ހައި ކޯޓް: ވަޒީފާގެ މައްސަލަތަކުގައި ވެސް ގާނޫނީ ހަރަދު ނަގައިދެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
20 އޯގަސްޓް 2025 - 15:08
ވަޒީފާގެ އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތަސް ވަޒީފާ މައްސަލަތަކުގައި ގާނޫނީ ހަރަދު ނަގައިދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން، މަދަނީ މައްސަލަތަކުގައި މައްސަލަ ކާމިޔާބުވާ ފަރާތަށް އަނެއް ފަރާތުގެ ކިބައިން ގާނޫނީ ހަރަދު ނަގައިދެވެ އެވެ.
ނަމަވެސް ވަޒީފާގެ މައްސަލަތަކުގައި އެގޮތަށް ގާނޫނުގައި ބަޔާން ކޮށްފައެއް ނޯވެ އެވެ. އަދި ޑޮކްޓަރަކަށް ހައްގުވާ ޕްރޮމޯޝަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނުދިން މައްސަލާގައި ގާނޫނީ ހަރަދު ނަގައިދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުން ސީއެސްސީން އެ މައްސަލަ އިސްތިއުނާފްކުރީ ވަޒީފާގެ އެއްބަސްވުމުގައި ނުވަތަ ގާނޫނުގައި ނެތީސް ގާނޫނީ ހަރަދު ނަގައި ނުދެވޭނެ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ޝަރީއަތުގެ ހަރަދު ނަގައިދެވޭއިރު، ވަޒީފާގެ މައްސަލަތަކުގައި އެ ހަރަދު ނަގައި ނުދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. ވަޒީފާގެ މައްސަލަތަކުގައި ޓްރައިބިއުނަލަށް ފެންނަ އަމުރުތައް ނެރުމުގެ ބާރު ވަޒީފާއާ ބެހޭ ގާނޫނުން ދީފައިވާތީ، ވަޒީފާގެ އެއްބަސްވުމުގައި ނެތް ނަމަވެސް މައްސަލަ ކާމިޔާބުވާ ފަރާތަށް ގާނޫނީ ހަރަދު ނަގައިދެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ވަޒީފާގެ އެއްބަސްވުމުގައި ގާނޫނީ ހަރަދު ނަގައިދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި ގާނޫނީ ހަރަދު ނަގައިދެވޭނީ އެ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތަށް ބެލުމަށް ފަހު އެވެ.
އެގޮތުން ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން މަސައްކަތް ކުރުން ނުވަތަ ޓްރައިބިއުނަލްގެ ވަގުތު ބޭކާރުކޮށް ގަސްދުގައި އިންސާފަށް ހުރަސް އެޅުމުގެ އަމަލުތަކެއް ކޮށްފައިވާ ނަމަ މައްސަލަ ނާކާމިޔާބުވި ފަރާތުން ގާނޫނީ ހަރަދު ދައްކަން އަމުރު ކުރެވިދާނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އެ މުވައްޒަފަށް ހައްގުވާ ރޭންކަށް ބަދަލުކޮށްފައިވަނީ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ފަހުން ކަމަށް ވާތީ، ސީއެސްސީގެ އަމަލުތައް ހުރި ގޮތުން އެ މައްސަލާގައި ގާނޫނީ ހަރަދު ނަގައި ދިނުން ރަނގަޅު ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1181
20 August 2025
ބަލަ ވަޒީފާގެ މައްސަލަތަކަކީވެސް މަދަނީ މައްސަލައެއްނުންތަ؟ އެހެން ގާނޫނަކުން އިސްތިސްނާކޮށްފައި ނުވާނަމަ ވަޒީފާގެ މައްސަލަތްކަށްވެސް މަދަނީ އިޖުރާތު ގާނޫނު ހިނގާނެކަން ޓްރައިބިއުނަލު މެންބަރުންނަށް ނޭންގެނީތަ؟
އެޑްމުންޑޯ
20 August 2025
އަޖާބެއްކަހަލަ ތަނެއް މިސިވިލްސަރވިސް ކޮމިޝަނަކީ ، މިތަން އުފެއްދީ ސިވިލް މުއައްޒަފުންގެ ހައްގުގައި ، އެކަމަކު އެއްޗެއްދޭންޖެހޭ ހާލަތެއްގައި ނުދީ ހިފަހައްޓާފައި ކޯޓްތަކުންނާއި ވަޒީފާ ބެހޭތަންތަނުން ދޭން އެންގީމާވެސް ނުދީވޭތޯ ގަދަދައްކަނީ ، މަތީކޯޓްތަކަށްވެސް ދަނީ ، ހައިރާންވެ އައްތަރީސްވޭ