ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް: ގައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ ދެ އަހަރަށް ފަހު
26 އޯގަސްޓް 2025 - 22:03
ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ދެ އަހަރަށް ފަހު ގައުމީ ސްކޮޑަށް ނަގައިފި އެވެ.
ދިގު މުއްދަތެއް އަނިޔާގައި ހޭދަ ކުރި ކީޕަރު މީގެ ކުރިން ގައުމީ ސްކޮޑްގައި ހިމެނުނީ ޖޫން، ޖުލައި 2023 ގައި އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑްގަ އެވެ. އަނިޔާގެ ސަބަބުން އެ މުބާރާތުގެ ފައިނަލު ސްކޮޑުން އޭނާ ބާކީ ކުރި އެވެ.
އަނިޔާ އަށް ފަރުވާން ހޯދަން ކުރި އޮޕަރޭޝަނަށް ފަހު ކުރިއަށްގެންދިޔަ އިންޖަރީ ރިހެބިލިޓޭޝަން ޕްރޮގްރާމާ އެކު ފައިސަލް މިހާރު ހުރީ ފިޓް ވެފަ އެވެ.
"އަލްހަމްދުﷲ މިހާރު މިހުރީ ފިޓްކޮށް. ލާމު އަތޮޅު މުބާރާތް ވެސް ކުޅެ ޗެމްޕިއަކަން ހޯދާފަ މިއައީ،" ބުރު ސްޕޯޓްސްގެ ކީޕަރު ބުންޏެވެ.
ފައިސަލް އަނިޔާގައި ހުރުމުން، މިދިޔަ ދެ އަހަރު ގައުމީ ޓީމުގައި ގޯލް ބެލެހެއްޓީ މާޒިޔާގެ ހުސައިން ޝަރީފެވެ. މި ވަގުތު އޭނާ ހުރީ އަނިޔާގަ އެވެ.
ކޮންމެ ބޮޑު މުބާރާތަކަށް ބިދޭސީ ކީޕަރަކު މާޒިޔާއިން ގެންނާތީ އެ ކްލަބުން ހުސައިން އަށް ކުޅެން ލިބޭ ފުރުސަތު މަދެވެ.
ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އެކުލަވާލި ފުރަތަމަ ސްކޮޑްގައި އުމުރުން 16 އަހަރުގެ އިލާން އިމްރާން ވަނީ ހިމަނައިފަ އެވެ. އެފްއޭއެމުން އޭޕްރީލް، މެއިގައި ބޭއްވި ނުރަސްމީ މުބާރާތުގައި އިލާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މީގެ ކުރިން ވެސް ޕްރިލިމިނަރީ ސްކޮޑުން އިލާން ޖާގަ ދީފައި ވެއެވެ.
ސްކޮޑުން ދެން ޖާގަ ދިން ޒުވާން ކުޅުންތެރިޔަކީ އުމުރުން 17 އަހަރުގެ އަހްޒަމް ރަޝީދެވެ.
ސްކޮޑުން މުޅިން އަލަށް ޖާގަ ދީފައިވާ ކުޅުންތެރިޔަކީ 19 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅުނު ހަސަން ރާއިދެވެ.
ގައުމީ ޓީމުގެ ކޯޗު ކަމަށް މޯހަން ހަމަޖެއްސީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. ލަންކާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ ދެ މެޗު ރާއްޖޭން ކުޅޭނެ އެވެ. އެ މެޗަށް ފަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖިކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަ ޗސދޗ
27 August 2025
މި ގޮތަށް ޤައުމީ ޓީމަށް ކުޅުންތެރިން ނަގަނިއްޔާ ވަރަށް ރަގަޅު ކުޅުންތެރިން ފެނިއްޖެ ގޯލް ކަޕުންވެސް، އެ ކުޅުންތެރިންނަށް ވެސް ޕްލިނިރަނީ ސްކޮޑުން ފުރުސަތު ދިނުމަކީ ވަރަށް ރަގަޅު ކަމެއް!