ޑރ. މެގްނަސް އިންޓަވިއު ދެއްވަނީ: ރާއްޖޭގައި މަސައްކަތްކުރައްވަން ފެށްޓެވީ މީގެ އަހަރެއްހާ ދުވަސް ކުރިން.
14 އޯގަސްޓް 2025 - 14:52
ކުޅިވަރަކީ ދިވެހީންގެ ދިރިއުޅުމުގެ މުހިއްމު ބައެކެވެ. އެއީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫނެވެ. އަދި ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ކުރާ ކަމެއް އެކަންޏެއް ވެސް ނޫނެވެ. ކުޅިވަރަކީ ދިވެހިންގެ ލެޔާ ގުޅިލާމެހިފައިވާ ކަމެކެވެ. ފަތިހުން ފެށިގެން ރޭގަނޑުގެ ލަސްގަޑިތަކާ ހަމައަށް، އެތައް ބަޔަކު ދުވުމާއި ކަސްރަތުކުރުމުގައި އުޅެއެވެ.
މާލެ އާއި ރަށްރަށުގައި ފުޓްސަލް ދަނޑުތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. ބެޑްމިންޓަން ކޯޓުތަކުން ޖާގަ ހޯދުމަކީ ވެސް އުނދަގޫ ކަމަކަށް ވެފައިވެ އެވެ. ކޯޓެއް ނެތިއްޔާ ދެ ރުށް ދޭތެރޭގައި ނެޓެއް ދަމާލައިގެން ވޮލީބޯޅަ ކުޅެލުން ނުވަތަ އަތިރިމަތީގައި ފުޓްބޯޅަ ކުޅެލުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އާއްމު ކަމެކެވެ.
ކުޅިވަރާއި ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މުހިއްމު ކަމެއް ނަމަވެސް މިއީ ރަނގަޅަށް ނުކުރެވިއްޖެ ނަމަަ އަދި ބައެއް ފަހަރު ރަނގަޅަށް ކުރި ނަމަވެސް ހާނިއްކަވުމުގެ ފުރުސަތު އޮތް ކަންކަމެވެ. މިފަދަ ހާލަތްތަކުގައި އެކަށީގެންވާ ފަރުވާއެއް ނުލިބިއްޖެ ނަމަ ނުވަތަ އަޅާނުލެވިއްޖެ ނަމަ އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ.
ރާއްޖޭގައި ސްޕޯޓްސް އިންޖަރީގެ އިތުރުން ކަށި، ހުޅު، އަދި ލިގަމެންޓްތަކަށް ދިމާވާ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ ލިބެން ހުރި ނަމަވެސް، އިތުރު ތަރައްގީ އަށް އަބަދުވެސް އެދެވެ އެވެ. އެކަމުގައި އޮތް އުފާވެރި ޚަބަރަކީ ޓްރީޓޮޕް ހޮސްޕިޓަލާ މީގެ އަހަރެއްހާ ދުވަސްކުރިން އެކަމުގެ ތަޖުރިބާރެއް ގުޅިފައިވުމެވެ.
ސްވިޑަންގެ އޮތޯޕީޑިކް ސާޖަން ޑރ. މެގްނަސް އޮލޯފް އޮޑްކިސްޓަކީ އޯތޮޕެޑިކް ސާޖަރީ، ސްޕޯޓްސް މެޑިސިން ސާޖަރީ، ކޮނޑާއި ކަކުލުގެ އާތުރޮސްކޯޕިކް ސާޖަރީ އަދި ކޮނޑާއި ކަކުލުގެ އަނިޔާތަކަށް ހާއްސަ ޑޮކްޓަރެކެވެ. އޭނާ އަކީ ކަކުލާއި ކަނދުރާގެ އާތުރޮސްކޯޕިކް ސާޖަރީގެ މާހިރެއް ވެސް މެ އެވެ.
ސްވިޑަން އާއި ދެކުނު އެފްރިކާގެ އެލީޓް ފެންވަރުގެ އެތައް އެތުލީޓުންނަށް ފަރުވާ ދެއްވާފައިވާ ޑރ. މެގްނަސް ވަނީ މިދިޔަ އަހަރެއްހާ ދުވަހު ވަރަށް ގިނަ ދިވެހީންނަށް ވެސް އެހީތެރިކަން ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް އެތުލީޓުންނާއި ކުޅުންތެރިންގެ އިތުރުން ވަރަށް ގިނަ އާއްމުން ވެސް ހިމެނެ އެވެ. އެ އެންމެންނާ ވެސް އޭނާ ބައްދަލުކުރައްވަނީ ހިނިތުންވުމާ އެކު އެވެ. ދެއްވަނީ ޕްރޮފެޝަނަލް ފަރުވާ އެވެ. ސިއްރަކީ، ހަމައެކަނި އޭނާ ޑޮކްޓަރަކަށް ވުމެއް ނޫނެވެ. އޭނާގެ ޒުވާން ދުވަސްވަރު ކުރެއްވުނު ތަޖުރިބާއެއްގެ ސަބަބުން މިކަމަށް އުފެދިފައިވާ ވަރުގަދަ ޝައުގެވެ.
"އަހަންނަކީ ޒުވާން ދުވަސްވަރު އެތުލީޓެއް. ހައިޖަމްޕުގައި އުޅުނީ. އެހެން އުޅެނިކޮށް ބޮޑު އަނިޔާއެއްވެ މުބާރާތްތަކުގައި ވާދަނުކުރެވޭ ހާލަތަށް ދިޔަ،" ޑރ. މެގްނަސް އޭނާގެ ކުރީގެ ހަނދާންތަކުގެ ތެރެއަށް ފީނާލެއްވެވި އެވެ.
"އެ ދުވަހު އަހަންނަށް އިހުސާސްކުރެވުނު، ކުރަން ބޭނުންވާ ކަމެއް، އަނިޔާގެ ސަބަބުން ނުކުރެވޭ ހާލަތަށް ދިއުމުން ވާނެ ދެރަ."
އެ ހިސާބުން ޑރ. މެގްނަސް ނިންމެވީ، ސްޕޯޓްސް މެޑިސިންގެ ރޮނގުން ކުރިއަށް ވަޑައިގަންނަވާށެވެ. ކުޅިވަރު ކުޅުންތެރިންނަށް ދިމާވާ އަނިޔާތަކާއި އާއްމުންނަށް ކުޅިވަރުގެ ތެރެއިން ދިމާވާ ހާނިއްކަތަކުން ރަނގަޅުކޮށްދީ އަލުން އެކަމުގެ ތެރެއަށް ނެރެދެއްވުމުގެ އަޒުމުގަ އެވެ.
ސްވިޑެންގެ ސްޓޮކްހޯމްގައި ހުންނަ ކެރޮލިންސްކާ އިންސްޓިޓިއުޓުން ބޭސިކް މެޑިކަލް ޓްރެއިނިން ފުރިހަމަކުރެއްވުމަށް ފަހު، ސްޓޮކްހޯމްގެ ޑެންޑޭރިޑް ޔުނިވާސިޓީ ހޮސްޕިޓަލުން ކަށީގެ ރެސިޑެންސީ ތަމްރީން އޭނާ ހެއްދެވި އެވެ. އޭގެ ފަހުން ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ފެލޯޝިޕެއް ފުރިހަމަކުރައްވައި، ކޮނޑާއި ކަކުލުގެ އާތުރޮސްކޯޕިކް ޕްރޮސީޖާތަކަށް ހާއްސަވެވަޑައިގެންނެވި އެވެ.
ޑރ. މެގްނަސް: ޕީއެޗްޑީ ތީސީސް ލިޔުއްވީ ކޮނޑުހުޅުގެ ސާޖަރީތަކާ ގުޅޭގޮތުން.
ޑރ. މެގްނަސްގެ ކެރިއަރު، އޭނާ ގެންދަވާ އެކި މަންޒިލުތަކުގެ ތެރެއިން މި ކުޑަކުޑަ ރާއްޖެ އަށް މިދިޔަ އަހަރު ވަޑައިގެންނެވުމުން އޭނާ އަށް މިތަން ސިފަކުރެއްވުނީ ކުޅިވަރަށް މޮޔަވާ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގަ އެވެ. އަބަދުވެސް ކޮންމެވެސް ހުސްތަނެއްގައި ކޮންމެވެސް ބަޔަކު ކުޅިވަރެއް ކުޅެން އުޅޭތަން އޭނާ އަށް ފެނިވަޑައިގަންނަވަ އެވެ. އުމުރުން 40 އަހަރުން މަތީގެ މީހުން ވެސް އެކި ކުޅިވަރުތައް ކުޅޭތަން އޭނާ އަށް ފާހަގަކުރެއްވުނެވެ. އޭގެ މާނައަކީ، އަނިޔާވުމުގެ ފުރުސަތު ބޮޑުވުމެވެ.
"އަހަރެން ކައިރި އަށް އައި 45 އަހަރުގެ މީހެއް ވެސް. އޭނާ ބޭނުންވީ އަވަހަށް ރަނގަޅުވާން. އެއީ ވީހާ ވެސް އަވަހަކަށް އަލުން ކުޅުމުގެ ތެރެއަށް ދާން ބޭނުންވެގެން،" ސްވިޑެންގެ ކެރޮލިންސްކާ ޔުނިވާސިޓީން 2020 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މެގްނަސް ވިދާޅުވި އެވެ.
"އަހަންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ މީހާ އަލުން ކުޅެން ދެވޭ ވަރުކޮށްދިނުން."
ބައެއް މީހުން ދެކޭ ގޮތުގައި ސްޕޯޓްސް އިންޖަރީ އަކީ ހަމައެކަނި ޕްރޮފެޝަނަލް ކުޅުންތެރިންނާއި އެތުލީޓުންނަށް ދިމާވާ ކަމެކެވެ. އެކަމަކު މެގްނަސް ވިދާޅުވީ އެއީ ރައްޓެހިންނާ އެކު މަޖާކޮށްލަން ކުޅެންދާ މީހާ އަށް ވެދާނެ ކަމެއް ކަމަށާއި ހިނގާފައި ދާއިރު ފައިއެޅޭ ގޮތަކުން ވެސް ވެދާނެ ކަމެއް ކަމަށެވެ.
"މީގައި މުހިއްމީ އަވަހަށް، ރަނގަޅު ފަރުވާ ހޯދުން އެފަދަ ކޮންމެ ކަމެއް ދިމާވިޔަސް،" ސްވިޑެންގެ އޯތޮޕެޑިކް އެސޯސިއޭޝަނާއި ސްވިޑިޝް ޝޯލްޑާ އެންޑް އެލްބޯ ސޮސައިޓީގެ މެމްބަރު ޑރ. މެގްނަސް ވިދާޅުވި އެވެ.
"ބައެއް މީހުންނަށް ހީވެދާނެ ތިމަންނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ނޫން ވީމާ ސްޕޯޓްސް އިންޖަރީއެއް ނުވާނޭ. އެކަމަކު އެއީ ދިމާވެދާނެ ހާލަތެއް."
މެގްނަސްގެ އެންމެ ހާއްސަ ދާއިރާ ކަމަށްވާ އާތުރޮސްކޯޕިކް ސާޖަރީ އަކީ، ލިގަމެންޓާއި ކޮނޑުހުޅުގެ އިންޖަރީ ފަދަ ކަންކަމަށް ސާޖަރީ ބޭނުންވާ ނަމަ އެކަމަށް އޮތް އެންމެ ފުރިހަމަ ފަރުވާ އެވެ. މިއީ ވަރަށް ކުޑަ ތަންކޮޅެއް ކަފާއިލައިގެން، ކެމެރާއެއް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެކެވެ. ހާނިއްކަވެފައިވާ ތަނަށް ސީދާ އަމާޒު ކޮށްގެން ޒަމާނީ ސާޖިކަލް ޓެކްނިކްސްތައް ބޭނުންކޮށްގެން ހަދާ މި ސާޖަރީގެ ސަބަބުން، ވޭން ކުޑަވުމުގެ އިތުރަށް ރިކަވަރީވުން ވެސް އަވަހެވެ.
ސާޖަރީ އަށް ފަހު ރިހެބްލިޓޭޝަނަށް ވެސް ޑރ. މެގްނަސް ޕްލޭނެއް ދެއްވަ އެވެ.
ނަމަވެސް، ފަރުވާ ސަތޭކަ ޕަސެންޓު ކާމިޔާބުވެ، އަލުން ކުރީގެ ހާލަތަށް ރުޖޫއުވުމުގައި ޕޭޝަންޓުގެ ވެސް މުހިއްމު ދައުރެއް އޮންނަ ކަމަށް މެގްނަސް ވިދާޅުވި އެވެ. ޑޮކްޓަރުދޭ ޕްލޭނާ އެއްގޮތަށް ފިޒިއޯތެރަޕީ ހަދައި، ރީހެބްލިޓޭޝަން ފުރިހަމަކުރުމަކީ ރިކަވަރީގެ މުހިއްމު ބައެކެވެ.
"މައްސަލަ ދެނެގަތުމުގެ މަރުހަލާ އިން ފެށިގެން، ޓެސްޓުތައް ހެދުމާއި ސާޖަރީ ކުރުމުގެ އިތުރުން، ރީހެބްލިޓޭޝަނަށް ވެސް މި ހޮސްޕިޓަލުގައި ވަސީލަތްތައް އެބަހުރި. އަހަރެން ގާތަށް އަންނަ ޕޭޝަންޓުން، ކުރީގެ ހާލަތަށް ގެނައުމަށް އަހަންނަށް އޮތް އެންމެ ބޮޑު އިތުބާރަކީ ވެސް އެއީ،"
ޑރ. މެގްނަސް ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި ތަގުރީރުކުރައްވަނީ.
އަނބިކަނބަލުންނާއި ކުޑަދަރިފުޅާ އެކު ރާއްޖޭގައި ދިރިއުޅުއްވާ މެގްނަސްގެ ހިތް މިހާރު އޮތީ މި ގައުމުގަ އެވެ. މޫސުން ރަނގަޅުވެފައި، މާހައުލު އަރާމެވެ. މީހުން ހިތްހެޔޮވެފައި، ރަނގަޅެވެ. އެ ހުރިހާ ކަމަކާ އެކު ވެސް އޭނާ އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަންނަވަނީ ކޮންމެ ދުވަހަކު ހެނދުނު ޓެނިސް ކުޅުއްވާށާއި ދުވަން ވަޑައިގަންނަވާއިރު ވަރަށް ގިނަ ދިވެހީން ވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ތަން ފެނިވަޑައިގަންނަވާތީ އެވެ.
"ވަރަށް ގިނަ މީހުން ދުވާތަން ފެނޭ. ފެތުމަކީ ވެސް ރާއްޖޭގައި ވަރަށް ފަސޭހައިން ކުރެވެން އޮތް އިންޖަރީގެ ރިސްކު ކުޑަ ކަސްރަތެއް. މީގައި މުހިއްމީ ގަވާއިދުން ކުރާ ކަމެއްގެ ގޮތުގައި ހަރަކާތްތެރިވެ އުޅުން. އެއީ ސިއްހަތަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓް،" މެގްނަސް ވިދާޅުވި އެވެ.
އެއާ އެކު، އަނިޔާ އިން ސަލާމަތްވެ ތިބުމަށް ފަރުވާތެރިވުމަކީ ވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވެވި އެވެ. އަލަށް ފަށާއިރު ނުވަތަ ބަރުދަން އިތުރުވެފައިވާ ނަމަ ސްޓްރެންތް ޓްރެއިނިން ނުވަތަ މަސްތަކާއި ކަށިތައް ބާރުގަދަކޮށްދޭ ކޮންމެވެސް ކަސްރަތެއް ކުރިއަށް ގެންދިއުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އެކަންކަމުގެ ހޭލުންތެރިކަން އޮތް ނަމަވެސް ރާއްޖޭގައި ސްޕޯޓްސް އިންޖަރީ ވަރަށް އާއްމެވެ. އަދި ގިނަ ވަގުތު ވެހިކަލް ދުއްވުމާއި އެފަދަ އެހެނިހެން މައްސަލަތަކާ ހެދި ކޮނޑުގެ މައްސަލަތައް ގިނަ އެވެ.
ޑރ. މެގްނަސްގެ އަމާޒަކީ އޭނާގެ އިލްމާއި ތަޖުރިބާ އާއި ތަމްރީން ބޭނުންކޮށްގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. މެގްނަސްގެ ހިދުމަތާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުން ދިވެހިރާއްޖޭގައި ފޯރުކޮށްދެމުންދަނީ ބައިނަލްއަގްވާމީ ފެންވަރުގެ ސްޕޯޓްސް މެޑިސިން އަދި އޮތޯޕީޑިކް ފަރުވާއެވެ. މިއީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ. މީގެ ސަބަބުން، ގިނަ ދިވެހިންނަށް ރާއްޖޭގައި ތިބެގެން މިފަރުވާ ހޯދޭނެ މަގު މިވަނީ ތަނަވަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
16 August 2025
އައިޖީއެމްއެޗް އަށް މިސަރަހައްދު ބޭރު ޑޮކްޓަރުން ކޮންމެވެސް ވަރަކަށް ގެންނަން ވީ އެވެ. ޑޮކްޓަރުން އަތުން 5 ހާސް ޑޮލަރު ކަޓް ނަގައިގެން ވަޒީފާ ދިނުން ހުއްޓުވަން ވީ އެވެ.
ރާއްޕެ
15 August 2025
ދިވެހި ކުޅިވަރު އޮތީ ވަރަށް ބޮޑަށް އިންޖަރީވެފަ. ދުނިޔޭގެފެންވަރުގެ ބޭހަކަށް ގުޑާ ވަރަށް ވުރެ ސިސްޓަމް ކޮރަޕްޓްވެ ހަލާކުވެފަ. ހަވާލުވެ ހުރީ ތެޔޮ ދަމާތީ ޑޮކްޓަރު ކިޔާ ބޮޑު ސޮހޮލެއް. އަންނަ ދައުރުގައި އިދިކޮޅަށް ވެރިކަން ލިބުމުން އަލުންވެސް މަގާމު ހޯދުމުގެ ހިޔަޅު ރޭވުމުގައި.
މުހައްމާދު
15 August 2025
ވަރަށް ތަފާތު ހިތްހެޔޮ ޑޮކްޓަރެއް. ވަރަށް ރަނގަޅަށް ބައްލަވާ، ކިޔާދެއްވާ.
ހައްގުބަސް.
15 August 2025
ދިވެހިރައްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން ޖެހޭ. އަބަދު ދިވެހިން އިންޑިޔާއަ ދިއުން ހުއްޓާލަން ޖެހޭ.
ވެސަލިއަސް
15 August 2025
މެގްނަސް އެއީ ހަމަ ޓޮޕް ޓިޔާ ސާރޖަން އެއް. އެކަމަކު ވެސް މި ދިވެހީންނަށް ކަމުދަނީ އެތާ އުޅޭ އިންޑިޔާ ޑަކުޓަރު. ހިތާމަ ހުރި ):
ރަގީބު
14 August 2025
ޖޯނީ ސިންސް ކިތަންމެ ރުޔަސް ދިވެހިން ބޭނުންވަނީ ކަންނެތް ރާޖު
އެސިސްޓެންޓް
14 August 2025
މީ މައި ގޯޓް
ތަޙުޛީބު
15 August 2025
ހަބީބް އިޒް މައި ރިއަލް ގޯޓް. ހީޒް ދަ ބެސްޓް.