އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އީސީގެ އޮފިޝަލުން ވޯޓު ގުނަނީ: އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އީސީން އަންނަނީ މުވައްޒަފުން ހޯދަމުން.-- ފޮޓޯ: މިހާރު
30 އޯގަސްޓް 2025 - 18:50
އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތަށް މުވައްޒަފުން ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާ ވޯކް-އިން އިންޓަވިއުއަށް އިއްޔެ 100 ވުރެ ގިނަ މީހުން ހިނގައްޖެ އެވެ.
އީސީގެ ވެބްސައިޓުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ދެ ދުވަހަށް ކުރިއަށް ގެންދާ ވޯކް-އިން އިންޓަވިއުގެ ތެރެއިން އިއްޔެ ބޭއްވި ސެޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ކަލާފާނު ސްކޫލްގައި އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް 100 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުން ކަމަށާއި އެންމެ ގިނައިން ފޯމު ހުށަހަޅާފައި ވަނީ އޮފިސަރުންނަށާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި މިއަދު ހަވީރު 4 އިން ރޭގަނގު 10 އަށް ކުރިއަށްގެންދާ ވޯކް-އިން އިންޓަރވިއުގެ ތެރެއިން pic.twitter.com/CuWXg7MCZN
— Elections Commission (@ElectionsMv) August 30, 2025
އީސީގެ ވޯކް-އިން އިންޓަވިއުގެ ދެވަނަ ސެޝަން ހުޅުމާލެ 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި މިއަދު އަންނަނީ ބާއްވަމުންނެވެ. ވޯކް-އިން އިންޓަވިއު މިރޭ 10:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ވޯކް-އިން އިންޓަވިއުއަށް ދާއިރު އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެންދިއުމަށް އީސީން ވަނީ އެދިފަ އެވެ. އަދި ޝަރުތު ހަމަވާ މީހުން ފޯމު ހުށަހެޅުމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ކައުންސިލް އިންތިހާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އީސީން ވަނީ އިއުލާންކޮށްފަ އެވެ.
ވޯކް-އިން އިންޓަވިއުއަށް ފަހު އެ މަގާމުތަކަށް މުވައްޒަފުން ހަމަނުވާ ނަމަ، އެ މަގާމުތަކަށް އިއުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، އަންނަ މަހު އެކަކުން ފެށިގެން ކޮންމެ 15 ދުވަހަކުން މަގާމަށް ކުރިމަތިލާފައިވާ މީހުން އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެ ކަމަށް އީސީން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިމާވެށި
30 August 2025
ބިދޭސީން ގައުމު ހުސްކޮށްލައިފި އެވެ. ވިޔަފާރި ތަކުން ލިބޭ ހުރިހާ ފައިސާ އެއް ޑޮލަރަށް ހަދާ ގައުމުން ބޭރަށެވެ. ސަރުކާރުން މިކަމުގެ ތެރެއަށް ވަނުން ލަސް ވެއްޖެ އެވެ.
އައިމިނަ
30 August 2025
ވަރަށް އަތްމަތި ދަތިކޮށް އެއްމެންވެސް އުޅެނީ. ވަޒީފާތަކުގެ ވެރިން ނޫނީ. އެހެންވީމަ ދާނެ.
ކޮރަލް
30 August 2025
މާލޭގަ އެތައް ހާސް ވަޒީފާ އެއް އޮތް އިރު އެންމެ ދިވެއްސަކަށް ވެސް ވަޒީފާ ނުދެ އެވެ. ބިދޭސީ އަންހެނުންނަށް އޭބީސީޑީ ނޭނގުނަސް މަތިންދާ ބޯޓް އިން ފައިބާ އިރަށް ވަޒީފާ ލިބެ އެވެ. ދުވާލަު ރެސްޓޯރަންޓް އަށް ފައިދާ އަށް 10 ހާސް ރުފިޔާ ލިބުނަސް އެންމެ ދިވެއްސަކަށް ވެސް ވަޒީފާ ނުދެ އެވެ. ސަރުކާރު ވަނީ އިހްމާލް ވެފަ އެވެ. ހުސް ބިދޭސީންގެ ވިޔަފާރި އެވެ. ހުރިހާ ފައިސާ އެއް ބޭރަށެވެ. ދިވެއްސަކު ފެންނަން ނެތި ވިޔަފާރި ނުކުރެވޭ ގޮތަށް ހަދަން ވީ އެވެ.
ޖަންޖަބީލް
31 August 2025
މިހެންވަނީ ދިވެހިންގެ ކަންނެއްކަމުން. ވަޒީފާއެއް ލިބުނަސް އެތާ ރަނގަޅަކަށް ނޯޅޭނެ. އޮފީހަށް ވަންނަގޮތަށް ދާންވީ ކޮފީއަށް. ދެން މުޅިދުވަސް ކޮފީގަ. އަނެއްކަމަކީ ބޭރުމީހުން ރާއްޖެ ގެންނަނީ ހަމަ ދިވެހިންނޭ. ދެންކޮން ޝަކުވާއެއް؟