މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް އަޅަން 127 މިލިއަން ރުފިޔާ އަށް އަމިއްލަ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް"ގެ ނަމުގައި، ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ހަދާ މާރުކޭޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

މާލޭގައި އާ މާރުކޭޓެއް އިމާރާތް ކުރުން ޓްރަސްޓެން މޯލްޑިވްސް އާ ހަވާލުކުރުމަށް ފަހު، އެ ކުންފުނީގެ އެމްޑީ ހާދީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕީއެސް ޝާމިލް ފޮޓޯއެއް ނަންގަވަނީ.
މާލޭގައި އާ މާރުކޭޓެއް އިމާރާތް ކުރުން ޓްރަސްޓެން މޯލްޑިވްސް އާ ހަވާލުކުރުމަށް ފަހު، އެ ކުންފުނީގެ އެމްޑީ ހާދީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕީއެސް ޝާމިލް ފޮޓޯއެއް ނަންގަވަނީ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ.

މަޝްރޫއުގެ ތަފުސީލް

  • މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި ނިންމަން
  • މަޝްރޫއުގެ ޖުމްލަ އަގަކީ 126,359,594.94ރ. 

މި މަޝްރޫއުގެ ދަށުން ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އަޅާނެ އެވެ. އެ ތަނުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކުރާއިރު، ގްރައުންޑް ފުލޯގައި ހުންނާނީ މަސްމާރުކޭޓެވެ. ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓަށް ހާއްސަ ކުރާއިރު، ހަތަރު ވަނަ ފުލޯގައި ހިންގާނީ ފުޑް ކޯޓެވެ. 

މިނިސްޓްރީން ވަނީ އެ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުންތަކެއް ވެސް މިއަދު އާންމުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ، ޒަމާނީ އާ މާރުކޭޓުގައި މަހާއި ތަރުކާރީ އާއި މޭވާ ވިއްކަން 455 ކިއޮސްކް ހުންނާނެ ކަމަށެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީން ޓްރަސްޓެން މޯލްޑިވްސްއާ އެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެ މާރުކޭޓުގެ ޖުމްލަ އަކަފޫޓަކީ 95,032.32 އެވެ. ކޮންމެ އަކަފޫޓަކަށް ޖެހެނީ 1,329.65ރ. ކަމަށާއި އެ އިމާރާތް އެއްކޮށް ނިންމޭއިރު، ހިފާ ގެންގުޅޭ ހުރިހާ ސާމާނާ އެކު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވެޓް މާކެޓް މަޝްރޫއުގެ މުހިންމު ބައިތައް

  • މަސް މާރުކޭޓު: ގްރައުންޑް ފުލޯގައި 110 ސްޓެއިންލެސް ސްޓީލް ކިއޮސްކް ހުންނާނެ. މީގެ އިތުރުން މަސް ތާޒާކަންމަތީ ބެހެއްޓުމަށް ފަސް ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެއް ހުންނާނެ.
  • މޭވާ އާއި ތަރުކާރީ މާރުކޭޓު: އެއް ވަނަ ފުލޯއިން ފެށިގެން ތިންވަނަ ފުލޯއާ ހަމައަށް ކޮންމެ ފުލޯއެއްގައި 115 ކިއޮސްކް ހުންނާނެ. އެއީ، ޖުމްލަ 345 ކިއޮސްކް.
  • ޕާކިން: ބޭސްމަންޓުގައި 400 އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ.
  • ކެއުންބުއިން: އިމާރާތުގެ އެންމެ މަތީ ފުލޯ ނުވަތަ ޓެރަސްގައި ޒަމާނީ ފުޑް ކޯޓެއް ހުންނާނެ.
އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުންތަކެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުންތަކެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލުގެ ހޯލުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޖަލްސާގައި ވިދާޅުވެފައިވާ ގޮތުގައި އާ މާރުކޭޓުގެ މަސައްކަތް ކުރަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގަ އެވެ. އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި އޮތީ ހުއްޓިފަ އެވެ. 

އާ މަސްމާރުކޭޓު އަޅާނީ ކުރިން ވެސް ޕްލޭން ކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އާ އިމާރާތެއް އަޅަން ވެސް އަންނަނީ ރާވަމުންނެވެ.

ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު، މާލޭގައި ޒާމާނީ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވި އެވެ. އޭރު ވެސް ޕްލޭންކޮށްފައި އޮތީ ލޯކަލް މާރުކޭޓު މިހާރު ހިންގާ ބިން ހުސްކޮށް، އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާށެވެ. އެ އަށް ފަހު، ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓު ވެސް އާ އިމާރާތަށް ބަދަލުކުރާ ގޮތަށެވެ.