ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އެމެރިކާގެ އަލަސްކާގައި ބޭއްވި ބައްދަލުވުމަށް ފަހު ބަޔާން ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2025 - 11:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން މާ ބޮޑު ކުރިއެރުމެއް ނުހޯދި ނިންމާލައިފި އެވެ.
ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު މި ބައްދަލުވުމަށް ފަހު އެ ދެ ބޭފުޅުން ދެއްވި ބަޔާނުގައި ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ޑީލެއްގެ އެއްވެސް އަޕްޑޭޓެއް ނުދެއްވަ އެވެ.
ދެ ބޭފުޅުންގެ ބައްދަލުވުން ތިން ގަޑިއިރަށް ފަހު ކުއްލިއަކަށް ނިންމަވާލެއްވުމަށް ފަހު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތައުރީފުކުރައްވައި ވާހަކަ ދެއްކެވި އެވެ. ނަމަވެސް ނޫސްވެރިންގެ އެއްވެސް ސުވާލަކަށް އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ. މީޑިއާއާ ގާތްކަން ބޮޑު އެމެރިކާގެ ރައީސްގެ ފަރާތުން މިއީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގައި މީޑިއާއިން ވަނީ ފާހަގަކޮށްފަ އެވެ.
"އަދި އަޅުގަނޑުމެންނަށް އެ ހިސާބަަކަށް ނުދެވޭ. އެކަމަކު ކުރިއެރުންތަކެއް ހޯދިއްޖެ. އަދި ޑީލަކާ ހިސާބަކަށް ނުދެވޭ،" ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ބޮޑެތި ކުރިއެރުންތަކެއް ހޯދުނު އެއްބަސްވުމެއް ކަމަށާއި ވަރަށް ގިނަ ކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމެއްގެ ތަފްސީލެއް ނުދެއްވަ އެވެ.
"ދެން ހުރީ ވަރަށް މަދު ކަންތައްތަކެއް. ބައެއް ކަންކަމަކީ އެހާ މުހިންމު ކަންކަމެއް ނޫން. އެކަމަކު އޭގެ ތެރެއިން އެއް ކަމަކީ އެންމެ މުހިންމު ކަންތަކަށް ވެސް ވެދާނެ،" ތަފްސީލަކަށް ވަޑައިނުގެން ޓްރަމްޕް ވިދާޅުވި އެވެ.
ޕުޓިން ވެސް މަޝްވަރާތަކާ ބެހޭ ގޮތުން ޖުމްލަކޮށް ވާހަކަތަކެއް ދެއްކެވި އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ މި 'އަންޑަސްޓޭންޑިން' އާ އެކު ... ޔުކްރެއިންގެ ސުލްހަޔަށް މަގު ފަހިވާނެ ކަމަށް،" އެންމެ 12 މިނެޓު ދެއްކެވި ވާހަކާގައި ޕުޓިން ވިދާޅުވި އެވެ.
މީގެ ދެ ވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޓްރަމްޕު ވިދާޅުވުމާ އެކު ޕުޓިން އިނގިރޭސި ބަހުން ވަނީ "ދެން ބައްދަލުވުން އޮންނާނީ ރަޝިޔާގައި" ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy