މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ ކައުންސިލަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައި.
21 އޯގަސްޓް 2025 - 17:35
މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހަޅުއްވައިފި އެވެ.
ސައިފް ފާތިހު، މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ވަނީ ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައި ކަމަށެވެ. އެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ.
އެކަމަކު އެމަނިކުފާނު ރައީސް ކަމަށް ހޮވުނު ފަހުން އަދި މޭޔަރު އާޒިމް އެ މަގާމަށް ހަވާލުވުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި މުޅިން އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފަ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ. އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް ދީފައިވާ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު ނަސީރެވެ.
އެހެންވެ، އޭނާގެ މައްސަލަ ބަލައި ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ދުރުކޮށްދޭން ވެސް ސިޓީގައި އެދިވަޑައިގަތެވެ.
ސައިފް ވިދާޅުވި ގޮތުގައި އެ މައްސަލަ އޮޑިޓު އޮފީހުން ބަލަމުން ދިޔަ ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެކަން ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ އެކަން މިހާރު ވާނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.
ސައިފް ވިދާޅުވީ އާ އެއްބަސްވުމެއް ގާއިމުކުރަން ނުވަތަ އާ އެއްބަސްވުމާ ގުޅޭ އެެއްވެސް ކަމަކަށް ކައުންސިލުން ރުހުންދީފައިނުވާކަން އެނގެން އޮތުމާއި ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ ބާވަތަށް އާ އެއްބަަސްވުމެއް ގާއިމުކުރުމާއި އެއްބަސްވުމުގެ އަގަށް ބަދަލު ގެނައުމަކީ ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލުގެ މައްޗަށް ބޮޑެތި އިލްތިޒާމުތަކާއި ތަކުލީފުތައް އުފުލަންޖެހިފައިވާތީ އާއި އެއީ ވަކި ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދޭން ރިޝްވަތުގެ ލާލަޗުގައި ޖެހި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ކަމަށް ބުރަވެވޭ ކަމަށެވެ.
އެހެންވެ އެކަން ކުރީ ކޮން ސަބަބަކާ ހެދިތޯ އާއި ކޮން މަގްސަދެއްގައި ކޮން އިޖުރާއަތެއްގެ ދަށުން ކާކުގެ އެންގުމަށްތޯ އާއި އެހެނިހެންކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ނަސީރު، އަންނަ ބުދަ ދުވަހުގެ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކޮށްދޭން ސައިފް އެދިވަޑަައިގެންފައިވެ އެވެ. އަދި މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި ފުރަތަމަ އެއްބަސްވުމާއި ދެވަނަ އެއްބަސްވުމުގައި މުހިއްމު ތަފާތުތައް އެކުލެވޭ ގޮތަށް ރިޕޯޓެއް ވެސް އެ ދުވަހުގެ ޖަލްސާގައި ހުށަހަޅައިދޭން އޭނާ މޭޔަރުގެ ކިބައިން އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރީފާއްތަ
22 August 2025
ތި މާރުކޭޓަކީ ވަރަށް ކުރީއްސުރެ ގޮތްނޭގޭގޮތަށް ދޫކުރަމުން ދިޔަތަނެއް. އެހެން ފަރާތްތަކުން ތިމާރުކޭޓް ހޮޓާއަށް ކުރިމަތިލާއިރު އެބަޔަކަށް ނުލިބި އަދި ފެންވިއްކަން ވަކިބަޔަކަށް ދީ އަދިމަތީ ފުލޯރ ގައި ހަދާފައިވާ ފިހާރަތކުން ވަކިބަޔަކަށް ނަފާލބޭގޮތަށް ހިންގަމުން އަދިމާރުކޭޓް ގެ މުޑުދާރަކަން އިންތިހާއަށް ގޮސްފައިވާ ސިޓީކައުންސިލް ގެ ފޮރުވުންތަކުން އެތަން ވަނީ ބޮއްސުންލާފައި ގައުމީ މައްސަލައެއް.
ސަރީފާއްތަ
22 August 2025
ތި މާރުކޭޓަކީ ވަރަށް ކުރީއްސުރެ ގޮތްނޭގޭގޮތަށް ދޫކުރަމުން ދިޔަތަނެއް. އެހެން ފަރާތްތަކުން ތިމާރުކޭޓް ހޮޓާއަށް ކުރިމަތިލާއިރު އެބަޔަކަށް ނުލިބި އަދި ފެންވިއްކަން ވަކިބަޔަކަށް ދީ އަދިމަތީ ފުލޯރ ގައި ހަދާފައިވާ ފިހާރަތކުން ވަކިބަޔަކަށް ނަފާލބޭގޮތަށް ހިންގަމުން އަދިމާރުކޭޓް ގެ މުޑުދާރަކަން އިންތިހާއަށް ގޮސްފައިވާ ސިޓީކައުންސިލް ގެ ފޮރުވުންތަކުން އެތަން ވަނީ ބޮއްސުންލާފައި ގައުމީ މައްސަލައެއް.
ބޮޑުބެގެ ބެއްޔާ
22 August 2025
ހުރިހާ ޖަރީމާއެއް ހިންގުމުގައި ލީގަލް ވަނީ ބައިވެރިވެފައި.
ތާކިހާ
21 August 2025
ވަރަށް ރަނގަޅު. ދޫނުދެއްވާނެ ކަމަށް އުންމީދުކުރަން. ތިކަމުގައި ފުރޮޅެންހުރި ހުރިހައި ގަލެއް ފުރޮޅައި ފުށުން ޖަހަންވާނެ
އަލީބޯ
21 August 2025
ސާބަހޭސައިފް ތިވަރުގެގާބިލްމީހަކު ތިކައުންސިލަކުނެތް ސެލިއުޓް
ސުނާރު
21 August 2025
އޭތް! އޭސީސީ އަކީ މިހާރު ކޮރަޕްޝަން ބަލާތަނެއް ނޫނޭ! މިހާރު ހުރިހާ މުއައްސަސާއެއްގެ މެންޑޭޓް ބަދަލުވެއްޖެކަމެއް ނޭގޭތަ؟ ތިޔަ ހުށައަޅަން ޖެހޭނީ ހީވަނީ މާލޭގެ ކޮންމެވެސް ސުޕާއެއްގެ ކައުންޓަރަށް. އޭސީ ސީން ބަލަނީ ގޭގޭގަ ހަރުކޮށްފަހުރި އޭސީ ތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ.
ދޮން
21 August 2025
ކުދިންނޭ ކުރިޔަކަށް ނުކަނޑައޭ ،، ދެން ހެޑްލައިން ހަދަނީ ، މާލޭ ސިޓީ ދަނީ ފަހަތަށް
އަރޫޝާ އަރޫ
21 August 2025
ކައުންސިލް އެއީ ވަރަށް ގިނަ ގޮތް ނޭނގޭ ކަންކަން ހިނގާ ތަނެއް.
ޝަމްހޫޒާ
21 August 2025
2 މޭޔަރުން ވެސް ނެތް ޒަމާނުގެ ޖަރީމާއެއް ދޯ.
ުުުލަބީބް
21 August 2025
ކަލޭ މިހާރު ޗެއާޕާސަން ދޯ.
ރަަދީފްއޮފިޝަލް /
21 August 2025
ކޮން މާރުކޭޓެއް ތޯ ބްރަދާ.؟؟ މާލޭ މަސްމާރުކޭޓް ކުރިމަތީގަ އޮތީ ފަޅު.