ގިނަ ދުވަސްވީ އުޅަނދުތައް މާލޭގެ މަގުތަކުން ނަގަނީ.-- ފޮޓޯ: ފުލުހުން
16 އޯގަސްޓް 2025 - 10:23
މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން ފަށައިފި އެވެ.
ފުލުހުން ބުނީ މާލޭގެ މަގުތަކަކީ އެެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ އިތުރުން ސިޓީ ކައުންސިލާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ ގުޅިގެން ކަމަށް ބުންޏެެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަގުތަކުގައި ބަހައްޓާފައި ހުރި ބޮޑެތި ޕިކަޕާއި ސައިކަލުތަކެއް ވެސް ވަނީ ނަގައިފަ އެވެ. އެކަމަކު މަގުތަކުން މިހާތަނަށް ނަގާފައިވަނީ ކިހާ އުޅަނދެއް ކަމެއް އަދި ނުބުނެ އެވެ.
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުން. pic.twitter.com/D5arvVNzYA
— Maldives Police (@PoliceMv) August 16, 2025
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ އުޅަނދު މަގުތަކުން ނަގައި ޓޯކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހަތް ދުވަސް ވަންދެން ވެހިކަލެއް ތަނެއްގައި ބަހައްޓައިފި ނަމަ، ޓޯކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެއީ، ޕާކިން ޒޯނެއްގައި ބަހައްޓާފައި ހުރި ސައިކަލަކަށް ވިޔަަސް އެގޮތަށް އަމަލުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫޅުދިގުއެތީގެބޭބެ
16 August 2025
ދޫކޮށްލާފައި ހުންނައެއްޗެހި އެކަނި ނަގައިގެން ހައްލެއްނުވާނެ. ތިޔަހެން ނަގާތާ ކޮންޒަމާނެއް.ކޮބާރިޒަލްޓް؟ ކަންކަންމަތީ މީހުނަށް މުސީބާތަކަށްވާހެން ތިބޭ ތަކެތިވެސް ނަގާބަލަ. މީހުނަށް ތަބާވެވޭވަރުގެ ގަވާއިދެއް ހަދައި އެއާއި ހިލާފުވަމީހުނާއި ވެހިކަލްތައް ހިފާހައްޔަރުކޮށް މީހުންއަތުން ބޮޑުކޮށް ޖުރިމައިނާކޮށް އެތިގަޑުތައް ނައްތާބަލަ. ތިންހަތަރު މަހެއްގެތެރޭ މަގުމަތީގެ އަހުލާގުން މީރުވަސްނުދުވާތޯ! ކޮންމެވެސް ތަނެއްކޮށްޓާ ކޮރޮޕްޓުވުން ނޫންކަމެއް ނުވޭ!
ބަބްސް
16 August 2025
" ރައްކާތެރި، ހިތްފަސޭހަ ' އޭ ބުނީމަ އަންނަނީ ހިނި. ފުލުހުން މިހާރު ކަންކަން ކުރަނީ ކަންދައްކަން. މަހަކު 100 ވެހިކަލަ އޭކިޔާފަ ހެޑްލައިން އަޅާއިރު މާލެއަށް ބަލާފަ އެއީ ކޯޗެއް. ނަގަނީވެސް ބޮޑެތި މަގުތަކުން ، ކުދިމަގުތަކުގެ އުޅޭމީހުން އުޅެނީ ހާލުގަ. ޕާކްނުކުރާ ކަންމައްޗެއް ނެތް. ގުޅާފަ ބުނީމަވެސް އަޅައެއް ނުލާ ، ގޮވާފަ ދެއްކީމަވެސް އަޅައެއް ނުލާ.
ބަލަމާ ދޯ
16 August 2025
"މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތައް ނަގަން ފަށައިފި" މިހެން ޖެހީމަ ކަމުގެ ހަގީގަތަށް އޮޅުން އަރާ.. މިއީ އެތައް ދުވަހެއްގެ ޕޮލިސީ ލެވެލްގެ ފެއިލިއަރ އެއް. އަދި ވެސް ވާނީ ގޯސް. ހުރިހާވެސް މައްސަލަ އަކީ މާލެއަށް މީހުން ތޮއްޖެއްސުމުގެ ސިޔާސަތު. މިސަރުކާރުން ހުޅުމާލޭގެ ހުރިހާ ހުސް ބިންތައް ދޫކުރަމުން ދަނީ. ޕާކު ކުރާނެ ތަނެއް ނުދައްކާ. ނިކަމެތި މީހާ މާލެ އަންނަން މަޖުބޫރު. ލިބޭ މުސާރައިގެ ބޮޑުބައި ޖުރުމައިނާގެ ގޮތުގަ އަނބުރާ ސަރުކާރަށް !
ބަބްސް
16 August 2025
ޕޮލިސީ ލެވެލްގެ ފެއިލިއަރ އެއް ނޫން މިއީ ފުލުހުން ގިނަ އަހަރުތަކެއް ވަންދެއް އަޅާނުލުމުގެ ނަތީޖާ.
ބަޖިޔާ
16 August 2025
ޕާކިން ޒޯނުން ނަގައިގެން ނުވާނެ. ތާކަށް ފުރަންޖެހުނީމަ ކޮންތާކު ބައިންދަނީ؟
ޕިސް
16 August 2025
އަސްލުވެސް ދޯ؟؟ ކޮންމެވެސް ހައްލެއް ހޯދަ ނުދީ ޓޯ ކޮށްގެން ނުވާނެ !!
ޙަސީނާ
16 August 2025
މާލޭގެ މަގުތަކުގެ ފެންހިންދުން/ ކާނަސާފުކުރުން / ވެހިކަލް މަގުމަތިންނެގުން މާލެ ޓްރެފިކް ރަގަޅުކުރަން ސިންގަޕޫރުން ކޮންސަލްޓޭޝަން ހޯދުން ކަހަލަ ވާހަކަ ނޫސްތަކުގައި ނުޖަހަކުރުން ރަގަޅި. ޢެސްފިންނާ ޖެހޭކަންކަން ވީމަ ބުނެލީ!!!