މާލޭ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްގީކޮށް ނިންމުމަށް ފަހު، އަލުން އެތަން ސިޓީ ކައުންސިލާ ހަވާލުކުރަންޖެހޭ ގޮތަށް އެ މަސައްކަތް، ފިޝަރިޒް މިނިސްޓްރީއާ ހަވާލުކުރުމަށް އެންމެ ފަހުން މާލޭ ސިޓީ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
އެ ގަރާރު ފާސްކުރީ މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ.
އެ ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވައިފަ އެވެ.
ގަރާރަށް ވޯޓު ނުދެއްވަނީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ އާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ހަދީޖާ މުހައްމަދުގެ އިތުރުން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ އެވެ.
އެ ގަރާރާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިހާރު ހުރި މަސް މާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ ތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ.
އެހެންވެ، އެ ތަން ވީހާވެސް އަވަހަަށް ތަރައްގީކޮށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
ގަރާރުގައިވާ ގޮތުން ވެޓް މާކެޓު އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި އޮތް 17،558 އަކަފޫޓުގެ ބިމެއްގަ އެވެ. އެ މަސައްކަތް ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމުމަށް ފަހު، އަލުން ކައުންސިލާ ހަވާލުކުރަންޖެހޭއިރު އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ގަރާރުގައި ޝަރުތު ކޮށްފައިވެ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަންވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި މިހާރު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށް ފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ގަރާރުގައިވެ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ވެޓް މާކެޓުގެ މައްސަލަ ވަނީ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތައް މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅުއްވައިފަ އެވެ.
މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރާ ގޮތަށް ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް ނުވަތަ "ވެޓް މާކެޓް ކޮމްޕްލެކްސް"އެއް އަޅަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި ފަސް ފުލޯ ހުންނާނެ އެވެ.
ނަމަވެސް މަޝްރޫއު ނުފެށި ލަސްވެފައި ވަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކައުންސިލުން ބިން ހަވާލުނުކޮށްގެންނެވެ.
އެ މައްސަލާގައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް ކައުންސިލުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވަނީ މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ.
މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކުރާއިރު، ގްރައުންޑް ފްލޯގައި ހުންނާނީ މަސްމާރުކޭޓެވެ. އަދި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓަށް ހާއްސަ ކުރާއިރު، ހަތަރު ވަނަ ފުލޯގައި ހިންގާނީ ފުޑް ކޯޓެވެ.