29 އޯގަސްޓް 2025 - 20:32
ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު މިހާރަށް ވުރެ ވެސް އިތުރުކުރަން ކުރެވިދާނެ ބައެއް ކަންކަން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގް ޝިންހުއާ ހުށަހަޅުއްވައިފި އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
މިގޮތުން، ކޮވިޑު-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުގެ ކުރީގެ އަދަދުތަކާ އެއްވަރަށް މިހާރު ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަމުންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ނަމަވެސް، ސަފީރު ވިދާޅުވި ގޮތުގައި، އަހަރަކު 140 މިލިއަން ޗައިނާ މީހުން ޗުއްޓީ ހޭދަކުރުމަށް ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު، ރާއްޖެ އަށް އަންނަ މިންވަރު އިތުރުކުރުމުގެ ފުރުސަތު ވަރަށް ފުޅާކޮށް އެބައޮތެވެ.
ޗައިނާ ސަފީރު ކޮންގްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
އެކަމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ބޭނުން ރާއްޖޭން ދެ ކަމެއް ކުރަން ހުށަހަޅަން. އެއްކަމަކީ މާކެޓިން ވަރުގަދަކުރުން. ޗައިނާ ފަދަ ބިޔަ މާކެޓަކަށް ޕްރޮމޯޝަން ހަރަކާތްތައް ފުޅާކޮށްގެން ނޫނީ ނުވާނެ،" ސަފީރު ވިދާޅުވި އެވެ.
ދެވަނަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކޮށްދިނުމެވެ.
ރާއްޖޭގައި ގެނބިގެން މަރުވާ ޓޫރިސްޓުންގެ ތެރެއިން ޗައިނާ މީހުން ގިނަ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެފަދަ ހިތާމަވެރި ހާދިސާތައް މަދުކުރަން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރަންޖެހޭ ކަމަށެވެ.
"ރާއްޖެ އަށް ގިނަ ޗައިނާ ޓޫރިސްޓުން މި އަންނަނީ ކަނޑަށް އެހާ ފަރިތަ މީހުންނެއް ނޫން. އެކަމަކު ރާއްޖޭގެ ގުދުރަތީ ރީތިކަމަށް އެ މީހުންގެ ޝައުގުވެރިކަން ވަރަށް ބޮޑު. އެހެންވީމާ އެ މީހުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅިއްޖެ ނަމަރާއްޖެ އަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ މި އަހަރުގެ ފަހު ކުއާޓަރުގައި ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ފޯރަމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ދެ ގައުމު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން ހަރުދަނާ ނަތީޖާތަކެއް ނެރެވި، ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ މަންފާ ކުރާނެކަމަށް ސަފީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
31 August 2025
އަސްލު ވަރަށް ރަގަޅުވާހަކައެއް ، އުއްޗު ބުނާގޮތަށް ހޭދަކޮށްގެން އެއްޗެއް ލިބޭނީ ، ހަމަ އެގޮތަށް ކަންތައްތަށް ރަގަޅުކޮށްގެން އިތުރުވާނީ
ތިކަންވާނެ
30 August 2025
ތިކަން ނުވާންވީ ސަބަބެއްނެތް. ހަބަރުތައް ބަލާލާއިރު ވަރައް ގިނައިން ފެންނަ ހަބަރެއް ދުނިޔޭގެ ދެވަނައައް އެންމެރީތި ރަށައް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުއައި ޓުއަރިސްޓުންގެ އަދަދު 30 ކޮންމެވެސް ފަސެންޓެއް އިތުރުވިހަބަރު. އެބުނާ ސާވޭއެއްގަ ނެގި ވޯޓުން އެންމެ ރީތިރައްތަކަކައް ހޮވުނީ ދިވެހިރާއްޖެ އެކަމަކު ކޮންމެވެސް ސަބަބަކީހުރެ މިދިޔަ އަހަރާ އަޅާބަލާއިރު ޓުއަރިސްޓުން އައިއަދަދު މިއުޅެނީ 10% އައްވެސް އިތުރުނުކުރެވިގެން.
ގޮނުއަނގަ
30 August 2025
ގިނައިން މީހުން މަރުވަނީ ގެބިގެންކަން އެނގޭއިރު އެކަމަށް ފަރުވާ ކުޑަކޮށް މޫދަށް އެރެން ގެސްޓުން ފޮނުވަނީ ރިސޯރޓްތަކުގެ ކަންފަސޭހަ ވެރިން. މީހުން އެވަރަށް މަރުވާއިރުވެސް އެކަމަށް ސަމާލު ނުވަނީ ނޭނގިތެބެއެއްނޫން. ހަމަ ފަރުވާ ކުޑައީ. ތިމާމެން މިހިންގަނީ ކިހާވރެއްގެ މަސައްކަތެއްކަން އެގެންވާނެ. ރިސޯޓެ ހިންގުމުގެހުއްދަ ދިނުމުގެ ކުރިން ސަލާމަތީ ކަންކަމުގެ ސެޓްފިކެޓް ހެދެން ޖެހޭނެ. ނުރައްކާތެރި ޙާދިސާއަކަށް ފަރުވާކުޑަނަމަ ޖޫރިމާނާ ކުރަންވެސް ޖެހޭނެ
މެއްކު
31 August 2025
ބަލަ މިރާޢްޖެއަކީ ކޮންމެހެން ރިސޯޓް ހިންގަން ހުއްދައެއް ސަލާމަތީ ކަންތައްތައް ވަކި މިންގަނޑެއްގައި ބަހައްޓަންޖެހޭ ތަނެއްނޫން، އިހަށް ދުވަހު ނޫހުން ފެނުނީ ހިންގުމުގެ ހުއްދަ ބާތިލްވެ އެއްއަހަރު ފާއިތުވީއިރުވެސް ރިސޯޓެއް ހިންގާކަން، މިނިސްޓްރީ މީހުންނަށް ބަލާނުލެވުނު އެއްއަހަރު ވީއިރުވެސް، ކުރިންވެސް މަހުޖަނުގެ ގިނަ ރިސޯޓުތަކުއި ރާވިއްކަމުން ދިޔައީ ހުއްދަނެތި، ނަމަވެސް ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް މިއިންކަމެއް އެގޭ ކަމަކަށް ނުވޭ،
އަލީބެ
30 August 2025
ކިތައްމެ ސިޔާސީ ވެރިންނެއް ތިއްބަސް ތިވަރު އެއްޗެއްވެސް ބުނީ ޗައިނާ ސަފީރު. ޅަދުން ހަލާކު
ޖަގޭ
30 August 2025
ސަފީރު ފާހަގަ ކުރި ދެކަމަކީވެސް ހަމަ މިކުރަފި ސިކުޑިއަށްވެސް މާކުރިން ވިސްނުނުކަމެއް، ރިޒޯޓްތަކާއި ގެސްޓްހައުސްތަކުގައި ޗައިނާ ބަސްއިގޭ އަދި ފަތަންވެސް އިގޭ މީހުން ބޭތިއްބުމަކީ ވަރަށް މުހިންމުކަމެއް އެމީހުން ރިޒޯޓައް ނުވަތަ ގެސްޓް ހައުސްއަށް ރިސިވުކުރުމަށްފަހު ރާއްޖޭގެ ކަޑުގެ ކަރަންޓާއި އަދި ފުންމިންތަކާއި ބެހޭ މަޢްލޫމާތުދީ ބީޗުގައި ލައިފުގާޑުން ތިބޭ ގޮތައް ހަމަޖެއްސިއްޖެ ނަމަ އިންޝާﷲ އެފަދަ ހިތާމަ ހުރި ކަންކަން ދިމާނުވާނެ..
ސަލީމު އިދުރީސް
30 August 2025
ތީގެން އެގުނީ އާބާދީގެ ނިސްބަތުން ޗައިނާ މީހުނަނަކީ އެހާދަރު ކުރާބަޔެއް ނޫންކަން ނުވަތަ އެފަދަ ތަނަވަސްކަން ހުރިބަޔެއް ނޫންކަން އާބާދީގެ ބޮޑު ބަޔަކައް ފަތައްނޭގޭކަން1 ހުޅަގުޔޫރަޕުގަ ވިހާފަ ފޫޅު ނުވެޓެނީސް ފަތަން ދަސްކޮއްދޭ! ހުސްކައެނި ކުންފޫ ދަސްކޮއްގެން ފުރާނަ ސަލާމަތް ނުވާނެކަން ސަފީރައް ދަންނަވާ! ހުރިހާ ދިމާލަކުން މޫދައްފޭބޭ ބީޗުވިލާތަކާ ވޯޓަވިލާތައް ހުރި ގައުމަކައް ދަރު ވިއްކާ އެޖެންސީން ފޮނުވުމުގެ ކުރިން ފަތަން ދަސްކޮއްދީ މައްސަލަ ހައްލުވީ
މުހައްމަދުބޭ
31 August 2025
ބަލަ ޗައިނާ މީހުންނަށް މަޖުބޫރެއް ނޫނޭ ރާއްޖެ އަންނާކަށް، އަހަރަކު 140 މިލިއަން މީހުންގެ ތެރެއިން އަހަރެމެންނަށް މިއުޅެނީ 3 ލައްކަވެސް އަތުނުވެގެން، އެމީހުން އިތުރުކުރެވޭތޯ އަހަރެމެން ބަލަނީ އެއީ އަހަރެމެންގެ އާމްދަނީގެ ބޮޑު ބަޔަކަށްވާތީ، ރާއްޖެއޮތީ ޗައިނާ މީހުންނަށް ފަތަން ދަސްކޮށްދޭން މަޖުބޫރުކުރެވޭ ހާލަތެއްގައެއްނޫން، އަންނަ ކޮންމެ މީހަކަށް ލައިފްގާޑެއް ބަހައްޓައިގެންވެސް ރާޢްޖެއަށް އަންނަ މީހުން އިތުރުކުރެވޭތޯ ބަލަންޖެހެނީ އަހަރެމެން،
ބސ ސކ
30 August 2025
140 މިލިޔަން ޗައިނާ މީހުްނނަށް ފަތަން ދަސްކޮށްދީގެން އެއީ ހާދަ ބޮޑު އާއްމުދަނީއެއް ހޯދިދާނެ ކަމެކޭ. 140،000،000 × 10 ޑޮލަރު
ކޮންމެކުއްޖަކީ ފަތާކުއްޖެއް
29 August 2025
ޗައިނާގައި ފަތަންދަސްކޮށްދޭ ކުލާސްތައް ހިންގަންވީ.
ޙަސަން38837
29 August 2025
މިތާ ހުރި ޓުއަރިޒަމް މިނިސްޓަރ އަދި އެމްއެމްޕީއާރުސީގެ ވެރިންނަށް ވުރެ ރަގަޅު ވާހަކަ އެެެއް މި ދެއްކީ ..ގާބިލް މީހުން އަދި ވެސް ސަރުކާރުގައި މަދު