މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި އަޅާ ޒަމާނީ އާ މާރުކޭޓުގައި މަހާއި ތަރުކާރީ އާއި މޭވާ ވިއްކަން 455 ކިއޮސްކް ހުންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް"ގެ ނަމުގައި، ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ހަދާ މާރުކޭޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު، މިނިސްޓްރީން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. 

އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން މިނިސްޓްރީން ޓްރަސްޓެން މޯލްޑިވްސްއާ އެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެ މާރުކޭޓުގެ ޖުމްލަ އަކަފޫޓަކީ 95,032.32 އެވެ. ކޮންމެ އަކަފޫޓަކަށް ޖެހެނީ 1,329.65ރ. ކަމަށާއި އެ އިމާރާތް އެއްކޮށް ނިންމޭއިރު، ހިފާ ގެންގުޅޭ ހުރިހާ ސާމާނާ އެކު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވެޓް މާކެޓް މަޝްރޫއުގެ މުހިންމު ބައިތައް

  • މަސް މާރުކޭޓު: ގްރައުންޑް ފުލޯގައި 110 ސްޓެއިންލެސް ސްޓީލް ކިއޮސްކް ހުންނާނެ. މީގެ އިތުރުން މަސް ތާޒާކަންމަތީ ބެހެއްޓުމަށް ފަސް ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެއް ހުންނާނެ.
  • މޭވާ އާއި ތަރުކާރީ މާރުކޭޓު: އެއް ވަނަ ފުލޯއިން ފެށިގެން ތިންވަނަ ފުލޯއާ ހަމައަށް ކޮންމެ ފުލޯއެއްގައި 115 ކިއޮސްކް ހުންނާނެ. އެއީ، ޖުމްލަ 345 ކިއޮސްކް.
  • ޕާކިން: ބޭސްމަންޓުގައި 400 އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ.
  • ކެއުންބުއިން: އިމާރާތުގެ އެންމެ މަތީ ފުލޯ ނުވަތަ ޓެރަސްގައި ޒަމާނީ ފުޑް ކޯޓެއް ހުންނާނެ. 
އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް، ޖުމްލަ 126,359,594.94ރ. އަށެވެ. 

މިނިސްޓްރީން ވަނީ އެ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުންތަކެއް ވެސް އިއްޔެ އާންމުކޮށްފަ އެވެ.