މޭޔަރު އާޒިމް: މަސް މާރުކޭޓް ތަރައްގީކުރަން ދެ އެއްބަސްވުމެއް ހަދާފައިވާއިރު، އޭގެ ތެރެއިން ސައްހަ އެއްޗެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި
20 އޯގަސްޓް 2025 - 14:07
މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެ ތަނުން ރަނގަޅީ ކޮން ކޮންޓްރެކްޓެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށް ފަހު އެ މަނިކުފާނު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރު އެވެ. ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.
އާޒިމް ވިދާޅުވީ ފުރަތަމަ ކޮންޓްރެކްޓުގައި މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އޭގައި ސޮއިކޮށްފައި ވަނީ ކައުންސިލުގެ ލީގަލް އޮފިސަރު އަލީ ނަސީރު ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވިގޮތުގައި ފުރަތަމަ ކޮންޓްރެކްޓް ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ކަމަށް ވިޔަސް ފަހުގެ ކޮންޓްރެކްޓް ހަދާފައިވަނީ 9.6 މިލިއަން ޑޮލަރަށެވެ. އެކަމަކު ދެވަނަ އެއްބަސްވުން ހަދަން ޖެހުނީ ކީއްވެކަން އަދި ނޭނގޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ އޭގައި ސޮއިކުރި ފަރާތަށް މެމޯއެއް ފޮނުވާފައި ދެވަނަ ކޮންޓްރެކްޓް ހެދި ސަބަބާއި ކީއްވެ ކޮން ހަމައަކުން ސޮއިކުރި އެއްޗެއްތޯ އާއި ކާކު އަންގައިގެންތޯ ބެލުމަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުގެ އީމެއިލް ރިސެޓްވެފައި ހުރުމުން ބައެއް ޑޮކިއުމަންޓްތައް ގެއްލިގެން ރިކަވާ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދެ އެވެ. އަދި މިހާރު ވެސް ގިނަ ލިޔުންތަކެއް ރިކަވާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް މާރުކޭޓުގެ އެއްބަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އާޒިމް ވިދާޅުވީ 9.6 މިލިއަން ޑޮލަރަކީ އެ ތަން ހެދުމަށް ދޭންޖެހޭ ފައިސާ ކަމަށާއި އެ ފައިސާއަކީ ކައުންސިލަށް ދެއްކޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އެ ބިން އެއްކޮށް ލިބޭ ގޮތަށް ވެސް އޮތީ އެތަން ނެގި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފައިސާ ނުދެއްކިއްުޖެއްޔާ އެ ކޮންޓްކެޓް އޮތް ގޮތުން މުޅި އިމާރާތް އެއްކޮށް އެމީހުންނަށް ލިބެނީ. އެތަނުގައި މަސް މާރުކޭޓެއް ލޯކަލް މަރުކޭޓެއް ނޭޅޭނެ. މިއީ ވަރަށް ދެރަކޮށް ގޮސްފައި އޮތް ކަމެއް،"
ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވީ ދެވަނަ ކޮންޓްރެކްޓް ހެދި ގޮތް އެނގެން ނެތުމެވެ. އެތަނުގެ ރައިޓްސް ޓްރާންސްފާވީ ގޮތް ނޭނގޭ ކަމަށާއި ކުރީގެ ކޮންޓްރެކްޓާއި ފަހުގެ ކޮންޓްރެކްޓުގައި އޮތީ ވެސް އެއް ނަމްބަރެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންވެ، މުޅި ޕްރޮޖެކްޓް އޮތީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަރަށް މި އޮޅުންބޮޅުން އަރާފައި އޮއްވާ މި ޕްރޮޖެކްޓް ފަށައިގެން ގޮސް މި ފައިސާ ދެއްކޭނެ ގޮތެއް ވެސް މި ޕްރޮޖެކްޓުގައި ފާހަގަ ނުކޮށް އޮއްވާ ފަށައިގަނެގެން ގޮސްފިއްޔާ މިއީ ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް،"
އާޒިމް ވިދާޅުވި ގޮތުގައި އެ ތަނުގެ ގޮޅިތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ފަހު މަސައްކަތް ފަށާ ގޮތަށް އޮތް ކަމަށް ހީވި ނަމަވެސް މިހާރު އެނގޭ ގޮތުގައި އެއީ ކޮންޓްރެކްޓްގެ ދަށުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަށް ވެސް ވަކިން އަގެއް ހޯދައިގެން ކުރަން އޮތް އިރު އޭގެ ބިޑު ޑޮކިއުމަންޓްތައް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
އެކަން ހަވާލުކުރީ 2.1 މިލިއަން ރުފިޔާއަށެވެ.
"200 ކޮންމެވެސް ވަރަކަށް ހުރި ގޮޅި އެހެން ތަނަކަށް ޓްރާންސްފާކޮށްފައި އެ މަސައްކަތްކުރަން އޮންނަނީ. އެކަމަކު މިހާރު މި އެނގެނީ އެއީ އެ ކޮންޓްރެކްޓުގެ ދަށުން ކުރަންޖެހޭ ކަމެއް ނޫންކަން،. އެކަމަށް ވެސް ވަކިން އަގެއް ހޯދައިގެން ކުރަން މިއޮތީ... އެ ލިބުނު ފަރާތަށް 2.1 މިލިއަން ރުފިޔާއަށް އެކަން ދީ އެކަން ކުރަން ފަށާފައި މިއޮތީ،"
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވަނީ އެގޮތަށް އަމަލުކުރި މީހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމީހުން ބައިތިއްބައިގެން ކުރިއަށް ދިއުމަކީ ވަރަށް ބޮޑު ރިސްކެކެވެ.
"ހާދަ ބޮޑު ރިސްކެކޭ ތިއީ. އަޅުގަނޑުމެންނަށް ނޭނގި މިތާނގެ މޭޔަރަށް ނޭނގި މިތަނުގައި ހަދާފައި ހުންނަ ވެލިޑް ކޮންޓްރެކްޓްސް އެހެން މީހުންނަށް ޓްރާންސްފާކޮށް އޭގެ އަގު އިންފްލޭޓްކޮށް އޭގެ ޓާމްސް އެންޑް ކޮންޑިޝަންސްތަކަށް ބަދަލު ގެނެސް އޭގެ ޕެރިމީޓާސް ބަދަލުކޮށް، މިތަނުގެ އެތެރެ ފޫގޮސްފައެއް ނޫންތޯ މިއޮތީ." އޭނާ ވިދާޅުވި އެވެ.
ސައިފް ވަނީ އެތަނުގެ އެެހެން ކޮންޓްރެކްޓްތައް ވެސް ބަލަންޖެހޭ ކަމަށާއި ކައުންސިލުން ހަދާފައިވާ އެއްބަސްވުންތައް ވެސް އާންމުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
21 August 2025
ކޮންޓްރެކްޓަރ ގޯސްކޮށް އޮތިއްޔާ ރަނގަޅުކޮށްލާފައި ޕްރޮޖެކްޓް ކުރިއަށް ގެންދަވާ. އޭރުންތާ ރައްޔިތުންނަށް ފަސޭހައެއް ވާނީ. ރާއްޖޭގައި ކޮރަޕްޝަނަކީ ބިންވަޅުނެގިފައި އޮތް ކަމެއް. މިހާރު މިއޮތް ނިޒާމުގައި ކެމްޕޭނަށް ފައިސާ ބޭނުންވޭ.
ސަބު
21 August 2025
މލ ހުރިހާގޮތަކަށް ތަފާތު ، ޤާނޫނުން ދިވެހިރައްޔިތުން ހަމަ ހަމަ.އަފިފް އެބުނީ ހަމަ ރަނގަޅަށް.
ބަކުރުު
21 August 2025
ހޫން! ބޮޑަށް ލަފާ ކުރެވެނީ ލޯކަލް ކައުންސިލް އިންތިޚާބަށް އެންޓިކެމްޕޭން އެމްޑީޕީން ފެށްޓީކަމަށް.
އެ ގޮނޑި
20 August 2025
މިސަރުކާރުގެ ހުރިހާ ކަމެއްވެސް ހުންނާނީ ތިހެން.
ސަހީދު
20 August 2025
މޭޔަރު ކަންކަން ނުބައްލަވާ ވާހަކަ ދައްކަވާކަން ހާމަވެގެން މި ދަނީ އަހަރެއް ފަހުން ތިޔަ އެނގުނީ 2 ކޮންޓްރެކްޓެޢް އޮތްކަން، އެކަންވެސް އޮޅުވާ ތިލައްވަނީ، މާރުކޭޓުގެ 2 މަސައްކަތެއް ކުރަން އޮތް ދެ ކޮންޓުރެކްޓެއްގެ ވާހަކަ ތިޔަ ދައްކަވަނީ
ކޮރަލް
20 August 2025
ކުރީން ހުއްޓަސް ، މިހާރު މަގުމަތީ ފައިސާ ދައްކާ ޕާކިންގް ޒޯން ތަކެއް ނުހުންނާނެ އެވެ. ކޮންމެ މީހަކަށް ވެސް އެތަންތާ ޕާކް ކުރެވޭނެ އެވެ.
ކޮރަލް
20 August 2025
ފުރަތަމަ ކޮންޓްރެކްޓް ގަ އޮތް ވަރަށް ވުރެ ބޮޑު އެއްޗެއް ކަޓް އަށް ދޭން ޖެހުނީ ހެން ހީވެ އެވެ. ރާއްޖޭގަ ސަރުކާރު ބޮޑޫ މަސައްކަތެއް ނަގައިފިނަމަ މަސައްކަތް ނަގާ މީހާ ހުލިވާނެ އެވެ. މަސައްކަތް ދޭ މީހާ މުއްސަނދި ވާނެ އެވެ. ބޯޑް މެމްބަރުންނަށް ވ ބޮޑު އެއްޗެއް ދޭނެ ޖެހެ އެވެ. އެޗްޑީސީ އިން މަސައްކަތް ނެގި ގިނަ ބަޔަކު ހަލާކު ވެއްޖެ އެވެ.
މަސްމާރުކޭޓު
20 August 2025
ތިކަމުގައި ހައިރާންވާންޖެހޭ ސަބަބެއް ބުނެދީބަލަ! މަގުމަތީގައި އެއްބަޔަކަށް އެތައް ޕާކިން ޒޯނެއް ރިޝްވަތައް ދީފައި އެބަހުރި، އޭގެން މަހުކުއްޔަށް މީހުންއަތުން ޗަންދާ ނަގާގޮތަށް. ތި މާރުކޭޓަކީ ތިޔަތަނާ ސިޓީކައުންސިލުން ހަވާލު ވީއްސުރެ ކޮންމެ ދައުރެއްގައި ކޮންމެވެސް ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ހިންގަމުންދާ ތަންތަން. ޔިން ހަތަރުން މީހުންނަށަ ކުލި ބައިއެޅޭ!
މެއްކު
20 August 2025
ބަލަ އާޒިމޫ، މިގައުމުގައި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒުން ކުރާ ކަންތައްތައް ބެލުމަށް ބޮޑެތި މުއައްސަސާ ހަދާފައި އެބަހުރި، އަދި ނުވިތާކަށް ޖިނާއީ މައްސަލައެއްހެން ހީވާނަމަ ޕޮލިސްވެސް އެބައޮތް، އެއިން ބަަޔަކާ ތިކަން ތަހްގީގު ކުރަން ހަވާލުކޮށްބަލަ، ކޮންމެހެން ސިޓީ ކައުންސިލުން ތިކަން ކުރާކަށް ނުޖެހޭ، ތިކަމުގައި ނާޖާއިޒު ފައިދާ ނެގިމީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅަންވީ، މެމޯއަކުން މައުލޫމާތު ހޯދިއަކަސް ކަމަކު ނުދާނެ
ލީވާނ
20 August 2025
ކައުންސިލްގެ އައިޓީ އޮފިސަރު ޔާމީނަށް ވަރަށް ފަރުވާތެރި ވާންޖެހޭ. އަބަދު ކޮންމެވެސް އެކަހަލަ ކަމެއް ވެފަ އޮންނާނީ