މަސްމާރުކޭޓާއި ލޯކަލް މާރުކޭޓްގައި ކުރާ ހުރިހާ ވިޔަފާރިއެއް ކުރެވޭ ގޮތަށް ސަރުކާރުން އަޅަން މަސައްކަތްކުރާ ޒަމާނީ އިމާރާތް އަޅަން ގަސްދުކުރާ ބިން ސިޓީކައުންސިލުން ދޫނުކުރާ ނަަމަ ދެން ޖެހޭނީ އެ ބިން ސަރުކާރަށް ނަގަން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސިޓީ ކައުންސިލުން އެކި ކަހަލަ އުނދަގޫތައް ކުރާތީ އެ އިމާރާތް އެޅޭނެ ގޮތެއް ނުވި ކަމަށާއި އެންމެ ފަހުން ޖެހޭނީ ގާނޫނީ އިޖުރާއަތްތައް ބޭނުންކޮށްގެން ސަރުކާރަަށް އެ ބިން ނަގަން ކަމަށެވެ. އެހެން ނަމަވެސް އެއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެތަން [މާރުކޭޓްގެ އިމާރާތް] އަޅުގަނޑުމެންނަށް ހެދޭނެ ގޮތެއް ނުވި. ހަމަ އެކި ކަހަލަ އުނދަގޫތައް މި ކުރަނީ. އެންމެ ފަހުން މި ޖެހެނީ ގާނޫނީ އިޖުރާއަތްތައް ތެރެއިން އެތަން ސަރުކާރަށް ނަގަން. މިއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މާރުކޭޓް އިމާރާތް އަޅާ ބިން އެގޮތަށް ހޯދައިފި ނަމަ ކުރިަމތިވާނެ ތުހުމަތަކީ ރައީސް ވިދާޅުވި ގޮތުައި "ލާމަރުކަޒީ ނިޒާމު ފުނޑާލާ" ކަމުގެ ތުހުމަތެވެ. އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅު މީހެއް ކަމަށް އޭރުން ބުނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އިދިކޮޅު ފަރާތްތަކުން އެކަހަަލަ އިހުލާސްތެރިކަމެއް ނެތް ވާހަކަތައް ދެއްކުން ހުއްޓާލައިފި ނަމަ ރާއްޖެއަށް ހެޔޮ ބަދަލު އަންނާނެ ކަމަށާއި ރާއްޖެއަށް އަންނަން ޖެހޭ ބަދަލަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެ ވަނަ އެޕިސޯޑްގައި "މިހާރު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ އިމާރާތް އަޅާނެ ބަޔަކު ހޯދައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެއްސިތާ މިހާރު ހަތަރު މަސް ދުވަސް ވެެއްޖެ ކަމަށާއި މަސައްކަތް ފަށަން ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ކަނޑައެޅި ބިން މާލޭ ސިޓީ ކައުންސިލުން ސަރުކާރާ ހަވާލު ނުކޮށްގެން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތައްޔާރުވެގެން ތިބޭތާ ހަތަރުވަރަކަށް މަސް، ހަމަ ކައުންސިލުން އެތަން ހަވާލު ނުކޮށްގެން. ދެން މިހެންވީމާ ވަރަށް ދެރަ. އެކި ކަހަލަ އުޒުރު ދައްކަމުން އެކި ކަހަލަ ބަހަނާ ދައްކަމުން، ހަަމަ އެއްގޮތަކަށް ވެސް އެކަން ވާނެ ގޮތެއް [ސިޓީ ކައުންސިލުން] ނުދެއްކި،" ރައީސް ވިދާޅުވި އެވެ.

"ދެން އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލެެއް އެއަށް ގެންނާނަން."

ސަރުކާރުން ކުރަން އުޅޭ މަސައްކަތްތައް ކޮށް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ލޯކަލް މާރުކޭަޓް ހުރި ސަރަހައްދުގައި އަޅަން  މަސައްކަތް ކުރާ އިމާރާތަކީ އެ ސަރަހައްދުގައި ކުރާ ގިނަ މަސައްކަތްތަކަށް ފަހިވާ، ވަށައިޖެހޭ ހަައްލެއް ލިބޭނެ އިމާރާތެކެވެ. 

 ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު އެޅުމަށް ފިޝަރީޒް މިނިސްޓްރީ އަށް ބިން ހަވާލުކޮށްދިނުމަށް އެދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަށް ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އެއީ މިދިޔަ ދައުރުގައި ހަދަން ދެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ތަނެއް ކަމަށެވެ.

އެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ފަހު ނޫނީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.