އީޕީއޭގެ އެންމެ އިސްވެރިޔަކަށް ކުރިން ހުންނެވި ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އާއި ޕާމިނެންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 އޯގަސްޓް 2025 - 13:24
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އިސްވެރިޔާގެ ގޮތުގައި އަލަށް އުފެއްދި މަގާމަށް މީހަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނުގައި ބުނީ އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ އޮތޯރިޓީ ހިންގުމުގެ އެންމެ އިސްވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓަރު ކިޔާ މަގާމެއް އުފައްދަން ރައީސް ނިންމެވި އެވެ.
ސީއެސްސީގެ އިއުލާނުގައި ބުނި ގޮތުގައި، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ އަސާސީ ޝަރުތުތަކީ؛
1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، ސަރުކާރު، ޕަބްލިކް، ޕްރައިވެޓް، ގައުމީ، ބައިނަލްއަގުވާމީ، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
2. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު؛ ސަރުކާރު، ޕަބްލިކް، ޕްރައިވެޓް، ގައުމީ، ބައިނަލްއަގުވާމީ، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކުރިން އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ނައީމެވެ.
އާ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
އީޕީއޭ އުވައެއް ނުލާ، ނަން ބަދަލުކޮށް އޮތޯރިޓީއަކަށް ހަދަނީ: މިނިސްޓްރީ https://t.co/1iQK3jPlrj
— Mihaaru (@Mihaarunews) August 12, 2025
ރައީސް އިއުލާންކުރެއްވި ބަދަލާއެކު، ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާގެ ހައިސިއްޔަތު ބަދަލުވެ، މިހާރު އެ އިދާރާ ހިންގަނީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫކޭ
18 August 2025
ތިވަރު ލިބޭ ތަނެއްދޮރެއް ނުދަންނަ ސިޔާސީ ޓުވީޓު ކޮއްލަ ކޮއްލަ ހުންނަ މީހާ އަށްވެސް
ގަންބޫޓު
18 August 2025
ގައިމު އެއް އިރަކު ބުނި އެޑުމިނިސްޓުރޭޓިވް މަސައްކަތްކުރާ އެންމެނަށް އެއްވަރެކޭ މުސާރަ ހަމަހަމަކުރީމާ ދޭނީ، ފަރަގުތައް ނެތިކޮށްލަން
އިސްމާލި
18 August 2025
"ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ." ތަން ފުޅާކޮއްފައި، ނަން ބަދަލުކޮއް، ބޮޑު މުސާރަ ދޭ މީހަކު ވެރިއަކަށް ލާފައި މިނިސްޓްރީގެ ސެކްޝަނެއް ގޮތަށް ހިންގުމަކީ ކުރިއެރުމެއް ނޫން. ތިމާވެއްޓަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ނުހަނު ގިނަގުނަ ފައިސާ ހިމެނޭ ދާއިރާއެއް ކަމުން މިއީ ދެރަކޮއް ހިންގި ކަމެއް.
ރައްޔިތުސޮރު
17 August 2025
ކީއްކުރަން ބޮޑު މުސާރަދޭގޮތަކަށް އޭގެބަދަލުގަ ވަޒީފާތަކަށް ހުޅުވާލާއިރު ކަޓުނެގޭގޮތަށް އިޢުލާނުގަޖެހީމަ މާ ޓުރާންސްޕޭރަންޓުވާނެ!
އަހުމަދުއަލޯ
17 August 2025
ސިޔާސީ މަގާމެއްވީމަ 35 އޯކޭ. އެކަމަކު ބޮޑު މުސާރަކިޔަން ލަދު.
ށޮއްޕޭ
17 August 2025
ތި ޖޮބަކީ ނައީމްބެ ތަނުން ދުރުކޮއް ތިތަނުގެ ޕީއެސް ބޭނުންވާ މީހަކައް ދޭގޮތައް ނިމިފަވާ ކަމެއް އަދި އެންވަޔަރަމެންޓް މިނިސްޓްރީ ރަނގަޅު ކުރަން ތިޔަތަނުގައި 15 އަހަރުވީ ޕީއެސް ބަދަލު ކުރަން އެބަޖެހޭ
ކޮބާތާ ބޮޑު މުސާރައަަކީ؟
17 August 2025
ބޮޑު މުސާރަ އަކަށް ވާނީ ސްޓޭޓެއްގެ މުސާރަ 47 ހާސް ރުފިޔާ. ތިކިޔާ މުސާރައަކީ ބީއެމްއެލް ގެ މެނޭޖަރަކަށް އެޗްޑީސީގެ މެނޭޖަރަކަށްވެސް ލިބޭވަރު ކުޑަވެގެން. ވީމާ އެހެން ކޮންމެހެން ސުރުޚީ އަޅާނެކަމެއްނެތް. ތަން އޮތީ އުވާލާ ހިސާބުގަ، ރަނގަޅު ކަންތައްތަކެއް ކުރަންޖެހޭ.
ނައްތު
17 August 2025
މާތްކަލާނގެއާ ވަކީލު.
ސަމީމާ
17 August 2025
ހާދަ ޝަރުތު ދަށޭ. ބޮލުރޮއްޖަކަށް ތަން ހަވާލުކުރަން ފަހާފަ އިން ކޯޓަކަށް ދޯ މިވަނީ