ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭގެ ބޭފުޅުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ | މަޖިލިސް
18 އޯގަސްޓް 2025 - 12:46
އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ ރާއްޖެ އެތެރެ ނުކުރެވޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
މި ބޭސް ނުލިބުމުގެ ކަންބޮޑުވުމަށް ހައްލު ހޯދަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭގެ ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި، މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވަނީ، އެ ބޭހުގެ މައްސަލަ ފާހަގަކުރައްވައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބޭސް ފަރުވާގެ ނިޒާމަށް އިހުމާލުވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ އޭޑީއެޗްޑީ ހުންނަ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ރާއްޖެ އިން ނުލިބޭ މައްސަލައެއް ފާހަގަވުމުން، އެ ބޭސް ލިބޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭޑީއެޗްޑީ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑަށް އޮތް ކަމަށާއި ޑޮކްޓަރުން ވެސް އެ ޝަކުވާ ކުރައްވާ ކަމަށް ޖަލީލާ ވެސް ވިދާޅުވި އެވެ. ޑޮކްޓަރުން އެ ބޭސް ލިޔެދިނަސް މައްސަލަ ދިމާވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތައިލްފެނިޑޭޓް އަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރިޓްމެންޓެއްގެ ގޮތުގައި ބޭނުންކުރަން ސައިންޓިފިކަލީ ޕްރޫވެން، ރަނގަޅު ބޭހެއް. އެކަމަކު ރާއްޖޭގައި މިވަގުތު މި ބޭސް ބަލި މީހުންނަށް ލިބުމުގައި އޮތް ދަތިކަމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އަދި ޖަދުވަލު ދޭއްގައި ވެސް މި ބޭސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
"ދެ ޖަދުވަލެއްގައި މި ބޭސް ހިމަނައި، ރާއްޖެއަށް އިމްޕޯޓު ކުރުމުގައި އިންޓަނޭޝަނަލީ ވެސް ކޮންޓްރޯލް ކޮށްފައިވާ މޮލިކިޔުލް އެއް. [މައްސަލަ ދިމާވެގެން އުޅެނީ ބޭސް] އެތެރެކުރަން ބޭނުންވާ ހުއްދަތައް ލިބުމުގައި ދަތިތަކެއް ދިމާވެގެން."
މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އެ ބޭސް ހިމަނާފައި ވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގަ އެވެ. ޖަދުވަލު ދޭއްގައި ހިމަނާފައި ވަނީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ތެރޭގަ އެވެ.
ޖަލީލާ ވިދާޅުވި ގޮތުގައި މި ބޭސް އެތެރެ ނުކުރެވޭ މައްސަލަ ދިމާވުމުން، މަސްތުވާތަކެތީގެ ގާނޫނު އިސްލާހްކުރަން އެމްއެފްޑީއޭ އިން ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގާނޫނުގެ ޖަދުވަލު އެކަކުން އެ ބޭހުގެ ނަން އުނިކޮށް، ހަމަ އެކަނި ޖަދުވަލު ދެއަކަށް ބަދަލުކޮށްދޭން މިދިޔ ޖުލައި 13، 2025 ގައި މަޖިލީހުގައި ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބޭހަކީ ކްރިޓިކަލީ ވަރަށް މުހިންމު ބޭހެއްކަން ފާހަގަ ކުރައްވައި ޖަލީލާ ވިދާޅުވީ ރާއްޖޭގެ އެސެންޝަލް މެޑިކަލް ލިސްޓުގައި ވެސް ހިމަނާފައިވާނެ ކަމަށެވެ.
ޖަލީލާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ސައިކޭޓްރިކް އެހެން ބައެއް ބޭސްތަކެއް ވެސް ނުލިބޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެ ބޭސްތައް ވެސް ރާއްޖެ އެތެރެކޮށް ބަލި މީހުންނަށް ފަސޭހަ އިން ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިސަން
19 August 2025
ޖަދު ވަލެއްގަ އޮތަސް ނެތަސް ޑޮކްޓަރުން ލިޔެދޭންޖެހޭ ބޭސް ލިބޭނެގޮތް ހަމަޖައްސަން ޖެހޭނެ. ބަލިތަކަށް ފަރުވާކުރުމާއި، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަކީ ދެކަމެއް،..
ދެވަނަވިސްނުމަކަށް
19 August 2025
ކޮންމެ ކަމަކަށްވެސް އުފައްދާފަ ހުންނަނީ އެންމެ ބޭހެއްނޫން. އެއްކަމަކަށް ތަފާތު ނަންތައް ކިޔާ ތަފާތު ބޭސް އުފައްދާފަ ހުރޭ. އެހެންވީމާ ތިވިދާޅުވާ މައްސަލައަށް ޙައްލު ހޯދުމަށް އުފައްދާފަހުރި ތިނޫން އެހެން ބޭހެއް އެތެރެކުރެވިދާނެ ކަމަށް ފެންނަނީ. އަޅުގަނޑުވެސް ފުރަތަމަ ބޭނުންކުރި ބޭހަކުން އެލާޖިކު ވާތީވެ ޑޮކްޓަރު އެހެން ބޭހެއް ދެއްވީ. މައްސަލައެއް ދިމަލެއް ނުވޭ. އެހެންވީމާ ކޮންމެހެން ޑްރަގެއް ނުގެނެވިގެން ޑިމާންޑު ކުރެއްވުން ރަނގަޅެއް ނޫން.
ވެނީ
19 August 2025
އުޑެއް ބުޑެއް ނުދަންނަމީހުން މަޖިލީހަށް ހޮވީމަ ވާނެ ގޮތް މިއީ! މި މީހުންނަށް ލަދު ކަމަކަށް ވާނީ ކަމުގެ ފަންނީ މީހުންގެ ލަފަޔަކަށް އެހުންވެސް. ރައްޔިތުމީހާ ފުރަތަމަ ހޭލަންވީ! 500ރ ދިނީމަ ވޯޓު ވިއްކުން ހުއްޓާލަންވީ! ކުރިމަތިލާފައި ހުރި މީހުންތަކުގެ ތެރެއިން ދުނިޔެއަށް އެންމެ ލޯ ހުޅުވިފައި ކިޔަވައިގެން ހުރީ ކާކުތޯ ބަލާފައި ނޫނީ ވޯޓު ނުދޭންވީ! ކޮމެންޓު ސެކްޝަނުގައި ބަވަބަވާފައި ލިޔާ ގިނަމީހުންނަކީ ވޯޓު ކޮންމެވެސް ސިފައިގައި ވިއްކާފައި ތިބި މީހުން!!
މެންޓަލް ހެލްތްއަށް ސަލާމް
19 August 2025
ޑިޕްރެޝަން އެންޒައިޓީ ބައިޕޯލާ ފަދަ ބަލިތަކަށް އަދިވެސް އަހަރަމެން މި ބޭނުންކުރަނީ އިހުގެ އެސް.އެސް.އާރ.އައި. ބޭސް، އެ ބަލިތަކަށް އެހެން ގައުމުތަކުގައި މާ ރަނގަޅު ބޭސް މިހާރު ބޭނުން ކުރޭ
ކާމް އޮން ދަ އައުޓްސައިޑް
19 August 2025
ބޮޑު ވިޔަފާރިޔަކަށް ހަދައިފިޔޭ މިހާރު އާންމު ސިއްޙަތަކީވެސް... ފާޑުފާޑުގެ ބޭސްތަކާ އަމަލުވާ ޒާތު އެއްޗިހި ދީދީ ގިނަ މީހުން ތިބެނީ ހަލާކުވެފައި
ކަލުވީނާ
18 August 2025
ބޭސްތައް ނުދީ ހިތްވަރުކޮށްފައި ހޭނުވުން ހަމަ އެންމެ ރަނގަޅީ. ބޭސްތަކުގެ ސައިޑްއިފެކްޓް ފެންނަން ފަށަނީ ޢުމުރުން ދުވަސްވުމުން. އޭރަށް އޮންނަނީ ކޮންމެވެސް އެހެން ކަމެއް ގޯސްވެފައި...
ދޮންދިދީ
19 August 2025
ތީ ޑޮކްޓަރުންނާއި ސައިންޓުންޓުންނަށް ވުރެ މޮޅުމީހަކަށްވެގެން ތަންދޮރު ނުދަންނަ އިރުވެސް ކޮމަންޓު ކުރޭ.
އިސްމާލި
19 August 2025
ބޭހާ ނުލާ، ބަލިމަޑުކަމާ އެކީ އުޅެން ދަސްކުރަން ވެއްޖެ އުތަ؟
ހުސޭން
18 August 2025
އެހެންނުން ވާނީ، ތިޔަ މަޖިލީހުގައި ތިތިބީ މުޅިންވެސް ސައިންޓިސްޓްން - މީހަކަށް ދޫކުރާނެ މީހަކު ނެތް! ވަރަށް މޮޅެތި ނިންމުން ނިންމާނެ. މަނާބޭސް ލިސްޓް ކުރިއިރު ތިޔަ ބުނާ އެމްއެފްޑީއޭ ގެ މީހުންވެސް ތިބީ ނިދާފަ ދެއްތޯ؟ މަޖިލީހުގެ ތިބި ސައިންޓިސްޓްން ތިވަރުގެ ނިންމުމެއް ނިންމި އިރު އަނގައިންވެސް ނުބުނެ ތިބީ، ހައްތާވެސް ރޯނު އެދުރުން. އަދި އުޅޭނެ އެމްކިއުއޭ ކިޔާތަނެއް، އެތަނަކީ ވެސް ރޯނު އެދުރުން ތިބޭ ތަނެއް!
އިއްޒަތްތެރިމަޖިލިސް
18 August 2025
މަޖިލިސް މެމްބަރުން ފާސްކުރި ބިލަކުން ދިވެހިންނަށް މިއަނިޔާ ލިބެމުން، އެތަކެއް އާއިލާތައް ބިކަވެ ނިކަމެތިވެދާއިރު އިއްޒަތްތެރި މަޖިލިސް މެމްބަރުން އެއްބަޔަކު އަނެއްބަޔަކު ގޯސްކުރަން ނުތިބެ ރެޔާއި ދުވާލު މަސައްކަތްކޮށްގެންވެސް ތިކަމަށް ހައްލެއް ހޯދައިދޭނެޖެހޭ.
ތާކިހާ
18 August 2025
ޢިއްޒަތްތެރި މެންބަރުންގެ މުސާރަ ކުޑަވީމަ މިކަހަލަ ކަންކަން ފާހަގަވާނެ
ކޮކަޑި
18 August 2025
މިހާރު މަޖަލަބެސް ކޮންޓްރޯލް ޑރަގްސް ކާއުޅޭ އަދިވެސް ކޮންޓްޜޯލްކުރޭ
ބޭސްކިރާން
18 August 2025
މިއީ މީގައި އޮތް ކަންބޮޑުވުމަކީ، ބަލިމީހުންނަށް މާ ފަސޭހައިން ބޭސް ލިބޭގޮތް ހަދައިފިނަމަ، ތި ބޭހުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަންފަށާނެ، މީގައި އެންމެ ރަގަޅު ގޮތަކީ މި ބޭސް ސަރުކާރުގެ ކޮންޓްރޯލް ދަށުގައި ބަހައްޓައިގެން ބަލިމީހުންނަށް ޑައިރެކްޓްކޮށް ދިނުން، މިހެން ބުންޏަސް އެނގޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓަސް ގެއްލެންވީމަ ގެއްލޭނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހެކީގެ ގޮތުގައި ބަހައްޓާ ޑޮލަރުވެސް ގެއްލެނީ ވިއްޔާ،