ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާނުކުރާކަން ހާމަވެއްޖެ އެވެ.
އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ހެޑް ޝުއާއު ހަނީފު ވިދާޅުވީ ޕެންޝަނަށް 20 މިލިއަން ދައްކަން ޖެހިފައި އެބަ އޮތް ކަމަށާއި އެ ފައިސާ ނުދެއްކި އޮތީ ކޭޝް ފްލޯ ތާށިވެފައި ވާތީ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ގިނަ އަދަދެއްގެ މައުލޫމާތު ހޯދަމުން އަންނަ އާންމުންގެ މީހެއް ކަމަށްވާ އަފްރާހް އިސްމާއިލް ޕެންޝަން އޮފީސް މެދުވެރިކޮށް ހޯދި މައުލޫމާތުގައިވާ ގޮތުން ޕެންޝަންގެ ގޮތުގައި އެންމެ ފަހުން ވެމްކޯއިން ފައިސާ ޖަމާކޮށްފައިވަނީ އޭޕްރީލް 2024 ގަ އެވެ. އެ މަހު ޕެންޝަނަށް 1.6 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެހެންވެ، ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް ވެއްޖެ އެވެ.
ޝުއާއު ވިދާޅުވީ، އެ ކުންފުންޏަށް މާލޭ ސިޓީ ކައުންސިލުން ލިބެން ޖެހޭ 98 މިލިއަން ރުފިޔާ އެބަ އޮތް ކަމަށާއި އެ ފައިސާ ލިބުނުހާ އަވަހަށް ޕެންޝަން ފައިސާ ދައްކާނެކަން ޕެންޝަން އޮފީހަށް ވެސް ވާނީ އަންގައިފަ އެވެ. އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޝަނަށް ފައިސާ ނުދައްކާ އޮތް އިރު އެ ކުންފުނީގައި މިވަގުތު 2،000 އަށް ވުރެ ގިނަ މުަވައްޒަފުން މަސައްކަތް ކުރެ އެވެ.
ޕީސީބީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުން 2024 ވަނަ އަހަރު އެކުންފުންޏަށް ވަނީ 138 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ.
ވެމްކޯ އުފެއްދީ 2009 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހުރިހާ ޒިންމާއެއް އަދާކުރަމުން އަންނަނީ އެ ކުންފުނިންނެވެ.
ވެމްކޯ އަކީ ޔޫޓިލިޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް އާމްދަނީއެއް ވެސް ވަންނަ އެއް ކުންފުންޏެވެ. އެކުންފުންޏަށް 2024 ވަނަ އަހަރު 467 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.