ގެއެއްގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ކުރަނީ.
24 އޯގަސްޓް 2025 - 11:14
މާލޭގެ އެޕާޓްމެންޓެއްގައި އޭސީ އައުޓްޑޯ ޔުނިޓްގައި ރޯވެ، އެޕާޓްމެންޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެކަކަށް ފަސް ދުވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ މ. އަފްޒާ ގޭގެ ހަވަނަ ފްލޯގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގެ އޭސީ އައުޓްޑޯ ޔުނިޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:40 ހާއިރެވެ. އަދި ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ގޮސް، 8 ޖަހާކަށް ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު އެ އެޕާޓްމަންޓް ތެރެއަށް އަލިފާން ފެތުރި އެކިވަރުގެ ގެއްލުން އެތަނަށް ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
އެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ އަލިފާނުގެ ހާދިސާގެ މައްސަލަ އެ އޮތޯރިޓީން ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ދުމާއި އަލިފާނުގެ ސަބަބުން އެޕާޓްމަންޓަށް ގެއްލުން ލިބިފައިވާތީ، އެތަނުގައި އުޅޭ އަންހެނަކަށް ފަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހަރަދުތައް ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެެވެ.
މ.އަފްޒާ 6 ވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެެން އުޅޭތީ މި އޮތޯރިޓީން މިކަން މިދަނީ ބަލަމުން pic.twitter.com/CKxkENBTxe
— NDMA Maldives (@NDMAmv) August 24, 2025
އެ އިދާރާ އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެސް އަލިފާނުގެ އަސަރުކޮށް ބަދިގެ ކަބަޑާއި މޭޒު ފަދަ ތަކެއްޗަށް ގެއްލުންވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދޭ
25 August 2025
ފެންވަރުދަށް މުދާ ވިއްކާ މީހުން މިކަމުގެ ޒިންމާ ނަގަންޖެހޭނީ.
މުުހުންމާ
24 August 2025
ސެޓިފައިޑް ނޫން މީހުން ލައްވާ އޭސީ ހަރުކޮށް ސާވިސް ކުރާތީ ވާގޮތް، މިހާރު ހުރިހާ އޭސީ ، ފްރިޖް ތަކުގަ ހުންނަނީ ފްލޭމަބަލް ގޭސް ، އަލިފާން ހިފާ ގޭސް.
ދޮންމޫ
24 August 2025
ކޮތަރުކޮއްޓަކަށްވުރު ކުޑަތަންކޮޅެއްމިލިބެނީީ ދެމަފިރިންނާއި ތިންކުދިންއުޅެން. މިހުންނަ ގިނައޭސީ އެއީ ހުޅުހިފާގޭސް އާރު32 ބޭނުންކުރަނީ ފެންވަރުދައް ކޭބަލް. ތަންކޮޅުކުޑަކަމުން ހުރިހާ އެއްޗެއްއެއްތާކު މިފަދަ ހިތާނމަވެރި ހާދިސާތަކުން އިބުރަތެއްހާސިލްކުރަންޖެހޭ