ލޯކަލް މާރުކޭޓު ހުރި ބިމުގައި މަސްމާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެ އިދާރާގައި އަމިއްލަ އަށް އެދިފައިވާއިރު ވެސް އެކަން ނުކޮށް އޮތް ކަމަށް އިމާރާތްކުރުމާ ބެހޭ މިނިސްޓްރީ މިއަދު ބުނެފި އެވެ. 

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް އެ އިދާރާ އިން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. 

އެ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވަނީ މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

"މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ވަނީ ސިޓީ ފޮނުވައިފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. 

އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މިނިސްޓްރީން ބުނި ގޮތުގައި، "ވެޓް މާކެޓް ކޮމްޕްލެކްސް" ގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް، ޑިޒައިން ކޮށްފައިވާ ގޮތަށެވެ. އެއީ އެ ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކޭތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށާއި އަދި އެ އެއްބަސްވުން ބާތިލް ނުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުން ކަމަށެވެ.

މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރާ ގޮތަށް ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް ނުވަތަ "ވެޓް މާކެޓް ކޮމްޕްލެކްސް"އެއް އަޅަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި ފަސް ފުލޯ ހުންނާނެ އެވެ. 

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި "މިހާރު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ އެ މާރުކޭޓުގެ މަސައްކަތް ނުފެށި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ހުރަސްއަޅާތީ ކަމަށެވެ. 

ރައީސް ވިދާޅުވީ އެ އިމާރާތް އަޅާނެ ބަޔަކު ހޯދައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެއްސިތާ މިހާރު ހަތަރު މަސް ދުވަސް ވެެއްޖެ ކަމަށާއި މަސައްކަތް ފަށަން ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ނަމަވެސް، މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ކަނޑައެޅި ބިން މާލޭ ސިޓީ ކައުންސިލުން ސަރުކާރާ ހަވާލު ނުކޮށްގެން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.