ބަންގްލާދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދަށް 2019 ވަނަ އަހަރުގެ އޯގަސްޓް މަހު ރޮހިންޖާއިންގެ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ
26 އޯގަސްޓް 2025 - 06:32
މިއަންމާގައި އަނިޔާލިބެމުންދާ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރޮހިންޖާއިންގެ ނަސްލު ނައްތާލިޔަ ނުދޭން މަސައްކަތްކުރުމަކީ މުޅި ދުނިޔެއަށް ވެސް އޮތް ޒިންމާއެއް ކަމަށް ގިނަ އަދަދެއްގެ ރޮހިންޖާއިން ހިމާޔަތް ހޯދަމުން އަންނަ ބަންގްލާދޭޝް އިން ބުނެފި އެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގެ ރެފިއުޖީ ކޭމްޕްތަކުގައި ރޮހިންޖާއިންގެ މިލިއަނަށް ވުރެ ގިނަ މީހުން އުޅެ އެވެ. މީގެ ތެރެއިން ގިނަ މީހުން އައިސްފައިވަނީ 2017 ވަނަ އަހަރު މިޔަންމާގައި އެ މީހުންނާ ދެކޮޅަށް ހިންގި އަސްކަރީ ހަމަލާތަކުން ސަލާމަތްވުމަށެވެ.
"ގަދަބާރުން މިއަންމާއިން ނެރެފައިވާ 1.3 މިލިއަން މީހުން ބަންގްލާދޭޝްގައި މިހާރު އެބަ ތިބި،" ކޮކްސް ބާޒާރު ސަރަހައްދުގައި ބޭއްވި އެހީގެ ކޮންފްރެންސެއްގައި ބަންގްލާދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ "ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް" ކަމަށެވެ.
އެހީގެ ކޮންފްރެންސް ބާއްވަނީ ރޮހިންޖާއިންގެ ހާލަތު ރަނގަޅުކުރުމާއި މިއަންމާއިން ނުކުންނަ މީހުންނަށް އަވަހަށް ރައްކާތެރިކަން ހޯދައިދީ އަނބުރާ ފޮނުވޭނެ ގޮތް ހެދުމާއި މިހާރު ވެސް އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ނުކުންނަމުން ދާއިރު އެ މީހުންނަށް އެހީވާނެ ވަސީލަތްތައް މަދުވަމުންދާ މައްސަލައިގަ އެވެ.
"މިއަންމާގައި އަނިޔާ ލިބެމުންދާތީ މިހާރުވެސް މިއަންމާއިން ދަނީ މީހުން ނުކުންނަމުން،" ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަތިޔާރުއެޅި ބަޔަކު، އާރެއްބާރެއް ނެތް ބައެއްގެ ނަސްލު އެއްކޮށް ނައްތާލަން މަސައްކަތްކުރާއިރު އެކަމާ ދެކޮޅަށް މަސައްކަތްކުރުމަކީ ކޮންމެ ގައުމަކަށް ވެސް އޮތް ޒިންމާއެއް ކަމަށެވެ.
"މިއީ ހަމައެކަނި ބަންގްލާދޭޝްގެ ޒިންމާއެއް ނޫން. ރޮހިންޖާއިންގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިވުން ބޭނުންވޭ،" ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ތިބި. ރޮހިންޖާއިންނަށް އެހީވުމުގައި ވެސް ބަންގްލާދޭޝް އަށް ދުނިޔޭގެ އެހީތިކަން ބޭނުންވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy