ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ (ވ) އާ އެކު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ (މ) އަދި ކުރީގެ ރައީސް މައިތިރްޕަލަ ސިރިސޭނާ (ކ) ރަސްމީ ހަފްލާއެއްގައި: ކުރީގެ ރައީސުން ގެންދަނީ ރަނިލް ހައްޔަރުކުރުން ކުށްވެރިކޮށް ވާހަކަ ދައްކަވަމުން. -- ފޮޓޯ: އޭއެފްޕީ
25 އޯގަސްޓް 2025 - 06:28
ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ ހައްޔަރުކުރުމަކީ ރޭވިގެން، ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި އެ ގައުމުގެ ކުރީގެ ތިން ރައީސުން ވާހަކަ ދައްކަވައިފި އެވެ.
ލަންކާގައި 2022 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރައީސްކަން ކުރެއްވި ރަނިލްގެ ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ރަނިލްގެ މައްޗަށް ކޮށްފައި އޮތީ ވަރަށް ކުޑަ އާދައިގެ ތުހުމަތެއް ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާނާގައި ބޭއްވި ޖީ77 ސަމިޓާއި ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް މަގުމަތީ އިނގިރޭސިވިލާތުގައި މަޑުކުރައްވައި އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެ ވަޑައިގަތުމުގެ ތުހުމަތެވެ. މި ދަތުރަށް ދައުލަތުން 55،000 ޑޮލަރު ހޭދަކޮށްފައި ވާއިރު އަމިއްލަ ބޭނުމެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަކީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހުކުރު ދުވަހު ރަނިލް ހައްޔަރުކޮށް ޖަލުގައި ބަހައްޓާފައި ވަނިކޮށް ހާލު ދެރަވެ އައިސީޔޫގައި ވަނީ ފަރުވާ ދޭން ޖެހިފަ އެވެ. ހިތުގެ ބައްޔާއި ހަކުރު ބަލި ވެސް ހުންނަ ރަނިލްގެ ހާލު ބޮޑުވީ ފެން މަދުވުމުގެ އިތުރުން ހަކުރާއި ލޭ ވަރަށް ބޮޑަށް މައްޗަށް ދިއުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ޑިމޮކްރަސީގެ އެންމެ އަސާސީ ކަންކަމަށް، ރޭވިގެން ހަމަލާ ދެމުން ގެންދާތަން،" ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އުމުރުން 80 އަހަރުގެ ކުމާރަތުންގާ ވިދާޅުވީ ރަނިލް ހައްޔަރުކުރުން ހަމައެކަނި ރަނިލްގެ ހައްގުތަކާ ހިސާބުން ނުނިމޭނެ ކަމަށާއި ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ވެސް މި ކަންކަމުގެ އަސަރުކުރާނެ ކަމަށެވެ.
"މި އަމަލުތަކާ ކަނޑައެޅިގެން އަޅުގަނޑު ދެކޮޅު ހަދަމެވެ. އަދި މިއީ ހުރިހާ ސިޔާސީ ލީޑަރުން ވެސް ދެކޮޅު ހަދަން ލާޒިމު ކަމެކެވެ." ކުމާރަތުންގާގެ ބަޔާނުގައިވެ އެވެ.
އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަތް މަހިންދަ ރާޖަޕަކްސަ، 79، ވަނީ ރަނިލްގެ ހާލު ބޮޑުވު އައިސީޔޫއަށް ގެންދިއުމުގެ ކުޑަ އިރުކޮޅެއް ކުރިން ޖަލަށް ޒިޔާރަތްކުރައްވައި ރަނިލްއާ ބައްދަލުކުރައްވައިފަ އެވެ. އަދި ރަނިލްއާ އެކު ހުންނެވިކަން ވަނީ ހާމަކުރައްވައިފަ އެވެ.
ރަނިލް ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރި ކުރީގެ ރައީސް މައިތުރިޕަލާ ސިރިސޭނާ، 73، ވިދާޅުވީ ރަނިލް ހައްޔަރުކުރީ ސީދާ އެ މަގުސަދުގައި މައްސަލައެއް އުފަންކޮށްގެން ކަމަށެވެ.
"މިއީ އާ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ނިޒާމީ ގޮތެއްގައި ކުރާ މަސައްކަތެއް،" ސިރިސޭނާ ވިދާޅުވި އެވެ. "ޑިމޮކްރަސީ ވަޅުލުމަށް އެ މީހުން އެ ދަނީ ސަންދޯއް ތައްޔާރުކުރަމުން."
ސިރިސޭނާގެ ވެރިކަމުގައި ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވަކިކުރިތާ 52 ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ އޭނާ އަލުން މަގާމަށް އިޔާދަކޮށްފަ އެވެ.
ރަނިލްގެ ޕާޓީން ބުނީ ސަރުކާރު ބިރުން އުޅެނީ ރަނިލް އެނބުރި ވެރިކަމަށް ވަޑައިގެންފާނެތީ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަތުން ބަލިވި ރަނިލް އިންތިހާބީ އެއްވެސް މަގާމެއްގައި ނެތް ނަމަވެސް ސިޔާސީ ގޮތުން ކުރައްވާ މަސައްކަތް ހުއްޓައެއްނުލައްވަ އެވެ.
ރަނިލް ހައްޔަރުކުރީ ދައުލަތުގެ ފައިސާ ނަހަމާ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތަށް ކަަމަށް ބުނާއިރު ރަނިލް ވިދާޅުވަމުން ގެންދަނީ އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަނަށް ވަޑައިގަތުމުގެ ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލައަށް ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުންމީ
25 August 2025
ލަންކާގެ ގާނޫނުތަށް ބުނާ ގޮތުގައި ކުރީގެ ރައީސުން ހައްޔަރުކުރުމަކީ ހުއްދަކަމެއް ނޫނެވެ. ވަރަށް ދޯހަޅިކޮށް ލިޔެފަ އޮތް ގަވައިދެއް، ރައީސެއް rdc ގެ އެމްޑީއެއް ނޯންނާނެ ރައްޔިތުންގެ ހަޒާނާއިން ވައްކަން ކޮށްފިޔާ ޖަލަށް ލެވެން ޖެހޭނެ.
ެެސާޖިދާ
25 August 2025
އެ ތިން މީހުންވެސް ވެރިކަމުގައި ތިބެ ކުރި ކަންތައް އެނގޭނީ ހަމަ އެ މީހުންނަށް. ވީމާ އެ މީހުން އެކަމާ ދެކޮޅު ހަދާނެ.