މައްސަލައެއްގެ ތަހުގީގަށް ފުލުހުން ސީނެއްގައި ހަރަކާތްތެރިވަނީ: ފުލުހުން ބުނީ ގޭންގު ކުށްތަކާ ބެހޭ ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 އޯގަސްޓް 2025 - 16:17
އިއްޔެ އަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ކުށްކުރާ ގްރޫޕްތަކުގެ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތްކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ އެކު، އެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް، މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރާއި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމުގެ އިންތިޒާމު ހައި ކޯޓު މެދުވެރިކޮށް ހަމަޖެއްސުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
"ހަމައެއާ އެކު، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގުކުރަމުންގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުން ދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެއީ، މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފެށީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 25 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްލާހު
28 August 2025
އެެއްވެސް ވަރަކަށް އިތުބާރު ނުކުރާ މުއައްސަސާއެއް..... ސިފަވަނީ ރަސްމީ ހައިސިއްޔަަތުން އޮޕަރޭޓް ކުރާ ގޭންގަކާ....
ޖަމީލު1
28 August 2025
ރާއްޖޭގައި ތިބި އެންމެ ކޮރަޕްޓް މީހުން މި ވާހަކަ ދައްކަނީ. ފުރަތަމަ ޕޮލްކޯ ތެރޭ ހާވާ ހަޑި ހުއްޓާލަން ވީނު
އަސަފަފަ
28 August 2025
ތިކަން ވާނީ އުމަރަށް
ޢަރުތަ
27 August 2025
ޤާނޫނެއް ނެތިގެންތޯ ކަންކަން ތަންފީޒު ނުކުރެވިފަ ތި ތިއްބަވަނީ، ކަންމަތީ ފިހާރަ ކޮށިގަނޑުގަޔާ ކެފޭތަކުގަ ބިދޭސީން ފައިސާ ކަނޑަން ތިބެނީ، އެކަމަށް ހަމަ ކުރެވޭނެ އެއްވެސް ކަމެއް ނެތިގެންތޯ، މީ ވަރަށް ކުޑަކުޑަ ކަމެއް އެކަމަކު ބޮއްސުން ލައިގެން ގޮސް ބަންޑުން ވެފަ އޮތް މައްސަލަ އެއް، ކޯޗެއް ތިހައްދަވަނީ!
ކުޑާ އިބީ
27 August 2025
ތިޔަކަން ވާނެ ބާ؟ މަޖިލީހުގައި އުޅުމަކީ މުއްސަނދިކަން ހައްގުވާ ގޮތެއްތަ އަދި؟
ރާވެރިބެ
27 August 2025
ނުހައްގު މުއްސަނދި ކަމުގެ އަޑި ހޯދާ ބެލުމަށް ތާއިދު. ބައެއް މަޖިލިސް މެމްބަރުންނާ ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިންނާ ސަރުކާރުގެ މަތީބޭފުޅުންގެ ބައެއް މީހުންގެ ދިރި އުޅުމުގެ ފެންވަރާ މުއްސަދިކަން ކުއްލިއަކަށް މައްޗަށް ދަނީ ކޮން ގޮތަކުންތޯ ބަލަން ޖެހޭ. ލިބޭ މުސާރައާ ނުބައްދަލު ބައިވަރު ކަންކަން. އެޕާރޓްމެންޓު ގަތުމާ ބިންގަތުމާ އަގު ބޮޑު ކާރު ގަތުމާ ބޭރުގައުމުތަކަށް އާއިލާ ގޮވައިގެން އެކުރާ ދަތުރުތަކުގެ ޚަރަދު ލިބެނީ ކިހިނެތްތޯ ބަލަން އެބަޖެހޭ!
ސަޅިބައިސާ 2.0
26 August 2025
ނުޙައްޤު މުއްސަނދިކަން އޮތީ ތި ތާނގައާ ދެންވެސް ފަހަތަށް "ކޯ" އަންނަ ތަންތާ . ހުރިހާ ކޯ ތަކަކަށް ފިތާލީމަ ފެންނާނެ ނުޙައްޤު މުއްސަނދިކަން.....
ސާސްސް
26 August 2025
ނުހައްޤުން ޕްރޮޖެކްޓް ހޯދައި ފައިސާހޯދަނީ، ކާކު ބަލަނީ؟ ފުރަތަމަ ބަލަންވީ ފުލުހުންގެ ތެރޭގަތިބި ނުހައްޤު މުއްސަދިން..
އެންމެން ހެޕީ
26 August 2025
ހުރިހާ ކަންމަތީ ފިހާރަތަކާ ކޮފީ ޝޮޕް ތައް ބޭރުމީހުން ލައްވާ ހިންގުވަނީ ޔުނިފޯމް އެޅި ބޭފުޅުން ނެވެ.
ވަރަށް ސާފު
26 August 2025
ނުވާނެ ތިކަމެއް....