްދަލުވުމުގައި ދެ މުއައްސަސާއާ ގުޅުންހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
އޭސީސީން އިއްޔެ ކޮށްފައިވާ އެ ޕޯސްޓް ފަހުން ޑިލިޓްކުރި ސަބަބެއް ނޭނގެ އެވެ.
އެފްއައިޔޫގެ އާ ވެރިޔަކަށް ސާޖިދު އައްޔަންކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
އެމްއެމްއޭއިން ބުނީ އެފްއައިޔޫގެ ވެރިޔަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފު އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށް، ސާޖިދު އެ މަގާމަށް އައްޔަންކުރީ ހިންގުން ހަރުދަނާކުރުމަށް ގެންނަ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އަޝްރަފް ބަދަލުކުރީ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށެވެ.
ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ހާއްސަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.
އަޝްރަފްގެ މަގާމު ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭގޮތުން އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. އެ ރިޕޯޓް އާންމުވުމުން އޭސީސީން ފަހުން ބުނެފައިވަނީ އެ ރިޕޯޓާ ގުޅޭ މައްސަލަ ކުރިން ވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
މީގެ ކުރިން ވެސް 2018 ގައި އެފްއައިޔޫގެ ހެޑްގެ މަގާމުން އަޝްރަފު ވަކިކޮށްފައިވެ އެވެ. އޭރު އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކުކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އޭސީސީއަށް ފޮނުވާފައިވާ ވަނިކޮށެވެ. ނަމަވެސް، ފެބްރުއަރީ، 2023 ގައި އޭނާ އަލުން އެ މަގާމަށް ރުޖޫއަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމަލް
14 August 2025
ދެން ތިޔައީ ހަބަރެއްތަ؟ ކޮބާތަ އަޝްރަޕް ނުދޭތަ މިފަހަރު މަޖިލީހަށް ސަކުވާބޮޑި ހިފައިގެން؟؟ އީވާ ދައްތަ ނެތީދޯ؟