މާލޭގެ ލޯކަލް މާރުކޭޓް ތަރައްގީ ކުރުމަށް އެ މާރުކޭޓުން ހުސްކުރަންޖެހޭ ގޮޅިތައް ބަދަލުކުރުމަށް ވަގުތީ މާރުކޭޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ. 

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ސިޓީ ކައުންސިލުން ބުނީ ބީލަން ހުށަހެޅުމަށް މައުލޫމާތު ސާފުކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސިޓީ ކައުންސިލުގެ މީޓިން ރޫމްގައި ކަމަށެވެ. އަދި އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ 11:00 ގައި ސިޓީ ކައުންސިލްގައި ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި މައުލޫމާތު ސާފުކުރަން ނުދާ ފަރާތްތަކާއި ގަޑި ޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން އަންނަ މީހުންގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ އެވެ. 

އަގު ހުށަހެޅުމުގައި ބައިވެރިވެވެނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ލޯކަލް މާރުކޭޓު ތަރައްގީކުރަން އެ މާރުކޭޓުން ހުސްކުރަންޖެހޭ ގޮޅިތައް ބަދަލުކުރުމަށް ވަގުތީ މާރުކޭޓެއް އަޅަން އިއުލާން ކުރިއިރު، ސަރުކާރުން އޮތީ ލޯކަލް މާރުކޭޓް ހުސްކޮށް އެތަނުގައި ޒަމާނީ އާ މާރުކޭޓެއް އަޅަން ނިންމައިފަ އެވެ. އަދި އާ މާރުކޭޓެއް އަޅަން 127 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. 

އެ މަޝްރޫއުގެ ދަށުން ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އަޅާނެ އެވެ. އަދި އެތަނުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކުރާއިރު، ގްރައުންޑް ފްލޯގައި ހުންނާނީ މަސްމާރުކޭޓެވެ. އަދި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓަށް ހާއްސަ ކުރާއިރު، ހަތަރު ވަނަ ފުލޯގައި ހިންގާނީ ފުޑް ކޯޓެވެ. 

އެ މަޝްރޫއު ހިންގުމަށް ބިން ހަވާލުކޮށްދޭން ސަރުކާރުން މާލޭ ސިޓީ ކައުންސިލްގައި އެދިފައި ވިޔަސް ކައުންސިލުން ބުނެފައިވާ ގޮތުގައި އެ މަޝްރޫއު ހިންގުމަށް އޮތީ އެހެން ކުންފުންޏަކާ ކުރިން ހަވާލުކޮށްފަ އެވެ. 

އެެހެންވެ، މާރުކޭޓު ތަރައްގީ ކުރުމުގެ އެ މަޝްރޫއު އޮތީ މަޑުޖެހިފަ އެވެ.