ބ. ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް ރިސޯޓް.
28 އޯގަސްޓް 2025 - 21:23
ބ. ކިހާދުއްފަރުގައި ގާނޫނާ ހިލާފަށް ރިސޯޓު ހިންގަމުން ދާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކިހާ މޯލްޑިވްސް ރިސޯޓު ހިންގާ ކިހާދުއްފަރަކީ އެ މިނިސްޓްރީ އާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ކިހާދުއްފަރުގައި ތަރައްގީކޮށްފައިވާ ރިސޯޓަކީ ޓޫރިޒަމާ ބެހޭ ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުންދާ ރިސޯޓަކަށް ނުވާތީ، ކަންކަން ރަނގަޅު ކުރަން މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ފުރުސަތު ދީފައިވާ ކަމަށެވެ.
ޝަރުތުތަކެއްގެ މަތިން އެ ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ކަންކަން ރަނގަޅުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މުއްދަތުގެ ފަހުން ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައި ނުވާ ކަމަށެވެ.
ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ރިސޯޓު ހިންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވާތީ އާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކިހާދުއްފަރުގައި ރިސޯޓު ހިންގުމަށް ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ތަކުރާރުކޮށް ހިލާފުވެފައި ވާތީ އާއި ގާނޫނާ ހިލާފަށް އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރިސޯޓު ހިންގާ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އަޅާތީ، ކިހާ މޯލްޑިވްސް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯހަލާކު1
03 September 2025
އަައްމު މީހާ އަތުން ވޭޕް އަތުލާހެން އަތުނުލެވެނީ ތޯ؟
އަޅި އަލީ
30 August 2025
ނުވާނެ ނުވާނެ! ކޮބާ އެމަރަލްޑް އިން އިމިގްރޭސަން މީހުން އަންނާތީ ރަށުން ބިދޭސީން ހުސްކުރި މައްސަލަ ވެސް އޮއްބާލާފަ! އެމަރަލްޑުން މޫދަްކުނި އުކި މައްސަލަވެސް އޮްބާލީ!
ޝިރުޕާ
30 August 2025
ލިޔުން މުޅިއަކުން ފުރިހަމައެއްނޫން... ސަރުކާރުން ގަބޫލުކުރާ މިންގަނޑުތަކަށް ނުފެތޭ ނަމަ ނުފެތޭ ސަބަބުތައްވެސް ފާހަގަ ކޮށްލަން ވާނެއްނު............................
ވަންޗޫ
30 August 2025
ހާދިހީވެއެ ތިއުޅެނީ އެކުންފުނި ހިންގާ މީހުންނަށް ދައުލަތުގެ ބަޖެޓުން ބަދަލުގެ ގޮތުގައޭ ކިޔައިފަ ބޮޑު އަދަދެއް ދޭންއުޅޭހެން! އަހަރެމެން ތިބޭނަން ނޯޓްކޮށްލައިގެން ކުޅިބަލަން!
ސާދަ
30 August 2025
ތިރިސޯޓްގެ ވިޔަފާރި ހުއްޓުވުމުގެ ބަދަލެއްގެ ގޮތުން އެތަން މިލިޔަނެއް ދައުލަތުން ދޭން ޖެހިދާނެ ހެން ހާދަހީވޭ!
ބަލަންތިބޭ
30 August 2025
މާދަމާ އެކުންފުނިން ނެރޭނެ ބަޔާނެއް. ގާނޫނާޚިލާފަށް އެރިސޯޓް ބަންދުކުރަން އެންގިކަމަށް.
ފީސަބަލް
29 August 2025
އޯކޭ! ކޮން ފިޔަވަޅެއްތޯ އަޅަން ޤާނޫނުގައި އޮތީ؟ ޖޫރިމަނާތޯ؟ ލައިސަންސް ބާތިލް ކުރުންތޯ؟ ކަން ނިމޭއިރު މިނިސްޓްރީގެ އިޙްމާލު އޮވެ ފިޔަވަޅު އެންމެ ފުރަތަމަ ވެސް ނޭޅުމުން ތިމައްސަލަ ނިމޭނީ!
ޢަލީ ކުރުސީ
29 August 2025
އަހަރެމެން އާދައިގެ މީހާގެ ވިޔަފާރި، މުއްދަތު ހަމަވެގެން އެންމެ ދުވަހެއް ވޭތުވިޔަސް، މީރާ އާއި އެކޮނޮމިކް މިނިސްޓްރީއިން ލޮލުފިޔަ ނުޖަހާނެ ކޮނެމެވެސް ޖޫރިމަނާއެއް ކޮށް އެކައުންޓް ފްރީޒްކޮށްފަ ނޫނީ! މުއްސަނދި މީހާއަަށް އިމްޕޯޓް ހުުއްދަތަކާއި، މުއައްޒަފުންގެ ކޯޓާއާއި، ޓެކްސް ނުދައްކައިގެން އަޅާ ފިޔަވަޅުތަކެއް ނެތް!
ކަތުރު
29 August 2025
މާނަ އަކީ 1 އަހަރުވަންދެން ޓެކްސް ނުދައްކާ ނުހައްޤު ވިޔަފާރި ކުރަމުން ދާ ބައެކޭ! މުދާ ވެސް އެތެރެ kuraane. ރަލާއި އޫރުމަސް ވެސް ކަސްޓަމްގެ ބޮންޑް އިން ބޭރުވެސް ކުރާނެ. ކޮބާ ކަމާއި ގުޅޭ މުޢައްސަސާ ތައް ކޮބާ ؟ މީރާ ކޮބާ ؟
ގޮނުއަނގަ
29 August 2025
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ކަންކަން ރަނގަޅުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.# ކިހާ ރަނގަޅު. ޢެއް.އަހަރު ދުވަސް ހިލޭ ސާބަހަށް ދޫކޮށްލާފައި މިއަދު ފިޔަވަޅު އަޅަން ނިންމީ. ޢަންނަ އަހަރުގެ 27 ސެޕްޓެމްބަރގަ ފިޔަވަޅެއް އެޅޭވަރުވާނެ ނަމަވެސް ހެޔޮތާ؟؟ މިވަރުވީމާ. ހަމަ ޒިންމާދާރު މުވައްޒަފުން ގިނައީ. އެހެންވުދޯ!!!!