ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް ގަވާއިދުން ފައިސާ ޖަމާނުކުރެވެނީ، އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކާތީކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޭޝް ފްލޯ ތާށިވެފައިވާތީ، ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާނުކުރާކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ މީހަކަށް ދިން މައުލޫމާތުތަކުން ވަނީ ހާމަވެފަ އެވެ.
އެކަމާ ގުޅިގެން، ފޭސްބުކްގައި ވެމްކޯއިން އާންމުކުރި ބަޔާނެއްގައި ބުނީ، ކުންފުނީގެ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އެހެންނިހެން އިނާޔަތްތައް ދެމުން ގެންދަނީ، އެ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ސަރުކާރުން ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ.
"ނަމަވެސް، އެކި ފަރާތްތަކުން މި ކޯޕަރޭޝަނުން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
މިގޮތުން، މާލެ ސިޓީ ކައުންސިލުން ނުދައްކާހުރި ފައިސާގެ އަދަދު 98 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އެ ފައިސާ ހޯދުމަށް ފާއިތުވި ދެ އަހަރު ކުރި މަސައްކަތުން ވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ވެމްކޯއިން ބުންޏެވެ.
އަދި އެ ފައިސާ ހޯދުމުގައި، ވެމްކޯ އިން ބުނި ގޮތުގައި، ފިނޭންސް މިނިސްޓްރީ އާއެކު ވެސް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.
މީގެއިތުރުން، ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ޕެންޝަން އޮފީހާއެކު ވެސް އެކި ފަހަރުމަތިން މަޝްވަރާތައް ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި ދަތިތަކާ އެކު ވެސް މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ، އަވަސް މުސްތަގުބަލެއްގެ ތެރޭގައި ޖަމާކުރާނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފަ އެވެ.
ޕެންޝަނަށް ފައިސާ ނުދައްކާ އޮތް އިރު އެ ކުންފުނީގައި މިވަގުތު 2،000 އަށް ވުރެ ގިނަ މުަވައްޒަފުން މަސައްކަތް ކުރެ އެވެ.
ޕީސީބީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުން 2024 ވަނަ އަހަރު އެކުންފުންޏަށް ވަނީ 138 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ.
ވެމްކޯ އުފެއްދީ 2009 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހުރިހާ ޒިންމާއެއް އަދާކުރަމުން އަންނަނީ އެ ކުންފުނިންނެވެ.
ވެމްކޯ އަކީ ޔޫޓިލިޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް އާމްދަނީއެއް ވެސް ވަންނަ އެއް ކުންފުންޏެވެ. އެކުންފުންޏަށް 2024 ވަނަ އަހަރު 467 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.