މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
28 އޯގަސްޓް 2025 - 11:10
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" ދިރާސާކުރަން ކަމާ ގުޅުހުން ހުރި އިދާރާތަކާއި ނޫސްތައް ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ދަނިކޮށެވެ. އިއްޔެ ބިލު ފާސްކުރުމަށް ފަހު އެ ބިލާ ގުޅޭ ކޮމިޓީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގޭ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ. އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން މިހާރު ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މައްސަލާގައި ރޭ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބިލްގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، ދިވެހިރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އޮތުމުންނެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. މި ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.
ބިލާ ދެކޮޅު ހެދުމުގެ ގޮތުން ސީނިއާ ނޫސްވެރިން ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބޭފުޅުން ވަނީ މި ބިލު އޮތް ގޮތުން ރާއްޖޭގައި މިނިވަން މީޑިއާ އެއްކޮށް ނެތިގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.
- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.
- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.
- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.
- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.
- ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމުން، ނޫސްވެރިންނަށް މައުލޫމާތު ހާމަކޮށް، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން. ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން.
- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހީހީ ސުލީހް
28 August 2025
އޭބަލަ ހަމަޖެހިބަލަ. ދައުލަތްން ހަރަދުކޮށްގެން މީޑިއާތައް ހިންގަނީ، ދެން ކޮންމިނިވަންކަމެއްގެވާހަކަ ތިދައްކަނީ
ރައްޔިތު މީހާާ
28 August 2025
ރޭޑިޔޯ، ޓީވީ، ނޫސްތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރާ އިއްޒަތް ނަގއިލާ، ކަނޑައެޅިގެން ބުހުތާނު ދޮގުތައް ފަތުރާ މީހުންނަށް އަދަބުދެވޭނެ ގޮތް ހެދުމާއެކު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިފަދައިން ކަންކަންކުރާ މީހުންނަށްވެސް ހަރުކަށި އަދަބު ދެވޭނެ ގޮތް ހަދަން ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަން. ހަތްއުޑުމަތިން ނަހީ ކުރައްވާފަ އޮތް ކަމެއް އެކަކަށްވެސް ހުއްދަ ކުރެވިގެން ނުވާނެ. ލެޔާ، މުދަލާ، އަބުރު އަގެއް ނުކުރެވޭނެ.
ހަޖަމުނުވި
28 August 2025
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫސްވެރިންނަށްވެސް ހަމަޖަމުނުވެ. ވަކި ކަމަކަށް ނިސްބަތްކޮށް ފަލާހު މަޖިލީހުގައި ބުނިއެތި ގޯސްވެއްޖެ. މީހުންގެ އަބުރާ އިއްޒަތް ނަގާލާ މީހުންނަށް އޭނާ ދެކޭ ގޮތުގައި ހަދަންވީ ގޮތުގެ ވާހަކަ ބުނީމާ ނިސްބަތްކުރީ ހުރިހާ ނޫސްވެރިންނަށް. އާދައިގެމަތިން ނޫސްވެރިން އޮޅުވާލީ. ވިޔާނުދާ ބޮޑު ފާހިޝްކަމަކާ މަތިކޮށް އޭނާގެ އަބުރު ކަތިލުމުގެ ޖަޒުބާތުގައި ހުރެ އޭނާ ހާމަކުރީ އެފަދަ ކަންކަން ކުރާމީހުންނަށް ދޭން އޭނާއަށް ފެންނަ އަދަބު.
ޖީހާން މުހައްމަދު
28 August 2025
މީޑިޔާތައް ރެގިއުލޭޓް ކުރެވެންޖެހޭ. ސަރުކާރުން މިކަން ކުރަން އުޅޭގޮތް ހަމަ ހަގީގަތުގައިވެސް ރަނގަޅު. ބޭނުންވަނީ ހަރުދަނާ މީޑިޔާތައް. ކަން ކުރާނެ ބަޔެއް.
ލުހާޒް މުހުސިން
28 August 2025
ކަން ކުރަންވާނީ ތަޖުރިބާ ކާރުންގެހިޔާލުވެސް ހޯދައިގެން. މިއަދު މިކަން މިދާގޮތަށް ގޮސް އެއްވެސް ބަޔަކަށް ގެއްލުން ނުވާނެ.
މުސާ ހާމީދު
28 August 2025
ސަރުކާރުން މިކަން މިކުރާ ގޮތް ހަމަ ވަރަށް ރަނގަޅު.ހިޔާލު ހޯދަންވާނެ.
ހަންނާނުގެ ހަންގަނޑު
28 August 2025
އެކަމަކު އެއްވެސް ޚިޔާލަކަށް ބަލައި ބިލަށް ބަދަލެއް ނުގެންނާނެ. އެކަމަކު ބުނާނެ މިބިލް އެކުލަވާލަން "ވަރަށް ފުޅާ ދާއިރާ އެއްގަ ރައްޔިތުންގެ ޚިޔާލު ހޯދީމެވެ." ޚިޔާލު ހޯދުމަކީ ހަމަ އެކަނި އަޑު އެހުމެއް ނޫން. މީޑިއާ އާ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ އެއާ އެއްގޮތަށް އަމަލު ކުރުން ހަންނާނުގެ ހަންގަޑަނޑު
އަހަރެން
28 August 2025
ނޫސްވެރިންގެ އިތުރުން ކުންފުނިތަކުގައި ހާއްސަކޮށް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގައި ކޯލް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއްނެތް. ކޮންޓްރެކްޓް އުސޫލުން ދިހަހާސްހަމަނުވާ މުސާރައެއްދީފައި އެމީހުން ތިބެންޖެހޭނީ ކަސްޓަމަރުންކިޔާހާއެއްޗެއްއަޑުއަހަން، އެހެންވީމާ ކިރިޔާ އަލިމަގެއްފެންނައިރަށް މިބުނާ މުވައްޒަފުން ވަޒީފާއިން ވަކިވެގެންދާ މިންވަރުބޮޑު. ސުޕަވައިޒަރުން ޓީމުލީޑަރުންގެޒާތްކޮޅުއެހާބޮޑު،
ިމިންވަރު
28 August 2025
ރައްޔިތުންގެ މަޖިލީހޭ ކިޔާތަނުން ރައްޔިތުންގެ ޚިޔާލު ހޯދަން ހުޅުވާލިޔަސް އެއްވެސް މީހަކު ތިޔަށް ޚިޔާލެއް ފޮނުވާނެހެން ހިއެއްނުވޭ، ކޮންމެ މީހަކަށްވެސް އެގޭ ތިއީ ބޭކާރު ކަމެއްކަން، ރައްޔިތުން ކިތަންމެ ރަގަޅު ޚިޔާލެއް ދިނަސް ޕާޓީ ލައިންއާ އެލައިން ނުވަންޏާ ބަލައި ނުގަންނާނެކަން އެގޭ، ދެން ކީއްކުރަންތޯ މޫނުމަތި ރީތިކުރަން ޚިޔާލު ހޯދަން އުޅެނީ، ތިޔަ މީހުން ކުރާ ކަންތައްތައް ނޭގިގެން އެއްވެސް މީހަކު ނޫޅޭ ވިއްޔާ
ރާވެރިބެ
28 August 2025
ތީ އާންމު ކަމެއް. ޚިޔާލު އަހާނެ. އެކަމަކު އެއްވެސް ޚިޔާލަކަށް ބަލައި ބިލަށް ބަދަލެއް ނުގެންނާނެ. އެކަމަކު ބުނާނެ މިބިލް އެކުލަވާލަން "ވަރަށް ފުޅާ ދާއިރާ އެއްގަ ރައްޔިތުންގެ ޚިޔާލު ހޯދީމެވެ." ޚިޔާލު ހޯދުމަކީ ހަމަ އެކަނި އަޑު އެހުމެއް ނޫން. މީޑިއާ އާ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ އެއާ އެއްގޮތަށް އަމަލު ކުރުން! މީޑިއާ އިން އެގޮވަނީ ތިބިލް ކުރިޔަށް ނުގެން ގޮސް މީޑިއާ އަމިއްލައަށް "ސެލްފް ރެގިއުލޭޓު" ކުރަން ބާއްވާށޭ. އެކަން ރަގަޅަށް ކުރަންވީ.