މާލެ- 27 އެޕްރީލް 2019: ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން މިއަދު ހެދުނު ހުޅުމާލޭގައި ބޭއްވި ބީއެމްއެލް ވާއު ކިޑްސް ރަންގައި ބައިވެރި ކުދިން ބެލެނިވެރިންނާއެކު ދުވަނީ، އެންޓި ބުލިއިންނަށް ހާއްސަ ކޮށްގެން ބޭއްވި މި ދުވުމުގައި ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އަދި 10 އަހަރާއި 13 އަހަރާ ދެމެދުގެ 300 ކުދިން ބައިވެރިވި--. ފޮޓޯ: ބީއެމްއެލް
21 އޯގަސްޓް 2025 - 11:35
ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން އަންނަ މަހު ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން"ގެ މެސްކޮޓް ދައްކާލައިފި އެވެ.
ޓީއެފްޖީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން މި އަހަރުގެ ދެ މެސްކޮޓް ޒީކް އާއި ޒުމީ ދައްކާލާފައިވާއިރު މި ދެ ކެރެކްޓާ ވެސް މިއަހަރުގެ ދުވުމުގައި ފެންނާނެ ކަމަށް ޓީއެފްޖީއިން ބުންޏެވެ. ޓީއެފްޖީއިން ބުނީ މި ދެ ކެރެކްޓަރުން ވެސް ކުދިންނާއެކު ދުވުމުގައި ބައިވެރިވެ ކުދިންނަށް ހިތްވަރު ދިނުމުގައި އުޅޭނެ އެވެ.
މެސްކޮޓްތަކުގެ ވީޑިއޯއެއް.
މިއީ މިފަދަ މެސްކޮޓެއް މި ދުވުމުގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މި ދެ މެސްކޮޓަކީ މިއަހަރުގެ ދުވުން އިތުރަށް ފޯރިގަދަކޮށް މަޖާ ދުވުމަކަށް ހެދުމުގެ ގޮތުން ތައާރަފްކުރި ދެ ކެރެކްޓާ ކަމަށް ޓީއެފްޖީއިން ބުންޏެވެ. ޓީއެފްޖީއިން ބުނީ ދުވުމުގެ ބައިވެރިންނަށް ދޭ މެޑަލްތަކުގައި މި ދެ ކެރެކްޓާ ހުންނާނެ ކަމަށެވެ. އަދި މި ދުވުމުގައި ދޭ މެޑަލްތަކަކީ ކަލެކްޓަބަލްސް ގޮތަށް ކޮންމެ އަހަރެއްގެ ދުވުމުން އާ އެޑިޝަނެއް ލިބޭނެހެން ފަރުމާކޮށްފައިވާ މެޑަލްތަކެކެވެ.
"ބީއެމްއެލް ވާއު ކިޑްސް ރަން"ގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ދުވުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހަވީރު އެވެ.
މި އަހަރުގެ ދުވުމުގައި 10 އަހަރާއި 16 އަހަރާ ދެމެދުގެ ދުވުންތެރިންނަށް ހާއްސަކޮށް 4 ކިލޯމީޓަރު ކެޓެގަރީއެއް ހިމެނެ އެވެ. އަދި ދެ އަހަރާއި ތިން އަހަރުގެ ކުދިންނަށް ބެލެނިވެރިންނާ އެކު އެއް ކިލޯޯމީޓަރަށް ދުވުމަކާއި 4 އަހަރާއި 6 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ބެލެނިވެރިންނާ އެކު ދެ ކިލޯމީޓަރަށް ދުވުމެއް ވެސް ހިމެނެ އެވެ. މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު އަދި 10 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއަށް 4 ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންނެވެ.
"ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ އެ ދުވުން ބާއްވާ 10 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޮމބު
21 August 2025
ކަމަކު ނުދޭ ދިވެހި ގައުމުގަ އަންހެން ކާޓޫން ބުރުގާ އަޅާފަ ހުރިނަމަ މާ ގުޅުނީސް..