ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
19 އޯގަސްޓް 2025 - 19:12
ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ.
މިއަދު ގެޒެޓްކޮށްފައިވަނީ އެ ފައިސާ މީޑިއާތަކަށް ދޫކުރާނެ ގޮތުގެ އުސޫލެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އުސޫލާ އެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަޠު ދެފުށް ފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާގެ އެހީތެރިކަން ލިބޭނީ 8 ޝަރުތެއް ހަމަވާ މީޑިއާތަކަށެވެ. އެއީ:
● ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ ހިދުމަތް ދިނުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައިވުން.
● ރަޖިސްޓަރީ ނުވަތަ ލައިސަންސް ހޯދުމަށް ފަހު، މެދުނުކެނޑި ހިންގާތާ މަދުވެގެން ތިން އަހަރު ދުވަސް ވެފައި ވުން.
● އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމުކޮށް، އެ މައުލޫމާތު އާންމުކޮށްފައިވުން.
● މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުން.
● ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށް ވުމާއި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައި ވުން.
● ޕެންޝަން ގާނޫނުގެ ދަށުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ، އެ ސްކީމަށް ފައިސާ ދައްކަމުން އަންނަ ފަރާތަކަށް ވުން.
● ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާންތައް އެކުލަވައިލައި، މުވައްޒަފުންގެ މުސާރަ މަހުންމަހަށް އެ މުވައްޒަފެއްގެ އެކައުންޓަށް، ބޭންކު މެދުވެރިކޮށް ޖަމާކުރާ ފަރާތެއްކަމުގައި ވުން.
● މީޑިއާގެ މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތެއް ކަމުގައި ވުން.
އުސޫލުގައިވާ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ 60 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓު ލިބޭ މީޑިއާތަކަށެވެ. ޕޮއިންޓް ދިނުމަށާއި ޝަކުވާ ބެލުމަށް ކޮމިޓީ އެކުލަވާލަންޖެހެ އެވެ. ކޮމިޓީ އެކުލެވިގެން ވާނީ؛
● ކޮމިއުނިޓީ އެމްޕަވަމަންޓަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ފަރާތެއް
● ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް
● މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ފަރާތެއް
● ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ އެސޯސިއޭޝަނަކުން ކަނޑައަޅާ ފަރާތެއް
● މާލީ ކަންކަމާ ބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ފަރާތެއް
އެ އުސޫލުގައިވާ ގޮތުން ބްރޯޑްކާސްޓް މީޑިއާތަކަށް ލިބޭނީ އެކަމަށް ކަނޑައަޅާ ބަޖެޓުގެ 35 ޕަސެންޓެވެ. އަދި ބާކީ ބައި ނޫސް މަޖައްލާތަކަށް ދޭއިރު، ވަކިވަކި މީޑިއާތަކަށް ދޭނެ އަދަދު ކަނޑައަޅާނީ އެ މީޑިއާއެއް ހިންގާފައިވާ މުއްދަތާއި ކޮންމެ އަހަރެއްގެ އޮޕަރޭޝަންސާއި މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އަށް ބިނާކޮށް ކަމަށް އުސޫލުގައިވެ އެވެ. އަދި އެ މީޑިއާއަކާ މެދު ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ ޕޮއިންޓް އުނިކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ދޭނީ އެންމެ މަދުވެގެން 60 ޕޮއިންޓް ލިބިފައިވާ މީޑިއާތަކަށެވެ. ވަކިވަކި މީޑިއާތަކަށް ދޭނެ އަދަދު ކަނޑައަޅާނީ އެކަމަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓާއި އެ މީޑިއާއަކަށް ލިބުނު ޕޮއިންޓާއި މަދުވެގެން 60 ޕޮއިންޓް ލިބުނު މީޑިއާތަކުގެ ޖުމްލަ ޕޮއިންޓް ހިސާބުކޮށްގެން ކަމަށް އެ އުސޫލުގައިވެ އެވެ.
ފައިސާ ލިބޭ މީޑިއާތަކަށް ފައިސާ ދޭނީ ތިން ފަހަރެއްގެ މަތިން ކަމަށާއި ފުރަތަމަ ފަހަރު 50 ޕަސެންޓް އަދި ބާކީ ފައިސާ ދެ ފަހަރެއްގެ މަތިން ދޫކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. ނަމަވެސް މި އަހަރުގެ ފައިސާ އެއްފަހަރާ ދިނުމަށް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުއްބެސލޑ
21 August 2025
ބަރާބަރު ހަމަ.
ޖައިޝަމް ސލޑ
20 August 2025
މީ މިކަން ކުރަން ޖެހޭނެ ގޮތް ވަރައް ވެސް ފުރިހަމަ
ޖައިލަމ
20 August 2025
ރަނގަޅު ނިންމުމެއް
ޙުޝާންޓެ
20 August 2025
ވަރަށް ހެޔޮ ފިޔަވަޅެއް ކުރިއަށް! މީޑިއާއަށް ބަޖެޓުގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހާމަކަން ބޮޑުވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިތުރުވެ، މައުލޫމާތު ލިބިފައިވާ ރައްޔިތުންނާއެކު ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އަޅި އަލީ
20 August 2025
ނޫސްވެރިންނަށް ކެބިނެޓުން ޖާގައައެއް އަދި މަޖްލީހުން 3 ގޮޑިލިބޭގޮތަށްވެސް ހަދަންވީ!
އައިކާ
20 August 2025
ދެން ކޮން ޖާމަލިޒަމް ކްރައިމް އެކޭ މިމީހުން މިކިޔަނީ. މިމީހުންނަށްޓަކއި އައި މިހާ ހެޔޮ ވެރިއެއް ނެތޭ އަދި
މަހުފޫޒް/
20 August 2025
މި ރާއްޖޭގަ އެންމެ ގަދަޔަށް މީހުންގެ އަބުރު ކަތިލަނީ އެމްޑީޕީ ފަންޑު ކޮށްގެން ހިންގާ މީޑިއާތައް. އެމީހުންނަށް ލާރި ނުދޭތި ނަމަނަމަ
ކެންޓީން އިއްބެ
20 August 2025
އަބަދު މިމީހުންގެ ހައްގުގަތަ އުޅެން ޖެހެނީ. ސަރުކާރުން ހެދީ ރަނގަޅަށް. ދޮގު ފެތުރުން ހުއްޓަން ޖެހޭ
ސަލީމްބޭ
20 August 2025
ދެން މިމީހުން ކޮން ކްރައިމް އެކޭ އެވެނި އެއްޗެކޭ މިކިޔަނީ. މިމީހުން އެބަ ޖެހޭ ސައިޒު ކުރަން
ގަރަހިތެއް
20 August 2025
މީޑިއާ އަށްޓަކައި މިހާ ގަޔާވެގެން މަސައްކަތް ކުރާސަރުކާރެއް ނުދެކެން. ރަގަޅު