ސިނަމާލެ ބްރިޖު ކައިރި އަށް ރޭ އެރި ވެލާ އެޅި ބިސްތައް ފޯސީޒަންސް ކުޑަހުރާ ރިސޯޓަށް ގެންގޮސްފި އެވެ.
ވެލާ އެޅި 96 ބިސް ކުޑަހުރާގައި ވިއްސުމަށްޓަކައި ގެންދިޔައީ އީޕީއޭގެ ބެލުމުގެ ދަށުންނެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ އެ ބިސްތައް ރައްކާތެރިކަމާއެކު ގެންދިޔައީ ފޯސީޒަންގައި ހިންގާ މެރިން ޑައިވާސް އިން ކަމަށެވެ.
"އެ ބިސްތަކުގެ ކަންކަން ދެން ބަލަހައްޓާނީ ރިސޯޓުން. އެކަމަކު އެކަން ދާ ގޮތް އަޅުގަނޑުމެން ބަލަމުން ދާނެ،" އޭނާ ވިދާޅުވި އެވެ.
މިއީ މި ގޮތަށް ވެލާ ބިސް އެއްތަނުން އަނެއް ތަނަށް ގެންގޮސްގެން ވިއްސުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މިގޮތަށް ކަންތައް ކޮށްފައި އެބަހުއްޓެވެ.
ނައީމް ވިދާޅުވީ، ވެލާ ބިސް އެޅި ތަނުގައި އެ ބިސްތައް ނުބެހެއްޓީ އެއީ ރާޅު އަޅާ ސަރަހައްދަކަށް ވާތީ ކަމަށެވެ.
"އެހެންވެ އެ ހަލާކުވެ ގެއްލުމުގެ ފުރުސަތު އެބައޮތް. ރައްކާތެރިކަމާއެކު ބިސްތައް ވިއްސުމަށްޓަކައި އެ ކަމަށް ހާއްސަ ތަނަކަށް ގެންދިޔައީ. އެއީ މާލެ ކައިރިން އެ ގޮތަށް ހުރި ހަމައެކަނި ތަން،" އޭނާ ވިދާޅުވި އެވެ.
ވެލާ ބިސް އާންމުގޮތެއްގައި ދެ މަސްތެރޭގައި ފީވެ، ދަރިމައިވެ އެވެ.
ރޭ މާލެ އަށް އަރައި ބިސް އެޅި ވެލާ، މީގެ 15 ވަރަކަށް ދުވަސް ވެސް ހަމަ އެތަނަށް އަރާފައި ވެއެވެ. އެކަމަކު އެ ފަހަރު ބިސް އެޅުމުގެ ކުރިން އެ ވެލާ ވަނީ އެތަނުން ނަގައި މޫދަށް ދޫކޮށްލައިފަ އެވެ.