ކ. ހިންމަފުށީގައި ހުރި ވެމްކޯގެ އިޝްތިހާރު ބޯޑެއް: ވެމްކޯ ހިންގަން ފައިސާ ހޯދަން އެ ރަށުގެ ފަޅުން ބައެއް ކުއްޔަށް ދޭން އިއުލާންކޮށްފައިވޭ.-- ފޮޓޯ: މިހާރު
16 އޯގަސްޓް 2025 - 22:04
ރަށްރަށުގައި ކުނި މެނޭޖުކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބައެއް ރަށްރަށުގެ ފަޅާއި ފަޅުރަށްރަށް ތަރައްގީކޮށް، އެ ތަންތަނުގައި ވިޔަފާރި އުސޫލުން އިންވެސްޓް ކޮށްދޭނެ ފަރާތްތައް ހޯދަން ވެމްކޯ އިން އިއުލާންކޮށްފި އެވެ.
އެގޮތަށް ކުއްޔަށް ދޭން ނިންމާފައި ދެ ތަނަކަށް ބީލަން ހުށަހަޅަން ވެމްކޯ އިން މި މަހުގެ ތިންވަނަ ދުވަހު އިއުލާންކޮށްފައިވެ އެވެ. އެއީ، ކ. ހިންމަފުށީގެ ފަޅުން ބަޔަކާއި ކ. ގުރައިދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްފުއްޓެވެ.
އެ ދެ އިއުލާނުގައި ވެސް ބުނިގޮތުގައި، އެ ތަންތަން ދެނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ތަރައްގީކުރާ ގޮތަށެވެ. އަދި އެ ތަންތަނުގެ ޕްލޭނިން އާއި ޑިޒައިން އަދި ތަރައްގީގެ ކަންކަން ކުރަން ޖެހޭނީ ބީލަން ކާމިޔާބުކުރާ ފަރާތުން އަމިއްލަ އަށް ކަމަށާއި އެ ތަންތަން ތަރައްގީ ކުރުމަށް ވެމްކޯ އާއި ކައުންސިލްތަކުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް އިއުލާންތަކުގައި ބުނެފައިވެ އެވެ.
ހިންމަފުށީ ފަޅާއި ޅޮސްފުށި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 28 ގެ ކުރިން ބީލަން ހުށަހަޅަން އެ އިއުލާންތަކުގައި ބުނެފައިވެ އެވެ.
މި އިއުލާންތަކާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް މިރޭ ވިދާޅުވީ، އެ ކުންފުނިން ނިންމާފައި ވަނީ ރަށްރަށުގެ ކުނި މެނޭޖު ކުރުމަށްޓަކައި ސަރުކާރުގެ ސަބްސިޑީއާ ނުލައި، ވިޔަފާރި އުސޫލުން އެ ހިދުމަތް ދެވޭނެ ގޮތެއް ހޯދަން ކަމަށެވެ. އެހެންވެ، ރަށްރަށުން ބިމާއި ފަޅު ހޯދަނީ ވިޔަފާރީ އުސޫލުން އެ ތަނުގައި އިންވެސްޓް ކޮށްދޭނެ ބަޔަކު ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރި އުސޫލުން ބިން މި ހޯދަނީ. އެ ތަނަށް އިންވެސްޓް ކޮށްގެން އެ ތަން ހިންގާނީ ވެމްކޯއަކުންނެއް ނޫން. ބީލަމުގެ އުސޫލުން އެ ތަން ނަގާ ބައެއްގެ ކަމެއް ތަން ހިންގުމަކީ. ތަނުން ލިބޭ ނަފާއިން ބައެއް އަޅުގަނޑުމެން ވެމްކޯ އަށް އެ ބަޔަކު ދޭން މި ޖެހެނީ. އަޅުގަނޑުމެން ވެމްކޯއިން މި އުޅެނީ ގެސްޓް ހައުސް ހިންގާކަށް ނޫން،" މުޖުތަބާ ވިދާޅުވި އެވެ.
"އެ ތަނުގެ ކުލިން ލިބޭ ފައިސާއިން އެ ރަށެއްގެ ކުނި މެނޭޖުކުރެވޭނެ ގޮތް މި ހޯދަނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބޭ
17 August 2025
މުޖުތަބާއަށް ހީފުޅުވަނީތޯ ގެސްޓު ހައުސްހަދައިގެން އެލިބޭމަންފާއަކުން ރައްރަށުގެ ކުނިމެނޭޖްކުރެވިދާނެކަމަށް، އެއީ އެއަށްވުރެ ޚަރަދު ބޮޑުކަމެއް، ތިބޭފުޅުން ބޭނުން ބަޔަކަށް ތިޔަރައްތަކާ ފަޅުތަށް ދެވިދާނެ، ކޮންމެ ރަށަކަށް ކުނިއަންދާ މެސިނެއް ބެހެއްޓިދާނެ އެވަރުން އެކަން ކުރެވޭތޯ، މިއީ ހައްޖުކޯޕަރޭސަނުން ޑޮލަރ ހޯދަން ގެސްޓުހައުސް އެޅުން ފަދަ ކަމެއް، ތިޔަނަގާ ގުރީންޓެކުސް ދަނީ ކޮންތާކަށްތޯ
އަހުމަދުބޭ
17 August 2025
މުޖުތަބާ، ތިޔަކިޔާ އެއްޗެއް ނޭގިގެންނޫން މިއުޅެނީ، އަދި ހަދަން ތިޔައުޅޭއެތި ވެސްނޭގިގެން ނޫން މިއުޅެނީ، މިއަދު މިބުނަނީ، ތިޔައީ ފެށުމުގައިވެސް ގެއްލުންބޮޑު އަދި ދައުލަތުން ގެއްލޭ ފަޅުތަކެއް، ހަދާނަށް ގެންނަވާ އެމް ޑީ ޕީ ވެރިކަމުގައި ދަތުރުފަތުރު ނިޒާމް ފައްޓަން ހަމަ ތިޔަގޮތަށް ފަޅައި ރައްތަށްދިން، މިއަދު އެރައްތަކާ ފަޅުތަކުގައި ރިސޯޓްހަދައިފި ދަތުރުފަތުރު ނިޒާމް އަލުން ބަލުން ޖެހުނީ ސަރުކާރުން ޚަރަދުކޮއްގެން ގެންދަން
ގުދުގުދާބެއްޔާ
17 August 2025
ކޮންއިރަކުތޯ ރަށްތަކުގެ ފަޅުރަށާއި ފަޅުތައް ވެމްކޯގެ ތަނަކަށް ބަދަލުވީ؟ ތިވަތުން ދާނަމަ އަހަރުމެންގޭގެ ސިޓިންރޫމްވެސް ވެމްކޯއިން ކުށްޔަށް ދިނުން އެކަށީގެންވޭ! މިހާރު ހުރި ގޮތުން ކުންފުނި ބަގުރޫޓް ވުމާ މިސްރާބް ޖަހާފައިވާހެން ވަރަށް ހީވޭ!
އަފްރާސިޔާބު
17 August 2025
ކުނިމެނޭޖްކުރުމަށްޓަކައި ކޮންމެ އަތޮޅަކުން ވެމްކޯގެ މެނެޖިންގ ޑިރެކްޓަރަށް ފަޅުރަށެއް ދޭންވީނުން. ދެން އެރަށްތަކުގައި ޓޫރިޒަމް ތަރައްގީކޮށްވިޔަފާރި ހިނގައިގަތީމާ އޭނާ މެނެޖިންގ ޑިރެކްޓަރު ކަމުން ވަކިކޮށްލީމާ ނިމުނީނުން. އެގޮތަށްތާ ދޮންބިލެތް އަޙްމަދު ޙަލީމު ރިސޯޓެއް ހެދީވެސް. ކޮބާއޭނާ ފ. އަތޮޅަށް ދޭންބުނި ޚިދުމަތް.
ފުރަތަމަ
17 August 2025
އަހަރެމެންގެ ފައިސާކޮޅު ދޭން އުޅުނިއްޔާ މާރަގަޅެއްނު. މުޖުތަބާމެން ތިޔަ އުޅެނީ އަދިވެސް އެފައިސާ މިފައިސާ ހޯދަން ، އަހަރެމެންގެ ފައިސާކޮޅު ހިފަހައްޓާއިގެން
އިސްމާލި
17 August 2025
""ވިޔަފާރި އުސޫލުން ބިން މި ހޯދަނީ. އެ ތަނަށް އިންވެސްޓް ކޮށްގެން އެ ތަން ހިންގާނީ ވެމްކޯއަކުންނެއް ނޫން. ބީލަމުގެ އުސޫލުން އެ ތަން ނަގާ ބައެއްގެ ކަމެއް ތަން ހިންގުމަކީ. ތަނުން ލިބޭ ނަފާއިން ބައެއް އަޅުގަނޑުމެން ވެމްކޯ އަށް އެ ބަޔަކު ދޭން މި ޖެހެނީ. އަޅުގަނޑުމެން ވެމްކޯއިން މި އުޅެނީ ގެސްޓް ހައުސް ހިންގާކަށް ނޫން،" މުޖުތަބާ ވިދާޅުވި އެވެ." މި ކިޔާ އެއްޗެއް ތަންކޮޅެއް ތިލަކޮއްލަދީބަލަ/
އިބުރ
17 August 2025
މުނިސިޕަލް ޚިދުމަތް ވިޔަފާރި އުސޫލުން ކުރަން ސަބްސިޑައިޒްކުރަން އިތުރު ވިޔަފާރިތަކެއް އޭގެ ތެރެއަށް ވެއްދުމަށް ވުރެން މާރަގަޅުވާނެ އެކަން މުނިސިޕަލް ކަމެއްގެ ގޮތުގައި ކައުންސިލްތަކުގައި ބޭއްވުން. އޭރުން އެދެވޭ ސަބްސިޑީއެއް ސަރުކާރުން ދީފައި، ކުއްޔަށްދޭ އެއްޗެއް ސަރުކާރަށް ލިބިފައި އޭގެ ތެރެއިން ސަބްސިޑީ ހަމަޖައްސަން ފަސޭހަ ވެގެންދާނެ. ތިހުށަހަޅާ ގޮތަށް ކުރީމާ ތިކަމުގެ ސަބަބުން ސަރުކާރަށްވެސް، ކުންފުންޏަށްވެސް، ރައްޔިތުންނަށް ވެސް ވާނީ ގެއްލުން.
ފޮނިޓައްޕު ހަސަނު
17 August 2025
މިރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ދުވާލަކަށް 8.00ޑޮލަރު ނަގާ. އަހަރަކު ރާއްޖެއަށް އާދޭ 1 މިލިއަންޓޫރިސްޓުން، އެމީހުން އެވަރެޖްކޮށް 7 ދުވަސް ރާއްޖޭގައި ހޭދަކުރޭ. 1މިލިއަން × 8ޑޮލަރު × 7 ނައިޓް=އަހަރަކު 56 މިލިއިން ޑޮލަރު ލިބޭ. މިގްރީން ޓެކްސްގެ ފައިސާ އިން ވައްކަން ނުކުށް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް 1 މިލިއަން ޑޮލަރު ދީފި ނަމަ 4 އަހަރުން ހުރިހައިރަށެއްގައި ކުނިމެނޭޖް ކުރެވޭނެ ނިޒާމްގާއިމް ވޭނެ.
ސުމަގުލަރު
17 August 2025
މަގުމަތީ ހުންނަ ކުނި ކޮތަޅު ހޮވައިގެން ޕާޓޭން ފައިސާ ހޯދާއިރު މުޅި ގައުމުގެ ހުރިހާ ކުންޏެއް ނަގާ ވެމްކޯއަށް އެކުނިން ފައިދާ ނެރެވޭނެ ގޮތެއް ނޭގެންޏާ ތި ކުންފުނީގެ ބޯޑަށް ޕާޓޭންކޮޅެއް އައްޔަނު ކުރަންވީނުން!؟
ލުބްލާ2025
17 August 2025
ރަށްރަށުގަ ކުނި މެނޭޖު ކުރެވޭނީ ރައްޔިތުން އަތުން ފީ ނަގައިގެން. އެކަމަކު ވެލްފެއާ ސްޓޭޓެއްގަ ހުރިހާ ކަމެއް “ހިލޭ” ކޮއްފަ އޮވެގެން އެކަމެއް ނުވާނެ