ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ސެންޓޭގެ ހެޓްރިކުން ޓީސީ ތިން ވަނަ އަށް

އުރީދު ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކުން 4-1 އިން ބީޖީ ސްޕޯޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗުގައި ފެނިގެންދިޔައީ މި ސީޒަނުގައި ސެންޓޭގެ ދެ ވަނަ ހެޓްރިކެވެ. އޭނާ ވަނީ ވިކްޓަރީ ކޮޅަށް ވެސް ހެޓްރިކެއް ހަދައިފަ އެވެ. ލަނޑު ލިސްޓުގެ އެއް ވަނައިގައި ސެންޓޭ އޮތީ މާޒިޔާގެ އަސަދުﷲ އަބްދުﷲއާ އެއްވަރަށް ލަނޑު ޖަހައިގެންނެވެ. ދެ ކުޅުންތެރިން ވެސް ވަނީ މި ސީޒަނުގައި ހަތް ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޓީސީ ތިން ވަނަ އަށް ޖެހިލީ ކުރިން އެ މަގާމުގައި އޮތް ޔުނައިޓެޑް ވިކްޓަރީ ރޭ ކުޅުނު މެޗުން އީގަލްސްއާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ލީގުގެ އެއް ވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ޓީސީ އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ފެށިގެން 20 ވަނަ މިނިޓްގައި ބީޖީގެ އިބްރާހިމް އަފްލާހް ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. ޓީސީން ލީޑު ނެގީ މެޗުގެ 39 ވަނަ މިނިޓްގަ އެވެ.

ޝަމްވީލް ގާސިމް (ބޮންޑާ) އޭރިއާ ބޭރުން ހުސްކޮށްލާފައި އަހުމަދު ފައްރާހަށް ދިން ބޯޅަ އޭނާ ވަނީ ހުސްކޮށްލާފައި ގޯލު ކުރިމަތީގައި ހުރި ސެންޓޭ އަށް ދީފަ އެވެ. ސެންޓޭ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ބީޖީ އޭރިއާ ތެރެެއިން ސެންޓޭ ފޮނުވާލި ބޯޅަ ބީޖީގެ ޕާކިސްތާން ކީޕަރު ހަނިފް ސާގިބް މަތަކުރި އެވެ.

ދެ ވަނަ ހާފް ފެށިގެން 11 ވަނަ މިނިޓްގައި ސެންޓޭ ވަނީ ޓީސީގެ ލީޑު ފުޅާކޮށްދީފަ އެވެ. މި ލަނޑަކީ ބީޖީ ކީޕަރު ހަނީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސެންޓޭ ޖެހި ލަނޑެކެވެ.

އޭގެ އަށް މިނިޓް ފަހުން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ އަލީ ނާފިއު އެވެ. ބީޖީ އޭރިއާ ތެރެއިން ނާފިއު ފޮނުވާލި ބޯޅަ ފުރަތަމަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް އެ ބޯޅަ އަރިމަތިން ހޯދުމަށް ފަހު ފައްރާހު ނަގައިދިން ހުރަހަކުން ނާފިއު މި ލަނޑު ޖެހީ ބޮލުންނެވެ.

ބީޖީގެ ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ ނައިޖީރިއާގެ މިޑްފީލްޑަރު ޑެނިއަލް ފިލަމޮން އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ކިންގްސްލީ އަލެޗީ ދިން ބޯޅައަކުންނެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު ޖަހައި ސެންޓޭ އޭނާގެ ހެޓްރިކު ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. ސެންޓޭ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީގެ ޔާމިން (ކ) ބީޖީ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗާ އެކު، ބީޖީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް މެޗުން ނިއުއާ ކުޅެ ވަނީ އެއްވަރުވެފަ އެވެ. މިރޭގެ މެޗަށް ފަހު ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ ލީގުގައި ބީޖީން އެންމެ ދަށްކޮށް ކުޅުނު ދުވަސް ކަމަށާއި ޓީސީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

"މުޅި ސީޒަނަށް ބަލާއިރު މިއީ ބީޖީ އެންމެ ދަށް ދުވަސް. ނަމަވެސް ކޮންމެވެސް ވަރަކަަށް ކުޅުނު. ޓީސީ އަށް ލިބުނީ ހައްގު މޮޅެއް. ސެންޓޭ ވަރަށް ފޯމުގައި ހުރި ދުވަހަކާ ދިމާވީ. އޭނާގެ ތަފާތު ކުޅުމެއް މި މެޗުން ފެނުނު،" ޝާޒް ބުންޏެވެ.

ޝާޒް ބުނީ ލީގު ބޮޑު ބްރޭކަކަށް ދިއުމުން އެއީ ފޯމުގައި އޮންނަ ޓީމަކަށް ލިބޭ ފަރަށް ބޮޑު ގެއްލުމެއް ކަމަށާއި ފޯމުގައި ނޯންނަ ޓީމަކަށް ރަނގަޅަށް ފަށަން ލިބޭ އެޑްވާންޓޭޖެއް ކަމަށެވެ.

"ލީގު ތިން ބުރު އެބައޮތް. ދިމާވެފައިވަނީ ނަތީޖާ ނެރުމުގެ މައްސަލަ. އެކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ޝާޒް ބުންޏެވެ.

ޓީސީގެ ގޯލް ކީޕަރު ޓްރެއިނަރު މުހައްމަދު އަހުސަން ބުނީ އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ލިބުނު ބްރޭކްގައި ކުރި ޕްރެކްޓިސްތަކުގެ ފައިދާ މި މެޗުގައި ނެގުމުން އެއީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިއަކު ނުލައި ގިނަ ޕްރެކްޓިސްތަކެއް ކުރީ. އެކަމަކު މިރޭގެ މެޗުން އެ ކުޅުންތެރިން ވެސް ވަރަށް މޮޅަށް ކުޅެގެން މި މޮޅުވީ. ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ މޮޅެއް މިއީ،" އަހުސަން ބުންޏެވެ.

ލީގުގައި މާދަމާރޭ ކުޅޭނީ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އެވެ. މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 29%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454