މިނިސްޓަރު ވިދާޅުވީ، ހަތަރު ޕްރޮޕޯސަލެއް ލިބުނު ކަމަށް. އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން. ކުންފުންޏަށް ސަރުކާރުން ފައިސާ ދޭން ޖެހެނީ ފަސް އަހަރުގެ ތެރޭގައި.
ކައުންސިލްތަކުގެ އާ އިމާރާތް އެޅުމަށް އާރުސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް (ކ) އާއި އާރުސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
16 އޯގަސްޓް 2025 - 21:01
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު އެ މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު ސޮއިކުރީ މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް އެވެ. އާރުސީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފަށައި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުމަކީ ވެސް މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ، ސަރުކާރުން އާރުސީސީއާ އެކު ހެދި އެއްބަސްވުމުގެ އަގަކީ 631 މިލިއަން ރުފިޔާ އެވެ. މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ އެ އިމާރާތްތައް އެޅުމުގެ މަސައްކަތް ނިމުމުން ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެ ފައިސާ އާރުސީސީ އަށް ދައްކަން ޖެހެ އެވެ.
އެއީ، ކޮންމެ އިމާރާތަކަށް ގާތްގަނޑަކަށް 11.5 މިލިއަން ރުފިޔާ އެވެ.
"އިމާރާތޭ ބުންޏަސް އެ ތަންތަން ނިންމާއިރު ހުންނާނީ އޭސީތައް ވެސް ހަރުކޮށް ފަރުނީޗަރު ވެސް ލާފައި. އެ ހުރިހާ ކަމަކާ އެކު އަގު އެ އޮތީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި 55 ރަށެއްގެ ކައުންސިލްގެ އާ އިމާރާތް ހަދައިދޭން ހަތަރު ކުންފުންޏެއްގެ ޕްރޮޕޯސަލް މިނިސްޓްރީން ހޯދި އެވެ. އެއީ ރާއްޖޭގެ ދެ ކުންފުންޏަކާއި ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏެކެވެ. އޭގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ހަތަރު ފަރާތުގެ ޕްރޮޕޯޒަލް ވެސް އިކޮނޮމިކް ކައުންސިލަށް ގެންގޮސް މަޝްވަރާކޮށްފައި ގޮތެއް ނިންމީ. އެއްބަސްވުން ހެދީ ވެސް އިކޮނޮމިކް ކައުންސިލާ މަޝްވަރާކޮށް އެ އަގަށް އެއްބަސް ވެވިގެން. އެއީ އެންމެ ކުޑަ އަގު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އާ އިމާރާތް އެޅުމަށް އާރުސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހު މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، އޭގެ ފަސް މަސްދުވަސް ފަހުން އެ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން މިނިސްޓްރީން ނިންމި އެވެ. އެ އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުންނެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައި ވެ އެވެ.
އެ މަޝްރޫއުއާ އެކު، އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / އިންޖިނިއަރ
17 August 2025
މިމަސައްކަތް ދާނީ ސަބްކޮންޓްރެކްޓަށް.ކޮންމެ ރަށަކުން މަސައްކަތްކުރާނެ ރަނގަޅު ސަބެއް ނެގީމަ ރަނގަޅަށް މަސައްކަތް ނިންމާލެވޭނެ.އާރްސީސީގެ ސްޓްރިކްޓް ސުޕަވިޝަން އޮތީމަ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓޭނެ.11 މިލިއަނަށް ވީމަ ރަނގަޅު ޕްރޮފިޓް މާޖިނެއް ކޮންމެ އިމާރާތަކުން ނެގޭނެ.ވ.ވެދުން
ރާވެރިބެ
17 August 2025
631މިލިއަން ރުފިޔާ އަށް އިމާރާތްކޮށް އެކީ ނިމޭ އިރު ބިލިއަނެއްހާ ރުފިޔާ ޙަރަދުކޮށްގެން ކައުންސިލްގެ އިމާރާތްތަށް އެޅީމަ އަދި ނުފުދޭ. ކޮންމެ އަހަރެއްގެ ބަޖެޓުން އެއިމާރާތްތަކުގެ މަރާމާތާ ބެލެހެއްޓުމަށް އެތަށް ސަތޭކަ މިލިއަން ޙަރަދުވާނެ. އަދި ކޮބާ މުސާރަތަށް؟ ސުވާލަކީ ރައްތިތުންގެ ފައިސާއިން މިހާ ބައިވަރު ޙަރަދު ކުރީމަ އަނބުރާ ރައްޔިތުންނަށް ލިބެނީ ކޮންފައިދާ އެއްތޯ؟ އޭގެ އަގު ޙަރަދާ އަޅާ އިރު ލިބޭތޯ؟ ނުލިބޭނަމަ ތިފައިސާ ރަށު ރައްޔިތުންނަށް ބަހާލާ!
ޙުއްޓާ
17 August 2025
ޢެއްވެސް ކުންފުންޏަކަށް މިހާ ބައިވަރު މަޝްރޫއު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން. ބައިވަރު އެހެން ކުންފުނިތައް ހުއްޓާ ވަކިބަޔަކަށް މިފަދަ މަޝްރޫތައް އެކަނި ދިނުމަކީ އިގްތިސޯދަށް ރަނގަޅުގޮތެއް ނޫން. ތިޔަ 40 ހަކަށް މިލިއަން ޑޮލަރުގެ މަސައްކަތް އެންމެ ކުންފުންޏަކު ލައްވައި މަސައްކަތް ނުކޮށް 20 އަކަށް ކުންފުނި ލައްވައި މަސައްކަތްް ކުރުވުން އިގްތިސޯދަށް ބޮޑުތަނުން ރަނގަޅުވާނެ
ނާމްދި ކާނޫ
17 August 2025
އާރު ސީ ސީ އަކީ އިމާރާތް ކުރުމެގެ ރަންގަޅު ހިސްޓަރީއާ ތަޖުރިބާ އޮތް ކުންފުންޔެއް
ސިޔާހު
17 August 2025
މިކަން މިގޮތަށް ކުރަންވެގެން ފުރަތަމަ ޕޭޕަރ ކުންފުންޏަކާ ތިމަސައްކަތް ހަވާލުކުރީވެސް.
މައި ބިގު ޕުރޮފިޓު
17 August 2025
އެލްޖީއޭއިން ކީކޭތޯ މިކަމާމެދު ވިދާޅުވަނީ؟ މިޔަށްވުރެ މާ އަގު ހެޔޮކޮށް އެލްޖީއޭއިން އެޅި، ފެންވަރު ރަނގަޅު ކައުންސިލު އިމާރާތްތަކެއް! ކޮބާ އެ ލިޔެކިޔުންތައް!
ޝަހުމް އާދަމް
17 August 2025
މިވަގުތު ލާރި ހުރީ އާރްސީސީ ކަހަލަ މަދު ބަޔެއްގެ އަތުގައި. މިކަންކަން އަމިއްލަ ހަރަދުގައި ކުރެވޭނީ މިކަހަލަ ބަޔަކަށް.
ނީލަމް މުހައްމަދު
17 August 2025
މިހާރުވެސް ކައުންސިލް އިމާރާތްތައް ހުރީ ނިކަން ބައު ކޮށް. ބޮލަށް ވެއްޓޭހާ ހިސާބްގަ. އެހެން ވުމުން މިތަންތަން އައު ކުރަން ޖެހޭ. މީ ރަނގަޅު ކަމެއް.
ރިޒުހާން މުހައްމަދު
17 August 2025
މީގެ ސަބަބުން ހަމަ ގައިމުވެސް ކައުންސިލްތަކުން ދޭ ހިދުމަތް ރަނގަޅު ވާނެ.
އިސްމާލި
17 August 2025
:"އެ ހަތަރު ފަރާތުގެ ޕްރޮޕޯޒަލް ވެސް އިކޮނޮމިކް ކައުންސިލަށް ގެންގޮސް މަޝްވަރާކޮށްފައި ގޮތެއް ނިންމީ. އެއްބަސްވުން ހެދީ ވެސް އިކޮނޮމިކް ކައުންސިލާ މަޝްވަރާކޮށް އެ އަގަށް އެއްބަސް ވެވިގެން. އެއީ އެންމެ ކުޑަ އަގު،" އާދަމް ޝަރީފް ވިދާޅުވި އެވެ." .... އެހެންނާ އިކޮނޮމިކް ކައުންސިލުގައި ތިބެނީ މަތިން ފައިބައި ތިބި ހުދު ކާފޫރު ވިއްޔަ!!! ތި މައްޗައް ގެންދިޔަ ވަރަކަށް ގުޅިފައި އޮންނަ މިންވަރު ބޮޑުވާނެ. މިއީ ވަރަށް ވާހަކަ.
ޙައްގުބަސް
17 August 2025
ކައުންސިލް އަކީ ބޭރުނަމެ. ދިވެހި ނަމަކީ ކަތީބު.