މާލޭަގައި މިހާރު ހުރި މަސްމާރުކޭޓްގެ ބަދަލުގައި އާ މަސްމާރުކޭޓާއި އެހެން އެހެން ވަސީލަތްތައް ހިމެނޭ އިމާރާތެއް އަޅަން ސަރުކާރުން ކުރާ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ހުރަސް އަޅަމުން ގެންދާ ކަމަށާއި އެކަމަކު އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި "މިހާރު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ އިމާރާތް އަޅާނެ ބަޔަކު ހޯދައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެއްސިތާ މިހާރު ހަތަރު މަސް ދުވަސް ވެެއްޖެ ކަމަށާއި މަސައްކަތް ފަށަން ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް  ނުފެށި ލަސްވަނީ އެކަމަށް ކަނޑައެޅި ބިން މާލޭ ސިޓީ ކައުންސިލުން ސަރުކާރާ ހަވާލު ނުކޮށްގެން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތައްޔާރުވެގެން ތިބޭތާ ހަތަރުވަރަކަށް މަސް، ހަމަ ކައުންސިލުން އެތަން ހަވާލު ނުކޮށްގެން. ދެން މިހެންވީމާ ވަރަށް ދެރަ. އެކި ކަހަލަ އުޒުރު ދައްކަމުން އެކި ކަހަލަ ބަހަނާ ދައްކަމުން، ހަަމަ އެއްގޮތަކަށް ވެސް އެކަން ވާނެ ގޮތެއް [ސިޓީ ކައުންސިލުން] ނުދެއްކި،" ރައީސް ވިދާޅުވި އެވެ.

"ދެން އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލެެއް އެއަށް ގެންނާނަން."

ސަރުކާރުން ކުރަން އުޅޭ މަސައްކަތްތައް ކޮށް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު "ދަ ޕަލްސް" ޮޕްރޮގްރާމްގެ ތެރެއިން ބައެއް އާންމުންގެ ވީޑިއޯ އިންޓަވިއުތައް ފޯނުން އިއްޔެ ބައްލަވާލައްވަނީ.
ރައީސް މުއިއްޒު "ދަ ޕަލްސް" ޮޕްރޮގްރާމްގެ ތެރެއިން ބައެއް އާންމުންގެ ވީޑިއޯ އިންޓަވިއުތައް ފޯނުން އިއްޔެ ބައްލަވާލައްވަނީ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ލޯކަލް މާރުކޭަޓް ހުރި ސަރަހައްދުގައި އަޅަން  މަސައްކަތް ކުރާ އިމާރާތަކީ އެ ސަރަހައްދުގައި ކުރާ ގިނަ މަސައްކަތްތަކަށް ފަހިވާ، ވަށައިޖެހޭ ހަައްލެއް ލިބޭނެ އިމާރާތެކެވެ. 

 އެންމެ ފަހުން ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު އެޅުމަށް ފިޝަރީޒް މިނިސްޓްރީ އަށް ބިން ހަވާލުކޮށްދިނުމަށް އެދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަށް ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އެއީ މިދިޔަ ދައުރުގައި ހަދަން ދެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ތަނެއް ކަމަށެވެ.

އެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ފަހު ނޫނީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.