01 ސެޕްޓެމްބަރ 2025 - 19:33
ލ. އަތޮޅުން ރޭ ފުރި "ކޮލަމާ" ބޯޓުގެ ކެޕްޓަން އާދަމް ސައީދު މިއަދު ނިޔާވީ ބޯޓުގެ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ފައިބައިގެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ކޮލަމާފުށި ކައުންސިލުން ބުނެފި އެވެ.
ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށެވެ. މާލެއިން މުދާ ހިފައިގެން އެކި ރަށްތަކަށް ދަތުރުކުރާ އެ ބޯޓުގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު މެންދުރު 1:25 ހާއިރެވެ.
ބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް ކުރަމުން އަންނަނިކޮށް އެ ބޯޓުގެ ޚަބަރެއްވީ މިއަދު ހަވީރު ހަތަރެއް ޖެހި ފަހުންނެވެ. އެކަމަކު އޭރު މައުލޫމާތު ލިބުނު ގޮތުގައި ބޯޓުގެ ކެޕްޓަން އަދި ބޯޓުގެ ވެރިޔާ ކަމަށްވާ ކޮލަމާފުށީ، ދޮންވެލި، އާދަމް ސައީދު، 66، ވަނީ ނިޔާވެފަ އެވެ.
ހާދިސާ ހިނގިއިރު ބޯޓުގައި ދެން ތިބީ ސައީދާ އެކު މަސައްކަތްކުރާ ބިދޭސީންނެވެ.
ކޮލަމާފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ވަހީދު، "މިހާރު" އަށް ވިދާޅުވީ ސައީދު ނިޔާވީ ކަރަންޓުގައި ޖެހިގެން ކަމަށް ވެސް ޝައްކު ކުރެވޭ ކަމަށެވެ. އޭނާ ނިޔާވީ އޮޓޯ ޕަމްޕުގައި މައްސަލައެއް ދިމާވެގެން އެ ވީ ގޮތެއް ބެލުމަށް އިންޖީނު ރޫމަށް ފޭބި ވަގުތު ޝާފްޓްގައި އަޅައިގަނެ، އޭގައި އޮޅިގެން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"އޭގައި ސަސްޕެކްޓް ކުރާ އޭންގަލެއް އެއީ [ކަރަންޓުގައި ޖެހިގެން ކަަމަށް]. އެ ވާ ގޮތަކީ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން ކެޕްޓަން ފޭބި ކަމަށް ވަނީ. ފޭބި ގަޑީގައި ޝާފްޓްގައި އަޅައިގަނެގެން ޝާފްޓް ތެރެއަށް ދަމާލީ ކަމަށް ވަނީ. ދެން އެގަޑީގައި ލިބުނު ޒަހަމްގައި ނިޔާވީ ކަމަށް ވަނީ،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ސައީދަކީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް ބޯޓު ދުއްވުމުގައި އުޅޭ މީހެކެވެ.
އޭނާ ވިދާޅުވީ ރޭގައި ހިނގާދިޔަ އެ ހާދިސާގެ މައުލޫމާތު ރަށާ ހިސާބަށް ނުލިބި އޮތީ ރޭންޖު ނުލިބޭ ހިސާބެއްގައި ބޯޓު އޮތުމުން ކަމަށެވެ. އަދި ބޯޓުތައް ދަތުރުކުރަމުންދާ ސަރަހައްދު ބެލުމަށް ބޭނުންކުރާ "ފޮލޯމީ" ގެ ރޭންޖު ވެސް ނުލިބޭތީ ބޯޓު އޮތް ހިސާބެއް ނޭނގުނީ އެވެ.
ބޯޓުގެ ޚަބަރެއްވީ ގދ. އަތޮޅާ ވަރަށް ކައިރިވެފައި ވަނިކޮށެވެ.
"އެ މީހުން އިންޖީނު ރޫމުން ފަހުން ސަލާމަތް ވެގެން ބޯޓު ދުއްވާފައި އެ އޮތީ. ދުއްވާފައި އޮއްވައި އަތޮޅާ ވެސް ވަރަށް ކައިރިވެފައި އޮތީ. ދެން ފޮލޯމީއަށް ވެސް ރޭންޖު ލިބިގެން މިކޮޅަށް މައުލޫމާތު ލިބުނީ،" ވަހީދު ވިދާޅުވި އެވެ.
ބޯޓުގެ ބައެއް ކްރޫންނާ ހަވާލާދީ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ސައީދުގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާތަކެއް ފެންނަން ހުއްޓެވެ. އޭނާގެ ހަށިގަނޑު ބޯޓުން ނަގައިގެން ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު.
02 September 2025
ކައުންސިލް ތަކަކީ ތަހުގީގީ ދާރާތަކެއް
ވަސްކޮޑަގާމާ
02 September 2025
ބޯޓުގެ ޚަބަރެއްވީ ގދ. އަތޮޅާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. ގއ އަތޮޅާއި ކައިރިނުވެތޯ ގދ އަތޮޅާއި ކައިރިވެގެން ތިއުޅެނީ، ނޫސްވެރިންނަށް ރާއްޖޭގެ ޖިއޮގްރަފީ އެއްވެސް ވަރަކަށް އެގޭބާ،
ސޭފްޓީ އިންޖިނޭރު
02 September 2025
ޝާފްޓް ކަވަރު ކުރުން ލާޒިމް ކުރުން ކިހިނެއް ވާނެ ބާ؟ ޕާފޮރޭޓެޑް ޝީޓަކުން ވިޔަސް. މިއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން. އަދި ފާޅުކަން ބޮޑު ރިސްކެއް މިއީ ހުރިހާ ދޯންޏެއްގަ ވެސް ހުންނަ. ރިސްކު ކުޑަ ކުރުމަކީ ރައްކާތެރި ގޮތް
ދޮހޮއްތުބެ
02 September 2025
ޕޯސްޓް މޯޓަމް މުހިއްމު
އެޑްމުންޑޯ
02 September 2025
އިންނާލިއްލާހި ވައިންނާ އިލައިހި ޜާޖިޢޫން ، ހެޔޮރަހްމަތްލައްވާ ފާފަ ފުއްސާދެއްވުން އެދި ދުއާކުރަން .
ވޭމަންޑޫ
02 September 2025
ތިޔަށްވުރެ ބޮޑަށް ހިފީމަ ދެންޖެހޭނީ ޕޯސްޓްމޯޓަމް ހަދަން އޭރުން ހަށިގަނޑުގެ އެތެރޭގެ ހުރިހާ ގުނަވަނެއް ނަގާފައި އެޔާ ސުވާލު ކުރީމާ ޖަވާބުދޭނެއެވެ އާއިލާއަށް ލިބޭނީ ތޮށިގަނޑު ހުރިހާ ތަކުލީފެއް މައްޔިތާއަށް ޕޯސްޓްމޯޓަމް ހަދަނީ ޑޮކްޓަރު ކަންކިޔަވާކުދިންނަށް ކަފާނޭގޮތާއި ފަޅާނޭގޮތުގެ ތަޖުރިބާ ހޯދާދިނުމަށް ކުރާކަމެއް ތީ ޕޯސްޓްމޯޓަމް ހެދުމަކީ އާއިލާއަށް ވާ މޮޅެއް ނެތް ޑޮކްޓަރުކަން ކިޔަވާމީހުނަށް ތަޖުރިބާ ލިބޭނީ
މިސް
02 September 2025
އެވެސް ރަގަޅު ކަމެއްތާ، މޮޅު ޑޮކްޓަރުން އުފެދުނީމާވެސް ފައިދާ ކުރާނެތާ
ބަހާރުމޫސުން
02 September 2025
ޑޮކްޓަރައްލިބޭ ތަޖުރިބާ ޑޮކްޓަރައް ދައްކާ އެންމެނައްވެސް މުހިއްމުވާނެއެވެ.ގަބީލާ ވިސްނުން ދޫކޮއްލަން އެބަޖެހެއެވެ.
ވޭމަންޑޫ
02 September 2025
ތިޔަށްވުރެ ބޮޑަށް ހިފީމަ ދެންޖެހޭނީ ޕޯސްޓްމޯޓަމް ހަދަން އޭރުން ހަށިގަނޑުގެ އެތެރޭގެ ހުރިހާ ގުނަވަނެއް ނަގާފައި އެޔާ ސުވާލު ކުރީމާ ޖަވާބުދޭނެއެވެ އާއިލާއަށް ލިބޭނީ ތޮށިގަނޑު ހުރިހާ ތަކުލީފެއް މައްޔިތާއަށް ޕޯސްޓްމޯޓަމް ހަދަނީ ޑޮކްޓަރު ކަންކިޔަވާކުދިންނަށް ކަފާނޭގޮތާއި ފަޅާނޭގޮތުގެ ތަޖުރިބާ ހޯދާދިނުމަށް ކުރާކަމެއް ތީ ޕޯސްޓްމޯޓަމް ހެދުމަކީ އާއިލާއަށް ވާ މޮޅެއް ނެތް ޑޮކްޓަރުކަން ކިޔަވާމީހުނަށް ތަޖުރިބާ ލިބޭނީ
raajje
01 September 2025
ކަރަންޓުގަޖެހެނީކިހިނެއް؟ ކިހާވަރެއްގެކަރަންޓެއް އުފައްދާ ނުވަތަ ބޭނުންކުރާ އިންޖީނުރޫމެއްއެއީ؟ އާންމުކޮށް ދޯނިފަހަރުގެއިންޖީނުގައި ބޭނުންކުރަނީ 24 ވޯލްޓުގެ ޑީސީ ކަރަންޓު، އެއީ އިޖީނުސުޓާޓުކުރަން އަދި ބައެއްފަހަރު އިންވަރޓަރ ފަދަ ތަކެތިބޭނުންކޮށްގެން ޑީސީކަރަންޓުން އޭސީ 220ވޯލްޓު އުފައްދާ، ގިނަފަހަރު އިންވަރޓާ ބަހައްޓާފައިހުންނާނީ އިންޖީނުރޫމުންބޭރުގަ، ހައިވޯލްޓޭޖުބޭނުންކުރާނަމަ ސަރކެޓްބުރޭކާ އީއެލްސީބީ ފަދަ އާލާތްތައް ހަރުކޮށްފައިހުންނަންވާނެތާ!
raajje
02 September 2025
ޑީސީ ކަރަންޓުވިޔަސް އަދި އޭސީ ކަރަންޓުވިޔަސް 24ވޯލްޓުގައި ޖެހިގެން އެއްވެސްކަމެއްނުވާނެ، ގާތްގަނޑަކަށް 60ވޯލްޓު އާހަމަޔަށް ރައްކާތެރިކަމާއެކު އަތްލާހެދޭނެ މާނައަކީ ޖެހުނަސް ޝޮކެއްނުލިބޭނެ އަދި އެއްވެސްކަމެއްނުވާނެ، އެހެންވެ ދޯނީގެ އިންޖީނުރޫމުން ކަރަންޓުޖެހުނީކަމަށްވެދާނެޔޭ ބުނާތީ ސުވާލުމިއުފައްދަނީ!
ސަލީމާ އަލީ
01 September 2025
ފުލުހުންނޫންމީހުން ތަހްޤީޤް ކުރަންފެށީމަ މިހާރު ހިތްހަމަޖެހޭ. މިހާރު ތަހްޤީޤްކޮށްލެވޭނެ ކޮފީއިން، އަދި ޓިކްޓޮކުން ހުކުމް ކޮށްލައިފަ، އިންސްޓަގްރާމަށް ޖަލަށް ލީމަ އޯކޭ، ޖޫރިމަނާ އަހަރުމެންގެ ބޭންކެއް %50 އިންޓަރެސްޓާއި އެކު 22ރ ޑޮލަރު ރޭޓުން ދެއްކީމަ ރަގަޅުވާނެ. ރިޝްވަތެއްދޭން ބޭނުންނަމަ ޖެހިގެން ހުރި މީހާއަށް ދިނަސް ޤަބޫލު ކުރާނެ. ލޯޔަރެއްބޭނުންނަމަ މާރުކޭޓްކައިރި ކަންމަތީ މަގުމަތީ ފިހާރަހަދައިގެން އުޅޭ ހުރިހާ ކުދިންވެސް ރަގަޅުވާނެ.
ދުމްމ
01 September 2025
ކަރަންޓުގަ ޖެހިގެން ކަމަށްވެސް ޝާފްޓްގަ އޮޅިގެން ކަމަށްވެސް ބެލެވޭ. މި ދެކަންތައް އެއްކޮލުމުން ނިކުންނަ ނަތީޖާއަކީ ކަރަންޓުގަ ޖެހިގެން ލިބުނު ޝޮކްގަ ޝާފްޓް މައްޗަށް ސައީދު ވެއްޓި ޝާފްޓްގަ އޮޅިގެން ހިނގި ކަމެއްކަން..