ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި މައުލޫމާތުތަކެއް އާންމުކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފަކާ މެދު އެ ކޮމިޝަނުން ފިޔަވަޅު އެޅީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
މެއި 2020 ގައި ސޯޝަލް މީޑިއާގެ ޕޭޖަކުން އަމީރުއާ ގުޅޭގޮތުން އާންމުކުރި ލިޔުންތަކަކާ އޭސީސީގެ މުވައްޒަފަކާ ގުޅުން އޮތް ކަމަށް ބުނެ، އެ ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓްގެ އެ މުވައްޒަފަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ގޮތުން އޭނާ ބަދަލުކުރީ އެ ކޮމިޝަންގެ އެހެން ޔުނިޓަކަށެވެ.
އެގޮތަށް ފިޔަވަޅު އެޅީ އެ ކޮމިޝަންގެ ކުރީގެ މެމްބަރުން ތިއްބެވި ދުވަސްވަރު އެވެ.
އެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި އޮތީ އެ މުވައްޒަފާ މެދު ފިޔަވަޅު އެޅީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ފިޔަވަޅު ބާތިލްކުރަން އަންގާ ކަމަށެވެ. އެހެންވެ، އޭސީސީން އެ މައްސަލަ އިސްތިއުނާފް ކުރީ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޓްރައިބިއުނަލްގެ ނިންމުން ގޯސް ކަމަށް ބުނާ ގާނޫނީ ސަބަބެއް އޭސީސީ އަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.